ﷲ ތަޢާލާ މީހަކަށް ތަނަވަސްކަން ދެއްވަވައިފިނަމަ ތަނަވަސްކަން ލިބިގެންވާ މިންވަރަކުން އަގުބޮޑު، ރީތި ފޭރާންލައި އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ތަނަވަސްކަން މީސްތަކުންނަށް ދެއްކުމަށް ރަސޫލް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
އަގުބޮޑު، ރީތި ފޭރާންލުމަކީ ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފައެއް ނޫނެވެ. ކިބުރުވެރިކަމާއި ބޮޑާކަންވަނީ ހިތުގައެވެ. އެކަންކަން ފެންނާނީ އެމީހެއްގެ ޢަމަލުތަކުންނެވެ.
ކިތަންމެ ރީތި ފޭރާމެއްލައިގެން ހުންނަ މީހާއަށްވެސް މަދުމޮޅި، ހިތްތިރި މީހަކަށް ވެވިދާނެއެވެ. އަދި ހަމަ އެފަދައިން ފަޤީރުކަމުން ކިތަންމެ ބައު ފޭރާމެއް ލައިގެން ހުރިނަމަވެސް އެމީހަކީ ބޮޑާ، ކިބުރުވެރިއަކު ކަމުގައި ވެވިދާނެއެވެ.
ވީމާ ތަނަވަސްކަން ހުރިނަމަ ރިވެތި ފޭރާންލާށެވެ. އެއީ ކުރަންޖެހޭނެ ކަމެއްކަން ޙަދީޘްފުޅުން ފެންނަން އެއޮތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން