އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބެލެނިވެރިއަކީ ދަރިންނަށް ދީނުގެ ކަންކަން އުނގަންނައިދެވޭވަރަށް ދީނުގެ ޢިލްމު ލިބިގެންތިބި ބައެއް ނޫނެވެ. އެެހންކަމާއިއެކުގައިވެސް ދަރިންގެ ހިތްތަކުގައި ރަސޫލް ﷺ އަށް ލޯބިއިތުރުކުރުވަން މަސައްކަތްކުރަން އެބަޖެހެއެވެ.
އަހުރެމެން ފިރިހެނުން ހުކުރަށް ދަމުއެވެ. ގިނަ ބައްޕައިން ދަނީވެސް ދަރިން ގޮވައިގެންނެވެ. އެހެންކަމުން ޚުޠުބާ ތަކުގައި ކިޔާތަކެތި ދަރިންނަށް ވިސްނައިދޭން މަސައްކަތްކުރެވިދާނެއެވެ. އެގޮތުން މީގެ 3 އަހަރު ކުރިން ކިޔާފައިވާ މިޚުޠުބާގައި އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ﷺ އާއިބެހޭ ގޮތުން ވަނީ ވަރަށް ގިނަ މަޢުލޫމާތުތަކެއް ހިމަނައިފައެވެ.
އެދުވަހުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނ ރަސޫލް ﷺ އަށް ލޯބިކުރުމުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނުގެ މަތިވެރިކަމާއި ޤަދަރު ﷲ ގެ ޙަޟްރަތުގައި އުފުލިގެންވާ މިންވަރުގެ މައްޗަށެވެ. ރަސޫލް ﷺ އަށް ލޯބިކުރަންޖެހޭ ސަބަބުތަކާއި ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރުގެ މައްޗަށެވެ.
ޤިޔާމަތް ދުވަހު ޙަމްދު ލިބިގެންވާ އެންމެ މަތިވެރި މަޤާމް ލިބިވަޑައިގަންނަވާނީ ރަސޫލް ﷺ އަށް ކަމެވެ. އަދި އެއީ ޙަޢުލެވެ ކިޔުނު ފެންގަނޑުގެ ވެރި ޞާޙިބާކަމެވެ. މުސްލިމުންނަށް ޔަޤީންވާ ކަމަކީ އާޚިރަތް ދުވަހު ދިންނަވާނޭ މީހުންނަކީ ރަސޫލް ﷺ ގެ އަތްޕުޅުން އެކޯރުން ފެން ލިބޭނެ މީހުންކަމެވެ.
ޚުޠުބާގައިވަނީ މަޙްޝަރުގެ މައިދާނަށް މީސްތަކުން ފޮނުއްވެވޭ ވަގުތު (ޤިޔާމަތްވުމުގެ ވަގުތު) ބިންގަނޑު ފުރަތަމަ ފެޅިގެންދާނީ ރަސޫލް ﷺ އަށް ކަމަށެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް އެންމެ ފުރަތަމަ ހުޅުވިގެންދާނީ ރަސޫލް ﷺ އަށް ކަމަށެވެ. އީމާންކަން ފުރިހަމަވާނީ ރަސޫލް ﷺ އަށް ފުރިހަމަ ގޮތުގައި އީމާންވެގެން ކަމަށާއި އެމީހާގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރިންނަށްވުރެ ރަސޫލް ﷺ އަށް ލޯބިކުރުމުން މެނުވީ އީމާންކަން ފުރިހަމަނުވާނެ ކަމަށެވެ. އަދި ރަސޫލް ﷺ އަށް ނަފްރަތުކޮށް ކުޑައިމީސްބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ކަންކަންކަމަށެވެ.
މިޚުޠުބާ އާއި މިނޫންވެސް މިފަދަ ޚުޠުބާތަކުގައި ކިޔައިދޭ ވާހަކަތައް ދަރިންނަށް ހަނދާންކޮށްދޭށެވެ. އެކުދިން ބަލައިގަންނާނެ، އަޑުއަހާ ހިތްވާނެ ގޮތަކަށް ދޭތެރެދޭތެރެއިން މިބާވަތުގެ ވާހަކަތައް ކިޔައިދޭށެވެ. އަދި އެވާހަކަތަކަށް މައިންބަފައިން ޢަމަލުކުރާކަން އެކުދިންނަށް ދައްކައިދޭށެވެ. މިކަންކަމަކީ ދީނީ ޢިލްމުން މާމަތީ ފާސްތަކެއް ލިބިފައި ނުވިނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ. އިން ޝާ ﷲ