ޢަލީ އިޙްޞާން ފިރާޤް
އަޅުކަން ކުރެއްވުން:
داود عليه السّلام އަކީ ވަރަށް ގިނައިން އަޅުކަން ކުރައްވައި ރޯދަ ހިއްޕަވައި އުޅުއްވި ތަޤްވާވެރި ބޭކަލެކެވެ. އެކަލޭގެފާނުވަނީ އަޅުކަން ކުރައްވަން މިހުރާބުގެއެއް ހައްދަވައިފައެވެ. ވަރަށްގިނަ ވަގުތު އަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އެތާނގައި އިންނަވައެވެ. داود عليه السّلام ގެ އަޅުވެރިކަމާއި، ތަޤުވާވެރިކަމާއި، ވަރަޢަވެރިކަމަށް މި އުއްމަތުގެ މާތް ސާހިބާ صلّى اللّـه عليه وسلّم ވެސް ވަނީ ތާރީފު ކުރައްވައިފައެވެ.
ޢަބްދުﷲ ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ގެ އަރިހުން ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘު ކުރައްވައިފައިވެއެވެ.
" أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا، وَأَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ، كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ "{صحيح البخاري،كتاب أحاديث الأنبياء،بَابُ أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ، ޙަދީޘް ނަންބަރު 3420}
މާނައީ: [މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ داود عليه السّلام ހިތްޕެވި ރޯދައެވެ. އެހެނީ އެކަލޭގެފާނު ދެ ދުވަހުން އެއްދުވަހު ރޯދަފުޅަށް ހުންނަވައެވެ. މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ داود عليه السّلام ކުރެއްވި ނަމާދުފުޅެވެ. އެހެނީ އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ދެބައިކުޅައެއްބައިގައި އަވަހާރަފުޅުލައްޕަވައެވެ. ދެން ތެދުވެވަޑައިގެން ރޭގަނޑުގެ ތިންބައިކުޅަ ދެބައިގައި ނަމާދުފުޅު ކުރައްވައެވެ. ދެން ނަމާދު އަވަދިވެވަޑައިގެން ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ.]
އެއްފަހަރަކު މީހަކު އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހަށް އައިސް ރޯދަޔާއި ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. [ކަލޭ ބޭނުން ނަމަ ދާވޫދުގެފާނުގެ ރޯދާ ހިއްޕެވިގޮތް ބުނެދީފާނަމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަ ހިއްޕަވައި އަނެއް ދުވަހު ރޯދަ ދޫކޮށް ލައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. [އެންމެ ފުރިހަމަ ރޯދަ އަކީ ދާވޫދުގެފާނުގެ ރޯދައެވެ.] އެކަލޭގެފާނު ޒަބޫރު ސާޅިސް އަޑުފުޅުން ކިޔަވައި ވިދާޅުވެއެވެ. އެކަލޭގެފާނު ކޮންމެ ރެއަކު ދެ ރަކްޢަތް ނަމާދެއް ކުރައްވައެވެ. އެ ނަމާދުގައި އެކަލޭގެފާނު ކީރިތި ކުރައްވާ ހައްދަވައެވެ.
ކަލޭ ބޭނުން ނަމަ ސުލައިމާނުގެފާނު ރޯދަ ހިއްޕެވިފަދައިން ރޯދާ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ފުރަތަމަ ތިން ދުވަހު ރޯދަ ހިއްޕަވައެވެ. އަދި މަހުގެ ފަހުކޮޅުގައި ތިން ދުވަހު ރޯދައަށް ހުންނަވައެވެ. މަސް ފައްޓަވަނީ ރޯދަ ހިއްޕެވުމުންނެވެ. މަސް ނިންމަވާ ލައްވަނީ ރޯދަ ހިއްޕެވުމަކުންނެވެ.
ކަލޭ ބޭނުން ނަމަ،ޢީސާގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަލޭގެފާނު މުޅި އަހަރު ދުވަހު ރޯދަ ހިއްޕެވިއެވެ. ކަލޭ ބޭނުން ނަމަ، މަރްޔަމުގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަމަނާ އެއް ދުވަހު ރޯދަ ހިއްޕަވައި، ދެ ދުވަހު ރޯދަ ދޫކޮށްލައްވައެވެ. ނުވަތަ ކަލޭ ބޭނުން ނަމަ، މާތް ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިއްޕެވިއެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317-318}
- ޢަލީ އިޙްޞާން ފިރާޤް