"ސްޓްރެސް" އާމެދު ކަންބޮޑުވާ މީހުންނަށް އެކަމުން ސަލާމަތްވެ ތިބެވޭނެ ދުނިޔެ ޙާޞިލުކުރުން ނޫން ގޮތެއް ނޯންނާނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
"ސްޓްރެސް" އާމެދު ކަންބޮޑުވާ މީހުންނަށް އެކަމުން ސަލާމަތްވެ ތިބެވޭނެ ދުނިޔެ ޙާޞިލުކުރުން ނޫން ގޮތެއް ނޯންނާނެ!: ޑރ. ޔާސިރު ޤާޟީ

ކުރިންވެސް ބަޔާންކުރި ފަދައިން މިއަދު އެންމެ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމަކީ "ސްޓްރެސް" އާއިއެކު ދިރިއުޅެން ޖެހުމެވެ. އެމީހުންނަށް ބުނެލަން އޮތީ މިދުނިޔެއަކު އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. އެކަމުން ސަލާމަތްވެ ތިބެވޭނީ "ސްޓްރެސް ފްރީ ވޯލްޑް" ގައެވެ. އެއީ އާޚިރަތް ދުވަހެވެ.

އެދުވަހުން މުއުމިނުނަށް ވަނީ ދާރުއްސަލާމެވެ. އެއީ އެއްވެސް ހިތާމައެއް، ހިތްދަތިކަމެއް، އަދި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްވެސް ކުރިިމަތިވާނެ ތަނެއް ނޫނެވެ. އެތަނުގައި އޮތީ އުފަލާއި އަރާމެވެ. ހިތްހަމަޖެހުމެވެ. އެތަނުގައި ދާނީ އެމީހަކު ހިތް އެދޭ ހުރިހާ ކަންކަމެއް ވަޤުތުން ޙާޞިލުކުރެވެމުންނެވެ. އެކަމަސް އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެއެވެ. އިންތިޒާރެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ދުލުން ބުނެ އެދޭކަށްވެސް ނުޖެހޭނެއެވެ. ހިތަށް އަރުވައިލުމާއިއެކު އެކަމެއް ދާނީ ޙާޞިލުކުރެވެމުންނެވެ.  

އެހެނަސް އަތަން ޙާޞިލުކުރެވޭނީ މިއަދު ކުރިމަތިވާ "ސްޓްރެސް"އަށް ކެތްތެރިވި މީހުންނަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުނު ބައަކަށެވެ. އެނޫން ބައަކަށް އެތަން ޙައްޤެއް ނުވާނެއެވެ. ޙައްޤު ނުވާ މީހަކަށް އެތަނަކަށް ނުވަދެވޭނެއެވެ.  

މިތަނުގައިވެސް ބުނެލަން ބޭނުންވަނީ ހަމަ އަބަދުވެސް މިބުނާ ވާހަކައެވެ. "މިދުނިޔޭގައި "ސްޓްރެސް" ކުރިމަތިވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބެވެ. އެ ޖަވާބަކީ "ސްތްރެސް ފްރީ ވޯލްޑް" ބޭނުންވަނީ ކޮން ބައަކުކަން ބެއްލެވުމަށްޓަކައި ﷲ ތަޢާލާ މީސްތަކުން އިމްތިޙާން ކުރައްވަވާތީއެވެ.  

ދުނިޔެއަށް އަހަރެމެން ފޮނުއްވެވީވެސް އަދި ޢުމުރު ހަމަވުމުން ފުރާނަ ހިއްޕަވަނީވެސް މީސްތަކުން އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. އެއިމްތިޙާނުގައި މީހާ ކުޅަ ޢަމަލުތަކުގެ ޙިސާބު ބެއްލެވުން ވަނީ އަނެއް ދުނިޔޭގައެވެ. އެއީ އާޚިރަތް ދުވަހެވެ.  

ކަލޭމެންނަށް ތިއަ އުޅެނީ މީސްމީހުން ފޭސްބުކްގައާއި އިންސްޓަގްރާމްގައި ލިޔާ ތަކެތި ފެނިގެންނެވެ. ތިމާ މިއުޅެނީ ހިތްހަމަޖެހިގެންކަމަށް އެލިޔާ މީހުންނަކީ ދޮގުވެރިންނެވެ. އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ހުރިކަމަސް ބުނާނަމަ އެމީހަކު އެހަދަނީ ހަމަ ވަރަށް ބޮޑު ދޮގެކެވެ.  

ވިސްނައިލާށެވެ! ތަނަވަސްކަމުގައި އުޅޭ މީހުންވެސް އަދި ތަނަވަސްކަން ނެތް މީހުންވެސް އުޅެނީ ހަމަ ސްޓްރެސް އާއިއެކުގައެވެ. ދަރިން ލިބިފައިވާ މީހުންނާއި ދަރިން ނުލިބޭ މީހުންވެސް އުޅެނީ ހަމަ ސްޓްރެސް އާއިއެކުގައެވެ. ކައިވެނިކޮށްގެން ތިބި މީހުންނާއި ކައިވެނި ނުކުރެވިފައި ތިބި މީހުން ވެސް އުޅެނީ ހަމަ ސްޓްރެސް އާއިއެކުގައެވެ. ދިރިއުޅުމުގެ މިޙަޤީޤަތް ދޮގަކަށް ނުހެދޭނެއެވެ.  

އިބުނު އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މިދުނިޔެއިން އުފާވެރިކަމެއް ލިބިއްޖެނަމަ އެކަމަކުން އެމީހަކަށް އުފާވެރިކަން ލިބުނު ނިޞްބަތަކުން ހިތާމައާއި ހިތްދަތިކަން ގެނެސް ނުދޭނެ ހަމަ އެއްވެސް ކަމެއް މިދުނިޔެއަކު ނުވެއެވެ."  

ހިތާމަ އާއި ހިތްދަތިކަން އެމީހަކަށް ނުލިބޭނެ އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ރަނގަޅު ގުޅުމެވެ. އެނޫން ކޮންމެ ކަމަކުން އެމީހަކަށް ހިތާމައާއި ހިތްދަތިކަންވެސް ދާނީ ލިބެމުންނެވެ.   

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން