ގާތް މީހަކު މަރުވެއްޖެނަމަ އެއީ ސުވަރުގެދާން ތިމާއަށް ލިބޭ ޓިކެޓެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ގާތް މީހަކު މަރުވެއްޖެނަމަ އެއީ ސުވަރުގެދާން ތިމާއަށް ލިބޭ ޓިކެޓެއް!: މުފްތީ މެންކް

ގިނަ ބައަކު އެންމެ ބޮޑަށް ދެރަވެ މާޔޫސްވާ އެއް ސަބަބަކީ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މައިންބަފައިން ނުވަތަ އެނޫންވެސް ގާތް މީހަކު މަރުވުމެވެ. ނަމަވެސް އެއީ އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. އެއީ އެމީހަކު ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ޓިކެޓެކެވެ. އެހެނަސް ޝަރުޠަކާއިއެކުގައެވެ. އެއީ އެޓިކެޓްގައި ދަތުރުކުރަން އެނގުމެވެ. 

މިޘާލެއް ބުނެލާނަމެވެ. އެއްވެސް ހިތްދަތިކަމެއް ކުރިމަތިވެފައި ނުވާ މީހެކެވެ. އޭނާ ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އެމީހަކަށް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެހެނަސް އެމީހަކު ޝުކުރުވެރިވެ ސުވަރުގެދާން މަސައްކަތެއް ނުކުރެއެވެ. 

އޭނާއަށް ދެއްވަވާފައިވާ އަގުބޮޑު ކާރުގައި ޢާއިލާގެ އެންމެން ގޮވައިގެން ދަތުރުކުރަނިކޮށް އެކްސިޑެންޓެއްވެފައި ކާރު އެކުގައި ހަލާކުވަނީއެވެ. އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ. އެވަރުންވެސް ޝުކުރުވެރިވެ ﷲ ތަޢާލާ އާއި ކުއްތަންވުމަކަށް މަސައްކަތެއް ނުކުރެއެވެ. 

ދެން ﷲ ތަޢާލާ އެމީހެއްގެ އެންމެ ގާތް، އެންމެ ލޯބިވާ މީހެއްގެ ފުރާނަ ހިއްޕަވައިފާނެއެވެ. އެއިރުން ވަރަށް ދެރަވާނެއެވެ. އެހިސާބުން ވިސްނަންވީ ވީހައި ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރުމަށެވެ. އެހެނީ އެކަން އެގޮތަށް މިންވަރުކުރައްވަވަނީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. އެގޮތަށް ކަންކަން މިންވަރުކުރެއްވެވުމުންވެސް ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހަކު ކަމުގައިވުމަށެވެ. 

އެއީ އެމީހަކު ސުވަރުގެ ދިއުމަށް ދެއްވެވި ޓިކެޓެއްކަމަށް މިބުނަނީ އެހެންވެގެންނެވެ. އެޓިކެޓް ދެއްވެވި ނަމަވެސް ސުވަރުގެ ވައްދަވާނީ މިބުނިމަގުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރިނަމައެވެ. ޝަރުޠުތަކަކާއިއެކު ދެއްވަވާ ޓިކެޓެއް ކަމަށް މިބުނަނީ އެހެންވެގެންނެވެ. 

ހަމައެކަނި މީހަކު މަރުވުމެއް ނޫނެވެ. ތަކްލީފެއް އުފުލަން ޖެހުނަސް، ހިތްދަތި ޙާލަތެއް ކުރިމަތިވިނަމަވެސް ހަމަ މިވިސްނުމުން ވިސްނަން މިބުނަނީ އެހެންވެގެންނެވެ. އެ ސަބަބުތައް ހުރުމުންނެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ޝަކުވާ ކުރަމުން ހިނގަން ފެށުމުގެ ބަދަލުގައި ތިމާއަށް ޢަމަލުކުރެވޭ ގޮތާއިމެދު ވިސްނާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އަވަހަށް އިޞްލާޙްކުރާށެވެ. ނަމާދުތަކާއި އެހެންވެސް އަޅުކަންކުރުން ގިނަކުރާށެވެ! 

މިގޮތަށް މާނަކުރާށެވެ! ތިބާއަށް ގަދައަޅައި މަސައްކަތްކުރެވެމުން އަންނަނީ ދުނިޔެ ހޯދާށެވެ! ﷲ ތަޢާލާ އެއަންގަވަނީ އެކަން ހުއްޓާލައި ދުނިޔެ ޙާޞިލުކުރަން ކުރާ މަސައްކަތްތަކަށްވުރެ އާޚިރަތް ޙާޞިލްކުރަން ކުރާ މަސައްކަތް އިތުރުކުރުމަށެވެ. 

ދުނިޔެއާ އަދި އާޚިރަތްވެސް ކާމިޔާބުކުރެވުން އޮތީ މި ވިސްނުމުގައި ކުރިއަށްދާން މަސައްކަތްކޮށްގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން