ފާފަ ކުރެވުމުން ތައުބާ ނުވެ ލަސްކުރުމަކީ ފާފަކުރެވުމަށްވުރެ ނުބައިކަން މާބޮޑު ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފާފަ ކުރެވުމުން ތައުބާ ނުވެ ލަސްކުރުމަކީ ފާފަކުރެވުމަށްވުރެ ނުބައިކަން މާބޮޑު ފާފައެކެވެ!

ފުރަތަމަވެސް ހަނދާންކޮށްލައިދޭނަމެވެ. ސުވަރުގެ ހައްދަވާފައިވަނީ އެއްވެސް ފާފައެއް ނުކުރެވޭ މީހުންނަކަށް ނޫނެވެ. އެހެނީ އެއްވެސް ފާފައެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ކީއްހެއްޔެވެ؟ ސުވަރުގެ ހައްދަވާފައިވަނީ ފާފަކުރެވުމުން ތައުބާވާ މީހުންނަށެވެ.

ކުރެވޭ ކޮންމެ ފާފައަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމެވެ. ﷲ ތައާލާއަށް ނުކިޔަމަންތެރިވުމަށްފަހު ތައުބާވުމަށް އެންމެ ފުރަތަމަ ދެކޮޅި ހެދި މަޚްލޫޤަކީ އިބިލީހެވެ. އެކަން އޭނާކުރީ އޭނާގެ ކިބައިގައިވާ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. އެކަމުގެ ޖަޒާއެއްގެ ގޮތުން ﷲ ތަޢާލާ ވަނީ އިބިލީހަށް ހުރިތަނަކީ ނަރަކަކަން އަންގަވައިފައެވެ.

ގިނަ ޢިލްމުވެރިން ދެކެލައްވަވާ ގޮތުގައި ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެނުގަތުމަކީ ފާފަކުރެވުމަށްވުރެވެސް ނުބައިކަންބޮޑު ޢަމަލެކެވެ. އެހެނީ އެފަދަ މީހުން އެއަނގައިދެނީ ފާފަކުރަން އެމީހުން ބިރުނުގަންނަކަމެވެ. ﷲ ތަޢާލާއަށް އެމީހެއްގެ ހިތުގައި އެއްވެސް ބިރުވެތިކަމެއް ނެތްކަމެވެ. ނަރަކައިގެ ޢަޛާބަށް އޭނާ ޖެހިލުން ނުވާކަމެވެ.

މީސްތަކުންނޭވެ! ކޮންމެ އިންސާނަކީވެސް ފާފަކުރެވޭނެ މީހެއް ކަމަށާއި އެންމެ ހެޔޮކންބޮޑު މީހަކީ ފާފައެއް ކުރެވުނުމުން ބިރުވެތިވެ ތައުބާވުމަށް އަވަސްވެގަންނަ މީހާ ކަމަށް ހަދީޘްފުޅުގައި އެއޮތީ މިސަބަބަށްޓަކައެވެ. މުއުމިނުން ޢަމަލުކުރަން އޮތް މަގަކީ އެއީއެވެ.

މީސްތަކުންނޭވެ! ފާފަކުރުމާއި ދުރުހެލިވާން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ އެކަމަށް މަގުދައްކަވައިދެއްވަވާނެތެވެ! ފާފަ ނުކުރަން ޢަޒުމް ކަނޑައަޅައިފިނަމަ ފާފަކުރާ މީހުންނާއި ދުރުހެލިވާށެވެ! ފާފަކުރާ މީހުންނާއިއެކުގައި އުޅެމުން ފާފަކުރުން ހުއްޓައިލުމަކީ ވަރަށް ނުކުރެވޭނެ ކަމެކެވެ! ވީމާ ސަލާމަތްކަން ލިބުން ވަނީ ފާފަކުރާ މީޙުންނާއި ދުރުހެލިވެވުނުވަރަކުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން