ދަރިންނަށް ނަންކިޔާއިރު ސަމާޅުކަންދޭންވީ ބައެއް ކަންކަން-: ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ދަރިންނަށް ނަންކިޔާއިރު ސަމާޅުކަންދޭންވީ ބައެއް ކަންކަން-: ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް

بسم الله الرحمن الرحيم، الحمد لله، وصلى الله وسلم على رسول الله وعلى آلة وأصحابه ومن اهتدى بهداه، أما بعد:

ދަރިފުޅަށް ނަން ކިޔާނީ ކާކުތޯ ބަލާއިރު ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އެކަމަށް އެންމެ ޙައްޤުކަން ބޮޑީ އޭނާއެވެ. އެކަމުގައި ދެމަފިރިން ވާގިވެރިވެ މަޝްވަރާކޮށް [މާނަ] ރިވެތި ނަމެއް އިޚްތިޔާރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ފަހެ ބައްޕަ ދުނިޔޭގައި ނުވާނަމަ، [އެކަމަށް އެންމެ ޙައްޤުކަން ބޮޑީ] އެކުއްޖާގެ ވަލީވެރިންކުރެ އެންމެ ދޮށީ މީހާއެވެ. 

ފިރިހެން ކުދިންނަށް ކިޔުން އެންމެ މޮޅު އިތުރު ނަންތަކަކީ ޢަބްދުﷲ، ޢަބްދު الرحمن، ޢަބްދު الملك ، ޢަބްދު الكَرِيْم މިފަދައިން ﷲ އަށް އަޅުވެތިވެގެންވާކަން ދޭހަވާފަދަ ނަންތަކެވެ. [1]

އަންހެން ކުދިންނަށް ކިޔުމަށް އެންމެ މުނާސަބީ އަންހެން ޞަޙާބީ ބޭކަނބަލުންނަށާއި އެއަށްފަހު ވަޑައިގެންނެވި ޞާލިޙު މުއުމިނު ކަނބަލުންނަށް ކިޔާފައިވާ ރަނގަޅު ނަންތަކެވެ.

ހުތުރު މާނައެއް ހިމެނޭ ނަންތަކާއި ޖާހިލިއްޔަ ޒަމާނުގެ ކާފިރު ފިރިހެނުންނަށާއި އަންހެނުންނަށް ކިޔައި އުޅުނު ނަންތަކެއް ނޫނެވެ. މުސްލިމުން ކިޔާއުޅޭ ރިވެތި ނަންތައްކަމުގައި ބެލެވޭ ނަންތައް ކިޔުމީ މިކަމުގައި އެދެވިގެންވާ ގޮތެވެ.

ޢަބްދު الحُسَيْن ނުވަތަ ޢަބްދު النَّبِيِّ ނުވަތަ ޢަބްދު الكَعْبَة ފަދައިން، ﷲ ނޫން ފަރާތަކަށް އަޅުވެތިކަން ދޭހަވާފަދަ ގޮތަކަށް ކިޔޭ ނަންތަކާމެދު ދަންނައެވެ. ފަހެ އެއީ ހުއްދަކަމެއް ނޫނެވެ.

ދެ ޖިންސުގެ ކުދިންނާމެދުވެސް ނަންކިޔުމުގައި މޮޅުއިތުރީ 7 ވަނަ ދުވަހު ކިޔުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((كُلُّ غُلَامٍ مُرْتَهَنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ، وَيُحْلَقُ، وَيُسَمَّى)) [رواه الإمام أحمد وأهل السنن بإسناد صحيح]

"ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ޢަޤީޤާ ކަތިލުންވަނީ ލާޒިމުވެގެންނެއެވެ. އޭނާގެ މަތިން އެކަން ކުރާނީ ހަތްވަނަ ދުވަހުއެވެ. އަދި އޭނާގެ ބޯ ބާލައި ނަންކިޔާނީވެސް އެދުވަހުއެވެ".

ފަހެ މޮޅުއިތުރުވެގެންވަނީ ހަތްވަނަ ދުވަހު ނަންކިޔުމެވެ. އެކުއްޖާ ވިހާ ދުވަހު ނަންކިޔުމަކީވެސް މައްސަލައެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަލުން އިބްރާހީމް އުފަންވެވަޑައިގެންނެވި ދުވަހު އެކަލޭގެފާނަށް ނަންކިޔުއްވިއެވެ.

އަދި ބައެއް ޞަޙާބީ ބޭކަލުންގެ ދަރިދަރިކަލުންނަށްވެސް އެކަލޭގެފާނުވަނީ އެބޭކަލުން އުފަންވެވަޑައިގެންނެވި ދުވަހު ނަން ދެއްވާފައެވެ. ފަހެ އެހެންކަމުން އެއީ މައްސަލައެއް ނޫނެވެ. އެއީވެސް ސުންނަތެކެވެ. އަދި ހަތްވަނަ ދުވަހު ނަން ކިޔުމަކީވެސް ސުންނަތެކެވެ. ދުވަހަށް ބަލާއިރު އެންމެ މޮޅުއިތުރީ މިގޮތެވެ.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله 

 

 

 

 

މިއަދު އޮންލައިން