ދާވުދުގެފާނު 2: މިޙްރާބުގެ ފާރުމަތިން އެރި ދެ ޚަޞްމުންގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 56ސ
ދާވުދުގެފާނު 2: މިޙްރާބުގެ ފާރުމަތިން އެރި ދެ ޚަޞްމުންގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

މިޙްރާބުގެފާރުމަތިން އެރި ދެ ޚަޞްމުންގެ ވާހަކަ: 

داود عليه السّلام މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެއްވައެވެ. އަބަދުވެސް އިހާލީ ޝަރީޢަތުގެ މައްޗަށް ޙުކުމްކުރައްވަމުން ގެންދެވިއެވެ. އެކަލޭފާނު މީސްތަކުންގެ މެދުގައި ނިޔާކަނޑައަޅުއްވަމުން ގެންދެވީ އަދުލުވެރިކަމާއެކުގައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވާ ގޮތުގައި ޤިޔާމަތް ދުވަހު އަދަލުވެރިންވާހުށީ ނޫރުންވާ މިންބަރުތަކެއްގައެވެ.  

ޢަބްދުﷲ ބިން ޢަމްރު ބުނުލްޢާޞް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. 

إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ وَكِلْتَا يَدَيْهِ يمينٌ الذينَ يعدِلُونَ فِي حُكمِهم وأهليهم وَمَا ولُوا{ مسلم (ت ٢٦١)، صحيح مسلم ١٨٢٧ • [صحيح{

[ހަމަކަށަވަރުން، (ޤިޔާމަތްދުވަހުން) ޢަދުލުވެރިން ވާހުށީ، اللَّهُ ގެ ޙަޟުރަތުގައި ނޫރުންވާ މިންބަރުތަކުގެ މަތީގައި، ރަޙްމާނުވަންތަ ރަސްކަލާނގެ ކަނާތްފަރާތްޕުޅުގައެވެ. އެކަލާނގެ ދެއަތްޕުޅަކީވެސް ކަނާއަތްޕުޅެވެ. އެ އަދުލުވެރިންނަކީ، އެއުރެންގެ އަހުލުވެރިންގެ މެދުގައްޔާއި، އެ ބަޔެއްގެ މައްޗަށް އެއުރެން ވެރިކުރެއްވުނު ކޮންމެ ބައެއްގެ މެދުގައި ޢަދުލުއިންސާފު ޤާއިމުކުޅަ މީހުންނެވެ.] 

އެއް ފަހަރަކު ހިނގި ހާދިސާއެއްގެ ވާހަކަ ޞާދު ސޫރަތުގައި 21 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވެއެވެ.

وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ ﴿٢١﴾ إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ ۖ قَالُوا لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ ﴿٢٢﴾ إِنَّ هَـٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ ﴿٢٣﴾ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ ۖ وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ ۩ ﴿٢٤﴾ فَغَفَرْنَا لَهُ ذَٰلِكَ ۖ وَإِنَّ لَهُ عِندَنَا لَزُلْفَىٰ وَحُسْنَ مَآبٍ ﴿٢٥

މާނައީ: [(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ! ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.] 

މި ދެންނެވި އާޔަތްތަކުގެ ތަފްސީރުގައި ޔަހޫދީންގެ ފަރާތުން ރިވާވެގެންވާ ދޮގު ވާހަކައެއް ބަޔާންވެފައިވެއެވެ. އެ ވާހަކައަކީ އެބައިމީހުންގެ މުޤައްދަސްފޮތްތަކޭ ކިޔައިގެން އުޅޭ ފޮތްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކެކެވެ. އެ ވާހަކައަކީ އެބައިމީހުންގެ ތަޢައްޞުބުގެ ސަބަބުން އުފައްދައި އެބައިމީހުންގެ ފޮތްތަކުގައި ލިޔެފައިވާ ވާހަކައެކެވެ. އެއީ ދާއޫދުގެފާނުގެ ލަޝްކަރުގައި ހިމެނޭ ކޮމާންޑަރެއް ކަމުގައިވާ وريا بن حنانا ގެ އަނބިކަނބަލުންގެ ބޭނުންފުޅުގައި ދާއޫދުގެފާނު އޭނާ ހަނގުރާމައަށް ފޮނުއްވައިގެން ޝަހީދުކޮށްލި ވާހަކައެވެ. މި އާޔަތުގައި އޮތް ބަކަރިތަކުގެ އަދަދުތައް އެބައިމީހުން ތައުވީލު ކުރަނީ ދާއުދުގެފާނުގެ 99 އަނބިކަނބަލުންނާއި، وريا ގެ 1 އަނބިކަނބަލުންނަށެވެ.  އެވާހަކައަކީ ވަރަށް ދިގުކޮށް ތަފްސީރު ފޮތްފޮތުގައި ހުންނަ ވާހަކަތަކެކެވެ. ނަމަވެސް އެކަހަލަ ހުތުރު ދޮގު ވާހަކަތަކުން މި ލިޔުން ހުތުރުކުރަން ބޭނުންނުވާތީ އެބައި ނުލިޔެ ދޫކޮށްލަމެވެ. 

- ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން