ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭމީހާ ނިކަން މި 3 ކަންތަކަށް ސަމާލުކަންދީބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭމީހާ ނިކަން މި 3 ކަންތަކަށް ސަމާލުކަންދީބަލާށެވެ!

ނަމާދަކަށް ނަމާދެއް ކުރުމަކުން އަދި ނަމާދު ކުރިކަމަކަށް ނުވެއެވެ. ވީމާ ނަމާދަކަށްވާ ގޮތަށް ނަމާދުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ޝަރުޠުތަކަކާއިއެކުގައެވެ. އެ ޝަރުޠުތައް ފުރިހަމަކުރުމުންނެވެ.

ކޮންމެ މީހަކުވެސް ނަމާދަށްދަނީ ވީހައި ފުރިހަމައަށް ނަމާދުކުރުމުގެ ނިޔަތުގައެވެ. ނަމާދުކުރަން ފަށަނީ ވެސް ހަމަ އެ ޢަޒުމުގައެވެ. ނަމަވެސް ނަމާދުކުރަން ފެށުމާއިއެކު ޝައިޠޯނާގެ ވަސްވާސްތައް ހިތަށްވެރިވެގަނެ ކިޔޭ ނުކިޔޭ އެއްޗެއް، ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭ ޚާލަތަށް ކަންކަން ދެއެވެ.

މިއީ ވަރަށް ބިރުވެރި ޙާލަތެކެވެ. އެހެނީ ނަމާދުގައި ޣާފިލުވެގެން ތިބޭ މީޙުންނަށް ﷲ ތަޢާލާ ރަޙްމަތުގެ ލޯފުލުން ނުބައްލަވާނެތެވެ! ވީމާ އެފަދަ މީޙުންނަށް ކަންކަން ދެން ވެގެންދާނެ ގޮތާއިމެދު ވަރަށް ރަނގަޅަށް ވިސްނައިލާށެވެ.

މީސްތަކުންނޭވެ! ނަމާދުގައި ޣާފިލުވެވޭނަމަ ވިސްނައިލަން ޖެހޭނެ މުހިންމު ކަންކަން އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަން މިރޭ ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ ކުރެވޭ ފާފތައް ގިނަވުމެވެ. ފާފަކުރުމުގައި ދެމިހުރެވޭ ކަމެވެ. އެހާލަތުގައި ހިތް އޮންނާނީ ހަރު ހިލަގަނޑަކަށް ބަދަލުވެފައެވެ. ﷲ ތަޢާލާ އާއިމެދު އޮންނަންޖެހޭ ގުޅުންތައް އޮންނާނީ ކެނޑިފައެވެ.

ވީމާ ޢަލީގެފާނު ވިދާޅުވެފައިވަނީ ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭނަމަ ފުރަތަމަ ކަމަކަށްވެސް ތައުބާވުން ގިނަކޮށް ފާފަކުރުމާއި ދުރުހެލިވުމަށެވެ. ވީމާ ޙައްލަކީ އިސްތިޣްފާރުކުރުން ގިނަކުރުމެވެ.

ދެވަނަ ކަމަކީ ތިމާގެ ކިބައިން މީސްތަކުންނަށް އަނިޔާ ލިބެމުންދިއުމެވެ. މިހެން ބުނުމުން ބައެއް މީޙުން ބުނެފާނެއެވެ. ތިމާއަކީ އެއްވެސް މީހަކަށް އަނިޔާކުރާ މީހެއް ނޫނެވެ. އަނިޔާއަކީ ހަމައެކަނި ގައިގައި ތަޅައިގެން ކުރާ އަނޔާއެއް ނޫނެވެ.

އަނބިން، ފިރިން، ދަރިން މައިންބަފައިން ނުވަތަ އެނޫންވެސް މީހަކަށް ތިބާގެ ކިބައިން ހިތްދަތިކަން ލިބެމުންދާނަމަ އެއީ ވެސް ހަމަ ކުރެވޭ އަނިޔާއެވެ. އަވަހަށް އަނިޔާވެރިވުން ހުއްޓައިލާށެވެ!

ތިންވަނަ ކަމަކީ ކޮންމެ ކަމަކަށް ބޭނުންވުމުންވެސް ﷲ ތަޢާލާއަށް ދެންނެވުން ގިނަކުރުމެވެ. ރިޒުޤްވެސް، ބަލިވުމުން ޝިފާވެސް، އަދި ލާނެ ފޭރާންވެސް އަރާނެ ފައިވާންވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. ވީމާ ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ﷲ ތަޢާލާއަށް ދެންނެވުން ގިނަކުރާށެވެ!

ކޮންމެ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދެންނެވުމަކީ ތިމާ އާއި ﷲ ތަޢާލާ އާއިދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އެއިރުން ﷲ ތަޢާލާގެ ރަޙްމަތް ހުރިހާ ކަމެއްގައިވެސް އެމީޙަކަށް އިތުރުވެގެންދާނެއެވެ.

މީސްތަކުންނޭވެ! ނަމާދަކީ ހަމައެކަނި ބޭރުފުށުގެ އަމަލުތަކުން ކުރެވޭ ކަމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ހިތުންކުރަންޖެހޭ ކަންކަމެވެ. ޚުޝޫޢަތްތެރިވުމަކީ އަތްފައިން ކުރެވޭ ކަމެއް ނޫނެވެ. އެއީ ހިތުން ކުރަންޖެހޭ ކަމެކެވެ. ވީމާ ޚުޝޫޢަތްތެރިވުމަށްޓަކައި ތިމާގެ ހިތް ޠޯހިރުކުރަންޖެހޭނެއެވެ. ހިތް ޠޯހިރުކުރުމަށްޓަކައި މިބުނެވުނު ކަންކަމަށް ސަމާލުކަންދޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން