ތުރުކީއާ ސީރިޔާގަ އަދި އެހެން ޤައުމުތަކުގަ ޙާލުގަ ޖެހިފަ ތިބި މީހުންނަށްވެސް އެހީތެރިނުވުމަކީ ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތުރުކީއާ ސީރިޔާގަ އަދި އެހެން ޤައުމުތަކުގަ ޙާލުގަ ޖެހިފަ ތިބި މީހުންނަށްވެސް އެހީތެރިނުވުމަކީ ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެއް!

މަގުމަތިން ހިނގާފައި ދަނިކޮށް ހައިހޫނުކަމުގައި ހުރި މީހަކު ފެނިދާނެއެވެ. ބަލިޙާލުގައި ހުރި މީހަކުވެސް ފެނިދާނެއެވެ. އެނޫން މުޞީބާތެއްގައި ހުރި މީހަކުވެސް ފެނިދާނެއެވެ. އެމީހުން އެވަނީ ވަރަށް ދަތިޙާލުގައެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. 

އެހެނަސް އެހިސާބަކުން އެކަން ނިމެނީއެއް ނޫނެވެ. އެއީ އެކަންކަން ފެނުނު މީހާއަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެއްގެ ފެށުމެކެވެ. އެހެނީ އެމީހަކަށް އެކަންކަން ފެނުމުން އެމީހަކު ޢަމަލުކުރާ ގޮތަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވީމާ އެއީ އެމީހަކަށް ކުރިމަތިކުރައްވަވާ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. 

އެހެނީ އެމީހަކަށް އެހީތެރި ނުވިނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހަކާއި ސުވާލުކުރައްވަވާނެތީއެވެ. އެއީ ޤުދްސީ ޙަދީޘްފުޅަކުން އެނގެން އޮތް ކަމެކެވެ. 

އެއީ ދިގު ޙަދީޘްފުޅެކެވެ. އެޙަދީޘްފުޅުގައި ވަނީ ހައިހޫނުކަމުގައި މީހަކަށް ކާން ނުދިނުމުން ސުވާލުކުރައްވަވާނެ ކަމެވެ. ސުވާލު ކުރައްވަވާނީވެސް "ތިމަން ﷲ ހައިހޫނު ކަމުގައިވީހިނދު ކާންނުދިނީ ކީއްވެގެންތޯއެވެ؟" 

އެ ޙަދީޘްފުޅުން އެނގެން އެއޮތީ ހަމައެކަނި ކާން ނުދިނުމުން ސުވާލުކުރައްވަވާނެ ކަމެއް ނޫނެވެ. ދަތިޙާލެއްގައި މީހަކު ހުރިކަން އެނކަން އެނގިހުރު އެހީތެރި ނުވެއްޖެ ނަމަ ސުވާލުކުރައްވަވާނެ ކަމެވެ. ވީމާ އެކަން ވެގެން އެދަނީ ކުރިމަތިކުރައްވަވާ ވަރަށް ބޮޑު އިމްތިޙާނަކަށެވެ. 

މިއަދު އެންމެ ހޫނު ޚަބަރެއްގެ ގޮތުގައި މިއޮތީ ސީރިޔާއާއި ތުރުކީގެ އެތައް މިލިއަން ބައަކު ވަރަށް ދަތިޙާލުގައި ތިބިކަމެވެ. އެއިގެ އިތުރުންވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް ދަތިޙާލުގައި އެތައް މިލިއަން ބައަކު އެބަތިއްބެވެ. 

މުވާސަލާތީ ކަންކަމަށް އައިސްފައިވާ ކުރިއެރުމާއިއެކު އެކަންކަން އެންމެންނަށްވެސް އެބައެނގެއެވެ. އަދި ހަމަ އެފަދައިން އެމީހަކު ހުރިތަނެއްގައި ހުރެގެން އެމީހަކު ބޭނުން ބައަކަށް އެހީތެރިވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެންކަމަށްވާއިރު އެމީހުންނަށް އެހީތެރިނުވެ ހުރުމަކީ ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެއްކަން މިއޮތީ އެނގޭށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ޙާލަތު ކުރިމަތިކުރައްވަވާ ސަބަބުތަކުގެ ތެރޭގައި މީސްތަކުން އިމްތިޙާނު ކުރެއްވެވުން ހިމެނިގެންވެއެވެ. އިމްތިޙާނުން ފާސްވާން މަސައްކަތްކުރާށެވެ! ދީލަތިކަމާއިއެކު އަތް ހުޅުޅުވައިލާށެވެ! މުށްބާރުނުކުރާށެވެ! އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބާއި ލައްވަވާނެ ރަޙްމަތް ޢަދަދުވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން