ދަމުނަމާދުކުރުމަކީ ބިންމަތީގައި ތިބެގެން ސުވަރުގޭގައި ކުރެވޭ އަޅުކަމެއްގެ ގޮތުގައި ވިސްނޭނަމަ ކިތަންމެ ބޮޑަށް ބުރަ އުފުލައިގެންވެސް ރޭއަޅުކަން ކުރާނެ!: ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދަމުނަމާދުކުރުމަކީ ބިންމަތީގައި ތިބެގެން ސުވަރުގޭގައި ކުރެވޭ އަޅުކަމެއްގެ ގޮތުގައި ވިސްނޭނަމަ ކިތަންމެ ބޮޑަށް ބުރަ އުފުލައިގެންވެސް ރޭއަޅުކަން ކުރާނެ!: ޢަލީ ހައްމުދާ

ދަމުނަމާދު ނުވަތަ ރޭއަޅުކަމަށް މިއަދު މީސްތަކުން ފަރުވާކުޑަކުރަނީ އެކަމުގެ މުހިންމުކަން އެނގުނަސް ކަންނެތްކަމުންނެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެ ކަމާއި ޤިޔާމަތް ދުވަހާއިމެދު ޣާފިލުވެގެން ތިބޭތީއެވެ. އެހެން ނޫންނަމަ ކޮންމެ ގޮތަކުން ނަމަވެސް ރޭއަޅުކަންކުރާނެއެވެ. 

އަދި ކީއްހެއްޔެވެ؟ ރޭއަޅުކަންކުރުން އަހުރެން ސިފަކުރާނީ ބިންމަތީގައި ތިބެގެން ސުވަރުގޭގައި ކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. އެހެނީ ތަޤްވާވެރިއަކު ރޭއަޅުކަންކުރާނަމަ އޭނާ އެވަނީ ސުވަރުގޭގައެވެ. އިން ޝާ ﷲ 

ރޭއަޅުކަމާއިމެދު ވިސްނާމީހާ 3 ކަމެއް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. 

1 އެއީ ކުރިންވެސް އުޅުނު ތަޤްވާވެރިންގެ ޢަމަލެއްކަމެވެ.

2 އެއީ އެންމެ ފަސޭހައިން ﷲ ތަޢާލާއާއި ކުއަތަންވެވެން އޮތް ޢަމަލުކަމެވެ.

3 އެއީ ފާފަތައް ފުއްސަވައިދެއްވަވަން އޮތް އެންމެ ފަސޭހަ މަގުކަމާއި ފާފަނުކޮށް ހުރުމަށް މަގުފަހިވެގެންދާ ޢަމަލެއް ކަމެވެ. 

3 ވަނަ ބައާއި ބެހޭގޮތުން ކުޑައެއްޗެއް ބުނެލާނަމެވެ. އަހަރެމެންނަށް ތިބެންޖެހިފައި މިވަނީ މާޒީގައި ކުރެވުނު ކުށްތަކާއިމެދު އިންތިހާއަށް ބިރުންނެވެ. އަދި ކުރިން ކުރެވެމުން އައިސްފައިވާ ބައެއް ފާފަތައް ކުރަން ދެވި ހިފާފައި ތިބިވަރުން އަދިވެސް އަދިވެސް އެފަދަ ފާފައެއް ކުރެވިދާނެ ކަމުގެ ބިރުވެރިކަމުގައެވެ. 

އެބިރުވެރިކަން ފިލުވައިލަން ބޭނުންނަމަ ރޭއަޅުކަން ކުރާށެވެ. އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި އަދި ކުރިއަށް އޮތްތަނުގައި ފާފަކުރެވުމުން އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

ސުވާލަކީ ދަމުނަމާދަކީ ހަމައެކަނި ކޮށްލެވޭ ނަމާދެއް ހެއްޔެވެ؟ އަދި އެއީ ހަމައެކަނި ރަމަޟާންމަހު ކުރަން އޮތް ނަމާދެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނުވާނެއެވެ. އެކަން އޮތީ އެގޮތަކަށް ނޫނެވެ. 

ތިމާގެ ކައްވަޅު އުޖާލާކޮށް ޤިޔާމަތް ދުވަހު ސުވަރުގޭގައި ވުމަށް އެދޭމީހާ ދަމުނަމާދު ކުރުމުގައި ދެމިހުންނާށެވެ. ރޭގަނޑު ހޭލައި ޤުރްއާން ކިޔެވުމާއި ޚިކުރުކޮށް ދުޢާކުރުމުގައި ދެމިހުންނާށެވެ! 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް ބަލައިލަމާ ހިނގާށެވެ! 

"އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!"

"ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ."

"އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!"

"ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން ޤުރްއާން ކިޔަވައި ވިދާޅުވާށެވެ!"

(އަލް މުޒަންމިލް: 1،2،3،4) 

އަޅަމެން އެންމެންނަކީވެސް ދަމުނަމާދުކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެންކުރާ އަޅުކަން ޤަބޫލުކުރައްވަވައި ޖަންނަތުލްފުރުދައުސްގައި އަޅަމެން އެންމެން ލައްވަވާނދޭވެ! އަޅަމެންނާއިއެކު އަނބިދަރިންނާއި މައިންބަފައިންވެސް ލައްވަވާނދޭވެ! އާމީން 

- އުސްތާޛް ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން 

 

މިއަދު އޮންލައިން