ސިޙުރުވެރިންގެ ގާތަށް ކަމަކުދާއިރަށް އަވަސްއަވަހަށް ޅިޔަން ފަހަރިންގެ ބޮލުގަ އަޅުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސިޙުރުވެރިންގެ ގާތަށް ކަމަކުދާއިރަށް އަވަސްއަވަހަށް ޅިޔަން ފަހަރިންގެ ބޮލުގަ އަޅުވަނީ ކީއްވެ؟

އެއްވެސް ކަމަކާއި ކަންބޮޑުވެގެން ސިޙުރުވެރިއެއްގެ ގާތަށް ހިނގައްޖެނަމަ ވަރަށް ގިނަ ފަހަރު ފުރަތަމަ ކަމަކަށް އެމީހުން އަވަސްވެގަންނާނީ އެކަން ކޮންމެވެސް ޅިޔަނެއް ނުވަތަ ފަހަރިއެއްގެ ބޮލުގައި އެޅުވުމަށެވެ. އެހެން އެކަން ކުރަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ. 

ތިބާގެ އަޚެއް ނުވަތަ އުޚުތެއްގެ ބޮލުގައި އެކަން އަޅުބައިފިނަމަ، ނުވަތަ އަމިއްލަ މައިންބަފައިންގެ ބޮލުގައި އެކަން އަޅުވައިފިނަމަ ޤަބޫލުކުރަން އުނދަގޫތަކެއް ހުންނާނެއެވެ. ވީމާ ޝައިޠޯނުން އުފައްދުވަން ބޭނުންވާ ފިތުނަ އުފެދުން ކުޑަވާނެއެވެ. އެޝައްކު ފިލުވައި މައްސަލަ ޙައްލުކުރަންވެސް އަވަސްވެގަންނާނެތީއެވެ. 

އެއިގެ ބަދަލުގައި ޅިޔަނުން ނުވަތަ ފަހަރިން ނުވަތަ މައިދައިތަގެ ބޮލުގައި ކަންކަން އެޅުވުމުން ޤަބޫލުކުރަން ފަސޭހަވާނެއެވެ. އެއރުން ޝައިޠޯނާ އުފައްދުވަން ބޭނުންވާ ފިތުނަ އުފައްދުވަން އެތައް ތަނެއް ފަސޭހަވެގެންދެއެވެ. 

އެއްވެސް ޙާލެއްގައި މިއީ ހުރިހާ ޅިޔަން ފަހަރިން ރަނގަޅުކުރުމެއް ނޫނެވެ. ކޮންމެ ބައެއގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ނުބައި މީހުން ތިބޭނެއެވެ. އަމިއްލަ މައިންބަފައިންނާއި އަޚުންނާއި އުޚުތުންގެ ތެރޭގައިވެސް ނުބައި މީހުންނާއި ރަނގަޅު މީހުން ތިބޭނެއެވެ. އަމިއްލަ އަޚުންނާއި އުޚުތުންނަށްވުރެ ރަނގަޅު ޅިޔަން ފަހަރިންވެސް ތިބެއެވެ. 

އަހުރެން މިވާހަކަ މިދައްކަނީ އެއްވެސް ޙާލެއްގައި އެއްވެސް ބައަކު ނުވަ މީހަކު ރަނގަޅުކޮށްފައި އަނެއް ބައަކު މީހަކު ނުބައިކުރާކަށް ނޫނެވެ. އަހުރެން ބާރު މިއަޅަނީ ސިޙުރުވެރިން އެރޯކުރާ އަލިފާނުން ގޭގައި ހުޅުޖަހައި އަނދައިނުލުމަށެވެ. ސިޙުރުވެރިން ދައްކާ ވާހަކަ ޤަބޫލުނުކުރުމަށެވެ.

މިގޮތަށްވެސް ވިސްނައިލާށެވެ. ޝައިޠޯނާއަށް އެގެއެއަކަށް ވަދެގަނެ ޢާއިލީ ގުޅުންތައް ކަނޑުވާލަން އެންމެ ބޮޑަށް ފަސޭހަވާނީ އެގެއެއްގައި ފިތުނަ އުފެއްދުމުންނެވެ. އެކަމަށް މަގުފަހިކުރުވަން ކުރެވެންހުރި ހުރިހާ ކަންކަން ޝައިޠޯނުން ކުރާނެއެވެ. ވީމާ އަހަރެމެން އަބަދުވެސް މަސައްކަތްކުރަންވާނީ ޝައިޠޯނާއަށް އެފުރުޞަތު ނުދިނުމަށެވެ. ޢާއިލާއަސް އެކުގައި އުފާވެރި ދިރިއުޅުމެއް އުލެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން