ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހުން ނޫން އެންމެން ސުވަރުގެ ވައްދަވާނެތެވެ. ސުވަރުގެ ވަންނަން އެއްވެސް މީހަކު ދެކޮޅު ހަދައިފާނެ ކަމަށް ބުއްދިއަށް ޤަބޫލުނުކުރެވުނު ނަމަވެސް އެފަދަ މީހުން ބައިވަރެވެ.
އެއީ ކޮންބައެއްކަން އެނގެން ބޭނުންހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހުންނާއި ރަސޫލާ ﷺ ގެ ރަސޫލްކަން ޤަބޫލު ނުކުރާ މީހުންނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ރަސޫލް ﷺ އާއިމެދު ކުށްތައް ހީކުރެވޭކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތްގޮތް ބަލައިލަމާ ހިނގާށެވެ!
" ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިއަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ."
" ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤު ވެގެން އަޅުކަމެއް ވެވޭ) އިލާހަކު) ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލް ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ ޢަރުޝީ ގެ ވެރިރަސްކަލާނގެއެވެ."
(އައްތައުބާ: 128، 129)
އަޅުގަނޑުމެންނަށް ރަސޫލް ﷺ ގެ ސުންނަތަށް ދެކޮޅުހަދައި ދުރުހެލިވެވިދާނެއެވެ. އެކަމުން ހުރިހާ ގެއްލުމެއްވެސް ލިބޭނީ އެމީހަކަށްކަން މި ދެއާޔަތުން އެނގިގެންދެއެވެ. "..ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ..." އޮތް ބަސްފުޅުން އެނގިގެންދަނީ މީސްތަކުން ފުރަގަސް ދިނުމަކުން ﷲ ތަޢާލާއަށް އަދި ރަސޫލް ﷺ އަށް އެއްވެސް އުނިކަމެއް ނެތް ކަމެވެ. އަދި ﷲ ތަޢާލާ، ރަސޫލާ ﷺ އަށް އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން