މަޖިލިހެއްގައި ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް ކިޔަވައިދެއްވަން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ހުންނެވިއެވެ. އަދި ވިދާޅުވިއެވެ.
"ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު މިތަނުގައި ވާނަމަ އެމީހާ މިތަނުން ތެދުވެގެން ދާށެވެ." (ރިވާ ވެގެން ވާގޮތުގައި އަބޫހުރައިރާ މިފަދައިން 3 ފަހަރު ތަކުރާރު ކުރެއްވިއެވެ.)
އެހިނދު އެމަޖިލީހުން ޒުވާނަކު ތެދުވެގެން ހިނގައްޖެއެވެ. ސަބަބަކީ އެ ޒުވާނާ އޭނާގެ ބޮޑުދައިތައާއި ގުޅުން ކަނޑާލާފައި ވާތީއެވެ. އަދި އޭނާ، އޭނާގެ ބޮޑުދައިތައާއި ދެމެދު ހިނގި ކަންތަކުގައި ޞުލްޙަކޮށްފިއެވެ.
ބޮޑުދައިތަ ސުވާލު ކުރިއެވެ. "އޭ އަހަރެންގެ އަޚާގެ ދަރިއާއެވެ! މިހާ ދުވަސްފަހުން ކަލޭ އަހަރެންގެ ކައިރިއަށް ގެނައީ ކޮންކަމެއް ހެއްޔެވެ؟"
އޭނާ ބުންޏެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީ، އަބޫހުރައިރާގެ މަޖިލިހެއްގައި އަހަރެން ވީމެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު އެތަނުގައި ވާނަމަ އެތަނުން ބޭރަށް ދިއުމަށް އަބޫހުރައިރާ ބާރުއެޅުއްވުމުން އަހުރެން އައީއެވެ."
އެހިނދު ބޮޑުދައިތަ ބުންޏެވެ. "އަބޫހުރައިރާގެ އަރިހަށް ދާށެވެ! އަދި އެއީ ކީއްވެތޯ ސުވާލު ކުރާށެވެ!"
ދެން މި ޒުވާނާ އަބޫހުރައިރާގެ އަރިހަށް ގޮސް، އޭނައާއި އޭނަގެ ބޮޑުދައިތައާ ދެމެދު ކަން ހިނގިގޮތް ކިޔައިދިނެވެ. އަދި ސުވާލުކުރިއެވެ.
"ކަލޭގެފާނުގެ އަރިހުގައި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު ނުއިށީނުމަށް ވިދާޅުވީ ކީއްވެތޯއެވެ؟"
އެހިނދު އަބޫހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ.
[ إِنَّ الرَّحْمَةَ لاَ تَنْزِلُ عَلَى قَوْمٍ فِيْهِمْ قَاطِعُ رَحِم ]
މާނައީ: ހަމަކަށަވަރުން ރަޙިމުގެ ގުޅުން ކަނޑާލާ މީހަކު އެބައެއްގެ ތެރޭގައިވާ ބައެއްގެ މައްޗަށް ﷲ ރަޙްމަތެއް ނުލައްވާނެއެވެ."
- "އިމާމް އައްޛަހަބީގެ އަލްކަބާއިރު" ފޮތުން- ނޫރުލްއިސްލާމް