ދާވުދުގެފާނު: ނަންފުޅާއި ނަސަބުފުޅު އަދި އާދައާ ޚިލާފް، ބައެއް ޚާއްޞަ ސިފަފުޅުތައް-

ކިޔުމަށް ހޭދަވާނީ 6މ 39ސ
ދާވުދުގެފާނު: ނަންފުޅާއި ނަސަބުފުޅު އަދި އާދައާ ޚިލާފް، ބައެއް ޚާއްޞަ ސިފަފުޅުތައް-

ޢަލީ އިޙްޞާން ފިރާޤް

 

دَاوُد عليه السّلام

މާތް  اللّـه سبحانه وتعالى، ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދައަކީ އެކަލޭގެފާނު ހިތްޕެވި ރޯދަފުޅެވެ. ދެ ދުވަހުން އެއްދުވަހު އެކަލޭގެފާނު ރޯދަފުޅަށް ހުންނަވައެވެ. އެކަލޭގެފާނު މާތް ގެ ކަލާމްފުޅު ކިޔަވާ ރިވެތި ލަޙްޖާގެ ސަބަބުން މަތިން އުދުހިފައިދާ ދޫނިސޫފާސޫފިވެސް މަޑުކޮށް އެކަލޭގެފާނާއެކު އެ ކަލާމްފުޅު ކިޔުމުގައި ބައިވެރިވެއެވެ. ހިލަފަރުބަދަތައްވެސް އެކަލޭގެފާނާއެކު މާތް اللّـه سبحانه وتعالى ގެ ޙަޟްރަތަށް ތަސްބީހަ ދަންނަވައެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ. ރަސޫލެކެވެ. ބޮޑު ރަސްކަމެއްކުރެއްވި ރަސްކަލެކެވެ. އެއީ دَاوُد عليه السّلام އެވެ. 

ނަންފުޅާއި ނަސަބުފުޅު: 

އެކަލޭގެފާނަކީ މާތް اللّـه سبحانه وتعالى، ގެ ރަސޫލާ އަދި ނަބިއްޔާ  إبراهيم الخليل عليه السّلام ގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލެކެވެ. علاّمة إبن كثير رحمه اللّـه،  ލިޔުއްވާ ގޮތުގައި އެކަލޭގެފާނުގެ ނަސަބު ނާމާއަކީ داود بن ايشا بن عويد بن عابر بن سلمون بن نحشون بن عويناذب بن ارم بن حصرون بن فارص بن يهوذا بن يعقوب بن إسحاق بن إبراهيم الخليل عليه السّلام އެވެ. 

އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. ވަހަބު ބުނު މުނައްބިހުގެ އަރިހުން ރިވާވެގައިވާކަމަށް އިބްނު އިސްޙާޤު ބަޔާންކުރައްވައިފައިވެއެވެ. [دَاوُد عليه السّلام އަކީ، އިސްކޮޅުފުޅުން ކުރު، ލޯފުޅު ނޫކުލައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި، އިސްތަށި މަދެވެ. އެކަލޭގެފާނުގެ ހިތްޕުޅަކީ ނުހަނު ސާފު ޠޯހިރު ހިތްޕުޅެކެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 300}

دَاوُد عليه السّلام، ޖާލޫތު ޤަތުލުކުރެއްވި ޙާދިޘާގެ ތަފްސީލު، شمويل عليه السّلام ގެ ސީރަތުގައި ލިޔެވި ހިނގައްޖެއެވެ. 

ރަސްކަމާއި ނަބީކަން: 

داود عليه السّلام އަށް ރަސްކަން ލިބިވަޑައިގެންނެވި ގޮތާމެދު ދެ ރިވާޔަތެއް ރިވާވެގެންވެއެވެ. އެއްރިވާޔަތުގައިވަނީ داود ގެފާނު، جالوت قتل ކުރައްވައި އޭނާގެ އުނދަގުލުން ސަލާމަތްކޮށްދެއްވުމުން ބަނީއިސްރާއީލުންގެ މީސްތަކުން އެކަލޭގެފާނާ ވަރަށް ޤަބޫލުވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ވެރިއަކަށް އިންތިޚާބު ކުރެއްވުމަށް ނިންމެވިއެވެ. އެއީ طالوت ވެރިކަމުން ދުރުކޮށްފައެވެ. އެހެން ރިވާޔަތެއްގައިވަނީ ދުޝްމިނުންނާ ކުރެއްވި ހަނގުރާމައެއްގައި طالوت ޝަހީދުވުމުން އޭނާގެ ބަދަލުގައި داود عليه السّلام  ރަސްކަމަށް އިސްކުރެއްވީކަމުގައެވެ. އެކަލޭގެފާނަށް ރަސްކަން ލިބިވަޑައިގަތީ شمويل عليه السّلام ގެ އަމުރުފުޅަށް ކަމުގައިވެސް ބުނެވެއެވެ. 

داود عليه السّلام އަށް ރަސްކަންލިބިވަޑައިގަތުމުންވެސް އެކަލޭގެފާނު އުޅުއްވީ ނުހަނު ސާދާ ދިރިއުޅުއްވުމެކެވެ. މި ޒަމާނުގައި އަޅުގަނޑުމެންނަށް މިފެންނަ ރަސްރަސްކަލުންގެ އަރާމާއި ފަސޭހަ ދިރިއުޅުއްވުމެއް ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވާނަމަ ދުނިޔޭގެ ހުރިހާ އުފަލެއް އެކަލޭގެފާނަށް ލިބިވަޑައިގެނެވީހެވެ. ނަމަވެސް އެކަލޭގެފާނު ފަރީއްކުޅުއްވަމުން ގެންދެވީ އަމިއްލަ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އާމްދަނީންނެވެ. 

ދުވާލުވެއްޖެނަމަ އެކަލޭގެފާނު މީސްތަކުންނަށް ވައުޡާއި ނަޞޭހަތްދެއްވައެވެ. އެކަލޭގެފާނުގެ ރަސްކަމުގެ ދަރުބާރަށް ހުށައެޅޭ މައްސަލަތައް ފައިޞަލާކުރައްވައެވެ. ގިނައިން ހުންނަވަނީ ރޯދަފުޅަށެވެ. ރޭގަނޑުވެއްޖެނަމަ ގިނަ ވަޤުތު ހޭދަކުރައްވަނީ މާތް އަށް އަޅުކަން ކުރެއްވުމުގައެވެ. އެކަލާނގެ ރަސްކަންފުޅު ހަނދުމަ ކުރެއްވުމުގައެވެ. މާތް اللّـه سبحانه وتعالى، داود عليه السّلام އަށް  ބިމުގެ ޚަލިފާކަންދެއްވައި ވަޙީ ކުރައްވައިފައިވެއެވެ.

يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّـهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ ﴿٢٦  { سورة ص}

މާނައީ: [އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.] 

 

 

 

މިއަދު އޮންލައިން