ފިރިހެނަކަސް އަންހެނަކަސް އަމިއްލައަށް އެދުން ފުއްދުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ފިރިހެނަކަސް އަންހެނަކަސް އަމިއްލައަށް އެދުން ފުއްދުމުގެ ޙުކުމް-

އަމިއްލައަށް އެދުންފުއްދުމަކީ ކޮންކަހަލަކަމެއް؟ 

بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. 

އަމިއްލައަށް އެދުން ފުއްދުމާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. ސުންނަތުގެ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިކަމަކީ ކުރުން ހަރާމްވެގެންވާ ކަމެކެވެ. 

އެބޭކަލުންގެ ދަލީލަކީ: [ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلاَّعَلَى أَزْوَاجِهِمْأوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَىوَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ * ] المؤمنون : 5-7   

މާނައީ :[ މުއުމިނުންނަކީ އެބައިމީހުންގެ ލަދުވެތި ގުނަން، ޒިނޭއާއި، އެއްޖިންސުގެ ގުޅުން ހިންގުމާއި، އަދި ވެސް ﷲ ޙަރާމްކުރައްވާފައިވާ އެހެނިހެން ފާޙިޝް ޢަމަލުތަކުން ދުރުކޮށް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންނަށް ﷲ ހުއްދަކުރައްވާފައިވާ، އަނބީންނާއި، އަދި އަޅުއަންހެނުންނާ އެކު ޖިންސީގޮތުން ގުޅުން ހިންގުމުން މެނުވީއެވެ. މިނޫން ގޮތަކުން ޖިންސީ އުފާ ޙާޞިލުކުރާ މީހުންވަނީ ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދުން ބޭރުވެފައިވާ ބަޔަކު ކަމުގައެވެ.]  

އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމްކަމެއް ކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މިއީއެވެ. މިއީ މިބާބުގައި އޮތް އެންމެ ވަރުގަދަ ޙުއްޖަތެވެ. 

ބައެއް ފިޤުވެރި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ކުރުން މަކްރޫހަކަމެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަށެވެ. ނަމަވެސް  އެއީ ބޭއަދަބީ ކަމެއްކަމުގައެވެ. މުރޫވަތްތެރި މީހުން މިކަން ނުކުރާނޭ ކަމުގައެވެ. 

ޒިނޭއަކަށް އަރައިގަނެވިދާނޭ ކަމުގެ ބިރު ހީވާ ކަމުގައި ވަނީ ނަމަ، ޒިނޭ އިން ސަލާމަތް ވުމުގެ ގޮތުން މިކަން ކުރެވިދާނޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. 

އެހެންނަމަވެސް އެންމެ މާތް، އަދި އެންމެ ހެޔޮ ގޮތަކީ ރޯދަ ހިފައި، ޝަހުވަތްތެރިކަން މަތަ ކުރުމެވެ. ނުވަތަ ކައިވެނި ކުރުމެވެ. ސަބަބަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ޒުވާނުންނަށް އެބައިމީހުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރުމަށް އިރުޝާދު ދެއްވިއިރު، އެކަމަށް ކުޅަދާނަ ނުވާ މީހުންނަށް އިރުޝާދު ދެއްވީ ރޯދަ ހިފުމަށެވެ. އަމިއްލައަށް އެއެދުން ފުއްދުމަކަށް އިރުޝާދެއް ނުދެއްވައެވެ. އެހެންކަމުން، މި ދަލީލުގެ މައްޗަށް ބުރަވެވަޑައިގެން ގިނަ ޢިލްމުވެރިން ވިދާޅުވަނީ ކައިވެނިން ނުވަތަ ރޯދަ ހިފުމުން އޭނާގެ ޝަހުވަތްތެރިކަން މަތަ ކުރުމަށެވެ. 

ހަމަ އެއާއެކު، އިތުބާރުހުރި ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިކަމަކީ ޞިއްޙީ ގޮތުން އިންސާނާގެ ވިސްނުމަށާއި، އަދި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އަދި އާދަޔާ ޚިލާފަށް މިކަންކުރާ ކަމުގައިވަނީ ނަމަ، ނަފްސާނީގޮތުން އަސަރުތަކެއް ކުރުވައި، ޖިންސީ ނިޒާމަށް ގެއްލުންތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމުގައިވެސް ބައެއް ޑޮކްޓަރުން ވިދާޅުވެއެވެ. 

މިކަމުގައި ދަންނަބޭކަލުން ޚިލާފުވެވަޑައިގެންފައިވަނީ ޞައްޙަ ޞަރީޙަ ނައްޞެއް މިބާބުގައި އައިސްފައި ނެތުމުންކަމުގައި ބެލެވެއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން