ދިރިއުޅުމުގެ އަޞަލު މާނައަށް ބަލައިފިނަމަ އެއީ މައްސަލަތަކެވެ. ވީމާ ދިރިއުޅުމުގައި މައްސަލަތައް ޖެހޭނެއެވެ. އެއީ ކޮންމެ ދެމަފިރިއަކަށްވެސް ކުރިމަތިނުވެ ނުދާނެ ކަންކަމެވެ. ދިރިއުޅުމުގެ އެންމެ ފުރިހަމަ މާނައަކީ މައްސަލަތައް ޙައްލުކޮށްގެން ދެމީހަކު ނުވަތަ ބައަކު އެކުގައި އުޅުމެވެ.
ވީމާ ކޮންމެ ދެމަފިރިއަކުވެސް ދިރިއުޅޭއިރު ފުރަތަމަ ކަމަކަށް ރިވެތި ބަޙުރުވައިން ދެމީހުން މުޢާމަލާތުކުރާށެވެ. މަޝްވަރާކޮށް ޙައްލު ހޯދަން މަސައްކަތްކުރާށެވެ. އެކަކު އަނެކަކަށް ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމަކީ ބަލިވުމެއް ނޫނެވެ. އެއީ ގަދަވުމެވެ.
އެހެނީ މައްސަލަތަކެއް ޖެހި ރޫޅެން އުޅުނު ކައިވެންޏެއް، ތިބާ ދޫދިނުމުގެ ސަބަބުން ނުރޫޅި ސަލާމަތްކުރެވިއްޖެނަމަ އެއީ އެމީހާގެ މޮޅުކަމެވެ. ކާމިޔާބު އެކުރެވުނީ އެމީހަކަށެވެ. ދެމީހުން ދޫދީ މައްސަލަ ޙައްލުކޮށްފިނަމަ އެކަންވާނީ ދެމީހުންގެ މޮޅުކަމުންވީ ކަމަކަށެވެ.
ދެމަފިރިންވެސް ވާދަކުރަންވީ މައްސަލަތައް ޙައްލުކުރުމުގައެވެ. އެކަމުގައި ކުރިހޯދާމީހާ ވާނީ ޗެމްޕިއަނަށެވެ. އިނާމުތަކާއި ޝީލްޑް ޙައްޤުވާނީ އެމީހަކަށެވެ. އަދި ފަޚުރުވެރިވުން އޮތީވެސް ހަމަ އެމީހަކަށެވެ. ދެމީހުންވެސް ދޫދީގެން މައްސަލަތައް ޙައްލުކުރިނަމަ ޗެމްޕިއަންކަން ލިބޭނީ ދެމީހުންނަށެވެ.
މިހާރު އެންމެ ގިނަ ބައަކު ދައްކަނީ ވަރިގިނަވާ ވާހަކަތަކެވެ. ކައިވެނިތައް ރޫޅި ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމުގެ ވާހަކަ ދެއްކުމަކުން ލިބޭނެ އެއްވެސް ޙައްލެއް ނެތެވެ. ޙައްލު ހޯދޭނީ މިހިރަ ކަންކަމަށް ވިސްނައި ކައިވެނި ރޫޅުނަނުދީ ސަލާމަތްކުރަން މަސައްކަތްކުރުމުންނެވެ. އެކަންކުރުމުގެ ހިތްވަރު ދެމީހުންގެ ކިބައިގައިވެސް ހުރެގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން