ނިދަންވީމާ ފޯނު ނިއްވާލުމަކީ ފާފައަކަށްވާނެތޯ؟ ސުވާލުގެ ޖަވާބު އެނގުން ވަރަށް މުހިންމު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނިދަންވީމާ ފޯނު ނިއްވާލުމަކީ ފާފައަކަށްވާނެތޯ؟ ސުވާލުގެ ޖަވާބު އެނގުން ވަރަށް މުހިންމު-!

"ޝައިޚް އެވެ. އަޅުގަނޑަކީ ނިދަން ވަރަށް އުނދަގޫ، ވަރަށް ގިނަ މަސައްކަތްކޮށް، ވަރަށް ގިނައިން ޛިކުރުކުރުމުން ނޫނީ ނުނިދޭ ކުއްޖަކީމެވެ. ދެން ނިދިނިދިއޮއްވައިވެސް އެކުވެރިން އެބަ ގުޅައެވެ. އެހިސާބުން ނިދިކޮޅު ހަލާކުވެގެންގޮސް ދެން ނުވެސް ނިދެއެވެ.

އެހެން މީހުންނަށް އެހީތެރިނުވުމާއި ދަތި އުނދަގޫކުރުމަކީ ފާފައެއްކަން ވިސްނޭތީ ފޯނު ނިއްވާލަން ބިރުގަންނަނީއެވެ. އެއީ އެކުވެރިއަކު ނުވަތަ ގާތް ތިމާގެ މީހަކުނަމަވެސް ކިތންމެ ބޮޑު ކަމަކަށް ބޭނުންވެގެންވެސް ގުޅައިފާނެތީއެވެ. ގުޅީމާ ނުނެގި، އެހީތެރިނުވެވިއްޖެނަމަ ފާފަވެރިވެދާނެކަމަށް ބިރުގަންނާތީއެވެ! 

އެހެންވެ އަޅުގަނޑުގެ ސުވާލަކީ ނިދަންވުމުން ފޯނު ނިއްވާލުމަކީ ފާފައަކަށްވެދާނެތޯއެވެ؟" 

ސުވާލުގެ ޖަވާބުގައި ބުނަން ޖެހޭނީ ސުވާލުކުރި ގޮތް ނޫން އަނެއްކޮޅަށް ވިސްނުމުން ރަނގަޅުވާނެއެވެ. މިބުނަނީ ނިދަން އޮށޯންނަންވުމުން މުއުމިނުން ފޯނު ނިއްވައިލުމަކީ އަޅުކަމަކަށްވާނެ ކަމަށެވެ. 

އެކަން އެނގެނީ ނިދަން އޮށޯންނަތަނުން ގުޅައި އިރުއިރުކޮޅުން ހޭލައްވާނަމަ އެމީހަކަށް ދަމުނަމާދަށާއި ފަތިސްނަމާދަށްވެސް ނުހާލެވުން ކައިރިވާނެތީއެވެ. ކޮންމެ އިންސާނަކަށްވެސް ނިންޖަކީ ހަމަ ކާނާ ފަދައިން ބޭނުންވާ އެއްޗެކެވެ. ދިރިއުޅެންކުރާ މަސައްކަތްކުރެވޭނީވެސް، އަދި ފުރިހަމަ ގޮތުގައި އަޅުކަންކުރެވޭނީވެސް ނިދިފުރިހަމަކުރެވިގެންނެވެ. އަދި ނިދިނުލިބޭނަމަ ލޭމައްޗަށް ދިއުމާއި އެނޫން ވެސް ޞިއްހީ ބޮޑެތި މައްސލަތައް ކުރިމަތިވާނެއެވެ. 

އަހަރެމެން މަސައްކަތްކުރަންވީ ފަތިސްނަމާދަށްފަހު ފޯނު ހުޅުވައި ޢިޝާ ނަމާދަށްފަހު ފޯނު ނިއްވާލައިގެން ނިދާބައަކަށެވެ. އިސްލާމް ދީނުގައި ޢަމަލުކުރަން އޮތީ މިފަދައިންނެވެ. ޢިޝާ ނަމާދަށްފަހުގައި ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގައި ނޫނީ ހޭލައި ހުރުމެއް ނެތެވެ. 

ބައެއް އެކުވެރިންނަކީ ފަރުޟުނަމާދުތައް ފަރުޟު ކުރެއްވެވިކަމާއި ދުވަސް ފަށަން އޮތީ ފަތިސް ނަމާދުންކަމާއި މިކަންކަން އެނގޭ ބައެއް ނޫނެވެ. އެމީހުން ނިދާނީ މެންދަންވެ ފަސްވުމުންނެވެ. ހޭލައި ތިބެ އިބިލީހަށް ކުރާކައްކައިދެމުން ތިއަ ސުވާލުގައި ބުނިފަދައިން އިރުއިރުކޮޅުން އެކުވެރިންނަށްވެސް ގުޅާނެއެވެ.

ވީމާ އަހުރެން ބުނާނީ ނިދަންވުމުން ފޯނު ނިއްވައިލުން ވާނީ އަޅުކަމަކަށް ކަމަށެވެ. އެއީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ފޯނު ނިއްވާލާފައި އޮތަސް އަނެކުންނަށް މެސެޖް ކުރެވޭނެއެވެ. ވީމާ މީހަކަށް ބޮޑުކަމެއް މެދުވެރިވެގެން މެސެޖްކޮށްލައިފިނަމަ ހޭލެވުމުން ފޯނު ހުޅުވާލާއިރަށް މެސެޖްލިބޭނެއެވެ. އަދި އަރާމު ނިދިކޮޅުވެސް ލިބުން އޮތީ މިބުނި މަގުންނެވެ. 

ޔަޤީންކުރަންވީ ނިދަންވެގެން ފޯނު ނިއްވާލީތީ ރުޅިއަންނާނީ މި ބަޔާންކުރި ކަންކަމަށް ސަމާލުކަން ނުދޭމީހުންކަމެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ އެމީހުންނާއި ދުރުހެލިވެ ހޭލައިހުންނައިރުވެސް އެމީހުންގެ ކޯލްތަކަށް ޖަވާބު ނުދިނުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން