ކުރަން މަސައްކަތްކުރުމުން ކާމިޔާބުނުވިނަމަ ބުނެގެން ނުވާނެ ބަސްތަކާ ޢަމަލުކުރަންވީ ގޮތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުރަން މަސައްކަތްކުރުމުން ކާމިޔާބުނުވިނަމަ ބުނެގެން ނުވާނެ ބަސްތަކާ ޢަމަލުކުރަންވީ ގޮތް-: މުފްތީ މެންކް

ކުރަން އުޅޭ ކަމެއް ކުރަން ތިމާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމުންވެސް އެކަމެއް ނުވެއްޖެނަމަ އެކަން ނުކުރެވުނީ، ނުވަތަ ކާމިޔާބު ނުކުރެވުނީ މިވެނި އެވެނި ކަމެއް ނުކުރެވުނީތީ ކަމަށް ނުބުނާށެވެ. އަދި މިވެނި އެވެނި މީހެއްގެ އެހީތެރިކަން ނުހޯދުނީތީ ކަމަށްވެސް ޤަބޫލުނުކުރާށެވެ. 

އެކަން ތިމާއަށް ކާމިޔާބު ނުކުރެވުނީ އެކަން ކާމިޔާބު ކުރެވުނުނަމަ ތިމާއަށް ލިބިދާނެ ގެއްލުން ބޮޑުވެފައި ކާމިޔާބު ނުކުރެވުމުން ލިބޭނެ ފައިދާ ބޮޑުވާނެތީ ކަމަށް ޔަޤީންކުރާށެވެ. އެކަމެއް އެހިސާބުން ﷲ ތަޢާލާއަށް ވަކީލްކޮށްފައި އެހެން ކޮންމެވެސް ކަމެއް ކުރެވޭތޯ މަސައްކަތް ފަށާށެވެ. 

އެކަމެއް ނުކުރެވުނީތީ ކަންބޮޑުވާމީހާއަށް އަބަދުވެސް އުޅެންޖެހޭނީ ހާސްކަމެއްގެ ތެރޭގައެވެ. ޑިޕްރެޝަނެވެ މިކިޔާ ކަންތައްގަނޑު ޖެހިގެންނެވެ. އެކަމުން ސަލާމަތް ނުވެވިގެންނެވެ. 

ހަމަ އެފަދައިން ތިމާ ކުރަން މަސައްކަތްކުރި ކަންތައް ކާމިޔާބުކުރެވުނު ނަމަ އެއީ ތިމާގެ މޮޅުކަމުންކަމަށްވެސް ދެކެގެން ނުވާނެއެވެ. އޮތީ ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ. އެހެނީ ކޮންމެ ކަމެއްވެސް ކާމިޔާބުވުމާއި ނުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. 

ކާމިޔާބީ އާއި ނާކާމިޔާބީގެ ޙާލަތުގައިވެސް މުސްލިމުން ވާންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށް ޝުކުރުވެރިވާ ބައެއް ކަމުގައެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރުމާއި އަޅުކަންކުރުން ގިނަކުރުމެވެ. ހަމަ އެއާއިއެކު މުސްލިމުންނަކީ މަރުވުމާއި ހަމައަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިލާ ބައަކަށްވެގެން ނުވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން