ޒަވާޖީ ޙަޔާތް އުފަލުގަ ހޭދަކުރަން އެދޭނަމަ އެންމެ ހުޝިޔާރު ޕައިލޮޓަކަށްވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޒަވާޖީ ޙަޔާތް އުފަލުގަ ހޭދަކުރަން އެދޭނަމަ އެންމެ ހުޝިޔާރު ޕައިލޮޓަކަށްވާންޖެހޭނެ!

ﷲ ތަޢާލާ އެއްވެސް ދެމީހަކު އުފައްދަވާފައިވަނީ އެއްގޮތަކަށް ނޫނެވެ. އެހެންކަމުން ޚިޔާލާއި ވިސްނުމާއި ކަންކަން ބޭނުންވާ ގޮތާއި ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ. މިކަންކަން އެންމެ ބޮޑަށް އެނގިގެންދާނެ އެއްކަމަކީ އެންމެ މާތް ޞަޙާބީންގެ ޢަމަލުފުޅުތަކުންނެވެ. އެބޭކަލުންގެ ވިސްނުންފުޅު ތަފާތުކަމުންނެވެ.

ރަނގަޅަށް ބަލާށެވެ! އަބޫބަކުރުގެފާނާއި ޢުމަރުގެފާނަކީވެސް ވިސްނުންފުޅުގެ ގޮތުން ވަރަށް ތަފާތު ދެބޭފުޅުންނެވެ. ނަމަވެސް ދެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކަށް ދޫދެއްވެވިއެވެ. އަނެއް ބޭކަލެއްގެ ވިސްނުންފުޅަކީ ތިމާގެ އަމިއްލަ ވިސްނުމަށްވުރެ ރަނގަޅު ވިސްނުމެއްނަމަ އެގޮތް ޤަބޫލުފުޅު ކުރެއްވެވިއެވެ. ޤުރްއާނާއި ސުންނަތުގައި ހުރިކަންކަމުގައި ޚިލާފްވެވަޑައިގެންފައެއް ނުވެއެވެ. 

އަހަރެމެން މިއަދު ވިސްނަންވީ އަހަރެމެންގެ ދިރިއުޅުމާއިމެދުގައެވެ. ޒަވާޖީ ޙަޔާތެއްގައި ތިބިނަމަ ދެމީހުންގެ ކަންކަމާއިމެދުގައެވެ. ދެމީހުން ގުޅިގެން ކުރިއަށް ދެވޭނެ ގޮތްތަކާއިމެދުގައެވެ. އެކަން ކުރެވޭނީ ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވާނެކަމާއި ޚިޔާލުތަފާތުވުންތަކާއިއެކުގައިވެސް ދެމީހުން ގުޅިގެން ދިރިއުޅެން ޖެހޭނެކަން ދެމީހުންނަށްވެސް ޤަބޫލުކުރެވިގެންނެވެ. ދުރިއުޅުން ކާމިޔާބުކުރެވުން ވަނީ މައްސަލަތައް ޙައްލުކުރެވުނުވަރަކުންކަން ދެމީހުންނަށްވެސް ޤަބޫލުކުރެވިގެންނެވެ. 

ޕައިލޮޓް ކަމުގެ ފާސް އޮވެފައި ދުއްވުމުގެ ލައިސަންސް އަތުގައި އޮތް ކޮންމެ މީހަކީވެސް ޕައިލޮޓެކެވެ. ފްލައީތްގައި އުދުހެމުންގޮސް ކޮޅިގަނޑަކާއި ބައްދަލުވެއްޖެނަމަ އަތްފައި ތުރުތުރުއަޅައިގެންފައި ފްލައިޓް ވައްޓައިލާނަމަ ފުރަތަމަ ދަތުރުގައިވެސް އެޕައިލޮޓަކާއި ހުރިހާ ފަސިންޖަރުންވެސް ވާނީ މަރު ނޫންހެއްޔެވެ؟ 

ޒަވާޖީ ޙަޔާތަކީވެސް ހަމަ މިފަދަ ވަރުގަދަ ދަތުރެކެވެ. ކޮންމެ ދުވަހަކުވެސް ކޮޅިގަނޑުތަކާއި ބައްދަލުވާނެއެވެ. ދަތުރުކާމިޔާބުކުރެވޭނީ ކޮޅިގަނޑުތަކުގައި ފިސާރި ޘާބިތުވެލައި ދަތުރުގައި ދާން މަސައްކަތްކުރާ މަންޒިލަށް ދަތުރުކުރެވިގެންނެވެ. އެދަތުރުކުރެވޭނީ މިސްރާބުން ކައްސާލިއަނުދީ އަމާޒަށް ދަތުރުކުރެވިގެންނެވެ. 

ހުރިހާ މީހުންގެ ތެރެއިން އެންމެ ކާމިޔާބު، އެންމެ ހުޝިޔާރު ޕައިލެޓަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާއި ގުޅިގެން އެމީހުންނާއިއެކުގައި ދިރިއުޅެން އެނގޭ ޕައިލޮޓުންނެވެ. ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާ އާއިއެކު ދިރިއުޅެން އެނގޭ މީހުންނެވެ. ޒަވާޖީ ޙަޔާތްވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވުން އޮތީ އެފަދަ މީހަކަށް ވެވިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން