އަނބި ދަރިންނަށާ މައިންބަފައިންނަށް އުންމީދު ކަނޑާނުލައި ދުޢާކުރަމުން ގެންދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބި ދަރިންނަށާ މައިންބަފައިންނަށް އުންމީދު ކަނޑާނުލައި ދުޢާކުރަމުން ގެންދާށެވެ!

ދިރިއުޅޭއިރު އަބަދު ދިމާވާނީ އުފާވެރި ކަންކަމެއް ނޫނެވެ. އެކުގައި އުޅެންޖެހޭނީ އެބައެއްގެ ސަބަބުން އުފާވެރިކަން ލިބޭ މީހުންނާއިއެކު އެކަންޏެއް ނޫނެވެ. މިއީ ދުނިޔޭގެ ޤާނޫނެއް ނޫނެވެ.  

ހިތްދަތިކަން ލިބޭނެ މީހުންގެ ތެރޭގައި ޙަޔާތުގެ ބައިވެރިޔާ އާއި ދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި އަދި އެންމެ ގާތް އެކުވެރިންވެސް ހިމެނޭއެވެ. އެއީ ކޮންމެ މީހަކަށްވެސް ބަލައިގަންނަން އެންމެ ބޮޑަށް އުނދަގޫވާނެ ކަންކަމެވެ.  

އެހެންކަމާއިއެކުވެސް ހިތްދަތިކަމެއް ލިބޭއިރަށް ތެޅިފޮޅި ނުގަންނާށެވެ. އެމީހަކަށް ނުބައި ބަސްތައްބުނެ ގުޅުންކަނޑައިނުލާށެވެ. ކެތްތެރިވެ ހެޔޮދުޢާކުރަމުން ގެންދާށެވެ. އެހެން މީހަކު ތިބާއަށް ނުބައި ބަސްތައް ބުނިނަމަވެސް އެބަހުރުވައިން ރައްދުނުދޭށެވެ. އޭނާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. 

އެއީވެސް މިންވަރުފުޅުކަމަށް ޤަބޫލުކޮށް އަލްޙަމްދުލިﷲ ކިޔާށެވެ. އެއިރުން ތިބާގެ ކެތްތެރިކަމަށް ﷲ ތަޢާލާ ދެއްވަވާ ޖަޒާގެ ސަބަބުން ތިބާއަށް ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. އެއުފާވެރިކަން ލިބެން މުއްދަތެއް ނަގައިފާނެއެވެ. އެއީ އަހަރުތަކެއް ކަމުގައިވެގެންދިއަނަމަވެސް ކެތްތެރިވާށެވެ. 

އެކަންކުރަން އެންމެ ފަސޭހަވާނީ ކޮންމެ މީހެއްގެ ކިބައިންނަމަވެސް އަދި ކޮންމެ ގޮތަކުން ނަމަވެސް ލީބޭ ކޮންމެ ހިތްދަތިކަމަކީވެސް ﷲ ތަޢާލާ ތިމާއަށް ކުރިމަތިކުރައްވަވާ އިމްތިޙާނެއްކަމަށް ޤަބޫލުކުރުމުންނެވެ. ކެތްތެރިވުމަށް ހިތްވަރު ލިބޭނެ ތަޅުދަނޑިއަކީ އެއީއެވެ.  

ޚާއްޞަކޮށް އަނބި ދަރިންނަށާއި މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށް އުންމީދު ކަނޑާނުލައި ދުޢާކުރަމުން ގެންދާށެވެ! ތިބާ ހިތްދަތިވާ ގޮތަށް އެމީހުން ކުރަމުން އަންނަ ކަންކަން ހުއްޓުމަކަށް އަންނާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން