ދާވުދުގެފާނު 3: ދަނޑުގެވެރިޔާ އާއި ބަކަރި ހުއިހައްޕާ މީހާއާ މެދު ކުރެއްވި ޙުކުމް

ކިޔުމަށް ހޭދަވާނީ 5މ 43ސ
ދާވުދުގެފާނު 3: ދަނޑުގެވެރިޔާ އާއި ބަކަރި ހުއިހައްޕާ މީހާއާ މެދު ކުރެއްވި ޙުކުމް

ޢަލީ އިޙްޞާން ފިރާޤް

 

ދަނޑުގެވެރިޔާ އާއި ބަކަރި ހުއިހައްޕާ މީހާއާ މެދު ކުރެއްވި ޙުކުމް: 

މި ދެންނެވުނު (2 ވަނަ ބައިގައި ބަޔާންކުރި) ޙާދިސާގެ އިތުރު އެހެން ޙާދިސާއެއްގެ ވާހަކަ އަންބިޔާއު ސޫރަތުގައި މާތްﷲ ވަޙީ ބަޔާންކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 78 ވަނަ އާޔަތާއި 79 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَدَاوُودَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ ﴿٧٨﴾ فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚوَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ ﴿٧٩

މާނައީ: [އަދި داود ގެފާނާއި، سليمان ގެފާނު ހަނދުމަކުރާށެވެ! قوم ގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألة ގައި، އެ ދެބޭކަލުން (ދެގޮތަށް) حكم ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكم ގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ. ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.] 

عبدالله بن مسعود  رضى اللّـه عنــه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ދަނޑަކީ މޭބިސްކަދުރު ދަނޑެކެވެ. ބަކަރިތަށް ވަދެގެން އެ ދަނޑު ހަލާކުކުރީއެވެ. ބަގީޗާގެ ވެރިމީހާ داود عليه السّلام ގެ ހިރިޔާފާތުރާގެ ދަށަށް އެ މައްސަލަ ހުށައެޅުއްވިއެވެ. داود عليه السّلام މި މައްސަލާގައި ނިންމެވީ ބަގީޗާއަށްވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ބަކަރިތައް ބަގީޗާގެ ވެރިމީހާއަށް ޙަވާލު ކުރުމަށެވެ. އެވަގުތު داود عليه السّلام ގެ ދަރިކަލުން سليمان عليه السّلام ވިދާޅުވިއެވެ. [އޭ މާތް ގެ ނަބިއްޔާއެވެ. ތިޔަ ކުރެއްވި ނިޔާނޫން އެހެން ނިޔާއެއް ނޯންނާނެތޯއެވެ؟] داود عليه السّلام ވިދާޅުވިއެވެ. [ދަރިކަލުންނަށް ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟] سليمان عليه السّلام ދެންނެވިއެވެ. [އަޅުގަނޑަށް ފެންނަގޮތަކީ ބަކަރިތައް  ބަގީޗާގެ ވެރިމީހާ އާ ޙަވާލުކުރުމަށެވެ. އެނާ އެ ބަކަރިތަކުން ފައިދާނެގުމަށެވެ. ދަނޑު ހަވާލުކުރާނީ ބަކަރިތަކުގެ ވެރިމީހާ އާއެވެ. އޭރުން އޭނާ އެ ބަގީޗާ އިހުއޮތް ގޮތަށް ދަނޑުހައްދާފައި ބަގީޗާގެ ވެރިމީހާއަށް ރައްދުކުރުމެވެ. އޭރު އޭނާ އެ ބަކަރިތައް ބަކަރިތަކުގެ ވެރިމީހާއަށް ރައްދު ކުރާނީއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 472-473} 

އެހެން ޙާދިޘާއެކެވެ. އަލްބިދާޔަތު ވައްނިހާޔަތު މި ފޮތުގައި އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު ލިޔުއްވައިފައިވެއެވެ. ޢަބްދުﷲ ބިން އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ގެރިއެއްގެ މައްސަލައިގައި ދެ މީހަކު ދާވުދުގެފާނުގެ އަރިހަށް އައެވެ. ނަމަވެސް ދެމީހުންގެ ކުރެ ދައުވާ ރައްދުވާ މީހާ އެކަމަށް އިންކާރު ކުރިއެވެ. ދާވުދުގެފާނު އެ ދެ މީހުންގެ މައްސަލަ އަށް އިންޞާފު ކުރެއްވުން އެރެޔަށް ލަސްކޮށްލެއްވިއެވެ. އެރޭގައި މާތްالله، ދާވޫދުގެފާނަށް ވަޙީ އިއްވެވީ ދައުވާ ކުރާ މީހާ ޤަތުލު ކުރެއްވުމަށެވެ. އެ ދުވަހުގެ ހެނދުނުވުމުން ދަޢުވާ ކުރާ މީހާއާ މުޚާޠަބު ކުރައްވައި ދާވުދުގެފާނު ވިދާޅުވިއެވެ. [ތިމަން ކަލޭގެފާނަށް މާތް الله އަމުރު ކުރައްވާފައިވަނީ ކަލޭ ޤަތުލު ކުރުމަށެވެ. ޝައްކެއްނެތެވެ. ތިމަންކަލޭގެފާނު އެގޮތަށް ކަންތައްކުރައްވާނަމެވެ. ކަލޭގެ ދަޢުވާގެ ފުރިހަމަ ޙަޤީޤަތް ތިމަންކަލޭގެފާނަށް ބަޔާންކޮށްދޭށެވެ.] އޭނާ ދެންނެވިއެވެ. [އޭ މާތް الله ނަބިއްޔާއެވެ. އަޅުގަނޑު ދަޢުވާ ކުރިކަންތަކުގައި އަޅުގަނޑަކީ ތެދުވެރިއެކެވެ. ނަމަވެސް މީގެ ކުރިން އަޅުގަނޑުވަނީ އޭނާގެ ބައްޕަ ޤަތުލުކޮށް ފައެވެ. ދެން ދާވުދުގެފާނު އޭނާ ޤަތުލު ކުރުމަށް އަމުރު ކުރެއްވިއެވެ. މިޙާދިޘާގެ ސަބަބުން ބަނީ އިސްރާއީލުންގެ ތެރޭގައި ދާވުދުގެފާނުގެ ގަދަރު އުފުލިގެން ދިޔައެވެ. މީސްތަކުން އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާ ކުރުން އިތުރުކުރިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 307- 308}

މި ފަދަ އެތަށް މައްސަލައެއް ކޮންމެ ދުވަހަކު داود عليه السّلام ގެ ރަސްކަމުގެ ދަރުބާރަށް ހުށައެޅެއެވެ. އެކަލޭގެފާނު އެ މައްސަލަތައް ރަނގަޅަށް ބައްލަވައި އެ މައްސަލަތަށް ޝަރުޢީ ހަމަތަކުގެ މަތިން ޙައްލުކޮށްދެއްވައެވެ. 

- ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން