ހީވާގިވެލެވިއްޖެނަމަ ޙިސާބުބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ އަޅަކަށްވުމުގެ ފުރުޞަތު އޮތީ ދެއްވަވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހީވާގިވެލެވިއްޖެނަމަ ޙިސާބުބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ އަޅަކަށްވުމުގެ ފުރުޞަތު އޮތީ ދެއްވަވާފަ!

 

އަހުރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން މިއުޅެނީ ޤިޔާމަތް ދުވަހު އެމީހާގެ ޙިސާބު ބައްލަވާނެ ވަޤުތާއިމެދުގައެވެ. މީޒާނުގައި އެމީހެއްގެ ޢަމަލުތައް ކިރައިލެވޭހިނދު ވާނެ ގޮތް ނުއެނގޭތީއެވެ. ވީއިރު ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ދަމުނަމާދުކުރާ މީހަކަށް ދެއްވަވާނެ ޖަޒާ އޮތީ ޤިޔާމަތް ދުވަހު ދެއްވަވާ "ސަރޕްރައިޒެއް"ގެ ގޮތުގައެވެ.  

ދަމުނަމާދުކުރާ މީހުންނަށް ނުވަތަ ރޭއަޅުކަންކުރާ މީހުންނަށް މިހައި މަތިވެރި ޖަޒާއެއް މިންވަރު ކުރައްވަވާ ސަބަބުކަމުގައި އިބްން އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އެއީ އެމީހުން، އެހެން މީހުންނަށް ސިއްރުން ތިބެ، ﷲ ތަޢާލާއަށް ނަމާދުކޮށް ޛިކުރުކޮށް ދުޢާކުރާތީއެވެ. މާނައަކީ އެހެން މީހުން ނިދާފައި ތިއްބައި ހޭލައި ސއްރުން ރޭއަޅުކަންކުރާތީ އެކަމަށް ދެއްވަވާނެ ޖަޒާވެސް ސިއްރުކުރައްވަވާފައިވަނީއެވެ.  

އަދި ކީއްހެއްޔެވެ؟ ރޭއަޅުކަމަކީ އެ ޢަމަލެއް ކުރާމީހުންނަށް އެމީހުން ދުނިޔޭގައި ތިއްބައި ﷲ ތަޢާލާ ރުހިވޮޑިގެން، ފަޚުރުވެރިވެވޮޑިގަންނަވާނެ ބައެކެވެ. އެބައިމީހުންނަށް ހިނިތުންވެވޮޑިގަންނަވާނެ ބައެކެވެ. އެކަން މަލާއިކަތުންނަށް އަންގަވަންވެސް އަންގަވާނެތެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ދުނިޔެއިންވެސް އަދި އާޚިރަތް ދުވަހުގައިވެސް މަދުވާނީ ކޮންކަމެއް ހެއްޔެވެ؟ އިމާމް އަޙްމަދު ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވަނީ އެމީހަކު މިދުނިޔޭގައި ހުއްޓައި އެމީހަކަށް ﷲ ތަޢާލާގެ ހިނިތުންވެވޮޑިގަތުން ލިބިއްޖެނަމަ ޤިޔާމަތް ދުވަހު އެމިހާގެ ޙިސާބު ބެއްލެވުމެއް ނެތް ކަމަށެވެ. މާނައަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ދެއްވަވާނެ ކަމެވެ. ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހުގެ އެންމެހައި ބިރުވެރިކަމަކުން އެމީހަކަސް ސަލާމަތްލިބިގެންވާކަމެވެ.

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލް، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ."

"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތްތައް) އެއްވެސް ނަފަސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލްތަކުގެ ޖަޒާއެއް ކަމުގައެވެ."

(އައްސަޖްދަ: 16،17)  

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ."

"ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ."

"ހަމަކަށަވަރުން، ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ."

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމްފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ!"

(އަލް މުޒަންމިލް: 5،6.7،8)

- އުސްތާޛް ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން