ތިމާއާ ދަރިން ނަރަކައިން ސަލާމަތްކުރަން ބޭނުންވާ ކޮންމެ މައަކުވެސް ހަމަ އަމިއްލަ ނަފްސާ ކޮށްލަން މުހިންމު ސުވާލުތަކެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 22ސ
ތިމާއާ ދަރިން ނަރަކައިން ސަލާމަތްކުރަން ބޭނުންވާ ކޮންމެ މައަކުވެސް ހަމަ އަމިއްލަ ނަފްސާ ކޮށްލަން މުހިންމު ސުވާލުތަކެއް-

މައިން ވެސް މިއަދު މިވަނީ 3 ބައަކަށް ބެހިފައެވެ. އެއްބައަކީ އިސްލާމް ދީނާއިމެދު އެއްވެސް ސަމާލަކެމެއް ނުޑޭ މައިންނެވެ. އަނެއްބައި މައިންނަކީ އިސްލާމް ދީނުގެ ކަންކަމަށް ސަމާލުކަން ދެމުން އެހެނަސް ކޮންމެހެން ފަރުވާތެރިވާންޖެހޭ ކަންކަމަށް ފަރުވާތެރިނުވާ މައިންނެވެ. ތިންވަނަ ބާވަތުގެ މައިންނަކީ އިސްލާމް ދީނުގެ ކަންކަމަށް ސަމާލުކަން ދެމުން އަދި ކޮންމެހެން ފަރުވާތެރިވާންޖެހޭ އިތުރު ކަންކަމަށް ފަރުވާތެރިވާ މައިންނެވެ.

މީސްތަކުންގެ ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން މިއަދުގެ ހަމަ "މުސްލިމް" ބައެއް މައިންނަކީ އިސްލާމް ދީނުގެ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދޭ ބައެއް ކަމަށް ބުނެވޭކަށް ނެތެވެ. އެއީ އެމީހުންގެ ދިރިއުޅުމާއި ކުރާ ޢަމަލުތަކުން ކަންކަން ފެންނަމުންދާ ގޮތުންްނެވެ.

ކަން މިހެން ހުރިއިރު ބައެއް މައިން ނަމާދުވެސް ކުރެއެވެ. ދަރިންނަށް ހެޔޮ ނަޞޭަތްވެސްދެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރަން ަމސައްކަތްވެސް ކުރެއެވެ. އެހެނަސް ބައެއް މައިންގެ ޢަމަލުތަކުން ފެންނަނީ ވަރަށް ހިތާމަވެރި ގޮތްތަކެވެ.

ޤަބޫލުކުރަންޖެހޭ ކަމަކީ އިސްލާމް ދީނާއި ޚިލާފް ކަންކަން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ޢާންމުވެފައިވާ ކަމެވެ. އެކަންކަމަށް ސަމާލުކަންދޭންޖެހިފައިވާ ކަމެވެ. އެފަދަ ކަންކަމާއި ދުރުހެލިވެ އެއްކިބާވާން މަސައްކަތްކުރަން ޖެހިފައިވާ ކަމެވެ. ތިރީގައި މިވާ ލިޔުމަކީ މީގެ 6 އަހަރުކުރިން އަލް އުޚްތު ތަސްނީމް ޢަލީ "މައެއްގެ ސުވާލުތައް" މިމ މައުޟޫއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މިހާރުގެ ޙާލަތު މިވަނީ އިތުރަށް މާނުބައިވެފައެވެ. ލިޔުން ވިދާޅުވެލައްވާށެވެ! ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިވަޑައިގަންނަވާނެއެވެ.

"މައެއްގެ ސުވާލުތައް"

އަޅުގަނޑުގެ ދަރިފުޅުގޮވައިގެން ބޭސްފަރުވާއަކަށް މާލެދާން ޖެހިގެން އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރަން ފަށައިފީމެވެ. އަންނައުނުދޮވެ ތައްޔާރުކުރުމަށްފަހު އަނބެއް ލިބޭތޯ ރައްޓެއްސެއްގެ ގެއަށް ދިޔައީމެވެ. ގޮސް އެގޭ ސިޓިންރޫމަށް ވަންއިރު އަޅުގަނޑު ބައްދަލުކުރަން ބޭނުންވާ ރަޙްމަތްތެރިޔާ އިނީ ފިލްމެއް ބަލާށެވެ.

އަޅުގަނޑު އަނބެއް ނެތްހޭ އަހާލި ވަގުތު ފިލްމުން ފެނުނު މަންޒަރުން އަޅުގަނޑުގެ ދަރިފުޅުގެ ލޯމަތީގައި ޖެހުނީ އަތް އަޅާށެވެ. އެވަގުތު އޭނަގެ ފަރާތުން ޖަވާބު ވެސް ލިބުނެވެ. ގަހުގައި އަނބެއް ނެތްކަމުގައި އޭނަ ބުނި ވަގުތުވެސް ފިލްމުން ފެންނަނީ އަންހެނަކާއި ފިރިހެނަކު ގައިގޯޅިވާ މަންޒަރެވެ. އެވަގުތު އޭނަގެ ދެ އަންހެންކުދިންނާއި ދެފިރިހެން ކުދިންވެސް ހެވިފައި އެ މަންޒަރު ބަލަން ތިއްބެވެ. އެވަގުތު އަޅުގަނޑު ނިކުމެގެން އައީމެވެ.

އައި މަގުމަތީ ހިތަށް އެރިއެވެ. އެ މަންމަ ހަމަޖެހިލާފައި ކުދިންނަށް އެމަންޒަރު ދައްކައިގެން އެހުންނަނީ އެއީ ހަމަ ކިހާވަރެއްގެ ކަމެއްކަން ނޭނގިބާވައެވެ. އޭނަ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެން ބާވައެވެ. ކޮންމެއަކަސް އެ ސުވާލުގެ ޖަވާބު ވިސްނާ ވިސްނާ ނުލިބުނެވެ.

ޖެހިގެން އައި ދުވަހު އަވަހަށް ފުރަން ތައްޔާރުވެގެން ހަމަޖެހިލާފައި ކާރަކަށް ގުޅައިފީމެވެ. ޓެކްސީ ސެންޓަރުން ފޮނުވީ ވަރަށް ރީތި ކާރެކެވެ. އާއްމުކޮށް އަޅުގަނޑުގެ ގެއަށް އަންނަ ކާރެއް ނޫނެވެ. ގަޑިޖެހޭތީ އަވަހަށް ކާރަށް އެރިތަނާ ކުރިމަތީގައި ހުރި ކާރުގެ ސީޑީޕްލޭޔަރުން ފެންނަނީ ދެ ދިވެހިން އިންތިހާއަށް ނިވާކަންކުޑަ ހެދުމުގައި ތިބެގެން ގައިގޯޅިވާ މަންޒަރު ފެންނަ ލަވަ އެކެވެ. އެވަގުތު ދަރިފުޅު ކައިރީ ލޯމަރާލަން ބުނީމެވެ. ނަސީބަކުން ޑުރައިވަރު ލަވަ ނިއްވާލިއެވެ. އެހެންނަމަވެސް އެ ޢުމުރުގައި ދަރިފުޅަށް ފެންނަން ނުޖެހޭ މަންޒަރެއް ފެނިއްޖެއެވެ.

އަޅުގަނޑުމެން ކާރުންފައިބައިގެން ގޮސް ފުލައިޓަށް އެރުމުގެ ކުރިން ކުރަންޖެހޭ ހުރިހާކަމެއް ކޮށް ނިންމާލާފީމެވެ. އަދި ފުލައިޓަށް އެރުމުގެ ވަގުތު ޖެހުމުން ގޮސް ފުލައިޓަށް އަރާހަމަޖެހިލައިފީމެވެ. ފުލައިޓު ނައްޓާލިއެވެ. އިރުކޮޅެއްފަހުން އަޅުގަނޑު ފޫހިވެގެން ކުރިމަތިން ފެންނަންއޮތް މަޖައްލާއެއްކިޔުމުގެ ގަސްދުގައި ހުޅުވާލީމެވެ. ހުޅުވާލި ވަގުތު ފެނުނީ އަންހެނެއްގެ ނިވާކަންކުޑަ ފޮޓޯއެކެވެ. ދަރިފުޅުކައިރީގައި ހުރުމާއެކު ވަގުތުން ފޮތްލައްޕާލީމެވެ. ހިތަށްއެރިއެވެ. އަޅެ މިނޫންއެއްޗެއް އެބަ ފެނޭބާވައެވެ.

މިފިކުރުގައި އިންދާ ހުޅުލޭ ބަނދަރުގައި ބޯޓުޖައްސައިފިއެވެ. ބޯޓުން ފައިބައިގެން ފޮށިތައް ހިފައިގެން މާލެދިޔުމުގެ މަގުމަތީގައި ތިބި އިޝްތިހާރު ބޯޑުތަކުން ފެންނަ މަންޒަރުތަކުން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށް އެރިއެވެ. އަޅެފަހެ މިކަންތައްކުރާމީހުންނަށް ހަމަ މިއަށްވުރެ ރަނގަޅުގޮތެއް ނުވިސްނެނީ ބާވައެވެ.

ކުރާނީކޮންކަމެއްބާވައެވެ. ހަދާނީ ކިހިނެއްބާވައެވެ. ޓީވީ ހުޅުވާލިއަސް އަންހެނުންނާއި ފިރިހެނުން މަސްހުނިވާ މަންޒަރެވެ. އެކަމަކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާވާހަކަވެސް ދައްކަނީ ހަމަ މި ޓީވީތަކުންނެވެ. މިކަން ހައްލުކުރެވޭނީ ކިހިނަކުން ބާވައެވެ.

އަނެއްކާ އަޅުގަނޑު މާ ކަންތައްބޮޑީ ބާވައެވެ. އަޅުގަނޑު ހައްދުފަހަނައަޅާ ދިޔައީ ބާވައެވެ. ނޫނެކެވެ. އަޅުގަނޑު ހައްދުފަހަނައަޅާ ނުދާކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުދަރިފުޅަށް މީރު އެއްޗެހިކާންދެމެވެ. ވެކްސިންދޭން ހޮސްޕިޓަލަށް ގެންދިޔައީމެވެ. ސްކޫލަށްފޮނުވަމެވެ. ކުޅިވަރުތަކުގައި ބައިވެރި ކުރުވަމެވެ. ކުދިންނާގުޅޭ ޓީވީގޭމަކީ ކޮބައިތޯ އަޅުގަނޑުބަލާ ޗެކުކުރުމަށްފަހު ގޭމު ކުޅުމުގެ ފުރުސަތު އަޅުގަނޑުދެމެވެ. އެހެންވެއްޖިއްޔާ މިކިޔާ “ހައްދުފަހަނައަޅާފައިވާ” މީހުންގެ ލިސްޓުގައި އަޅުގަނޑުހިމެނޭކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ހައްދުފަހަނައަޅާފައިވާ މީހުންނަކީ މިފަދަކަންތައް ކުރާމީހުން ނޫންބާވައެވެ.

ކޮންމެއަކަސް ދީނާޚިލާފު މިފަދަ ބޮޑެތި ކަންތައްތައް ވަރަށް އާދައިގެ ކަންތައްކަމުގައި ދެކިގެން މީހުންކުރާ މަންޒަރު ފެނެއެވެ. ބަދު އަޚުލާގީ މައްސަލަ ޢާއްމުވެ ތުއްތު ކުއްޖާވެސް ސަލާމަތްނުވާ ދަރަޖައަށް ކަންތައްގޮސްފައިވާއިރު މިކަމަށް ފިކުރުކޮށް ޢަމަލީގޮތުން މަސައްކަތް ކުރާ މީހުން މަދެވެ. މައެއްގެ ޙައިސިއްޔަތުން މި އުދާސް ހިތުތެރޭގައިވާ ކިތައްމެ ބަޔަކު ރާއްޖޭގައި ވެއެވެ. އެހެނަސް މިކަމަށް ހައްލެއް ހޯދާނެގޮތް ނުވިސްނިފައެވެ. ރަގަޅުތަރުބިއްޔަތެއްދޭން ބޭނުންވާ ބެލެނިވެރިންގެ ދަރިން އަބަދު ލޯމަރާލައިގެންތިބެންވީ ބާވައެވެ. މިކަމަށް އޮތްހައްލަކީ ކޮބައިބާވައެވެ. އެހެނަސް ޖަވާބެއް ނުލިބެއެވެ.

މުޅިގައުމުގައި ބަދުއަޚްލާގީ މަންޒަރުސިފަވާ ކުރެހުންތަކާއި ފޮޓޯތައް ޢާއްމުވެފައި ވުމުގެ ސަބަބުން މިއަދު ކުޑަކުދިންވެސް އެފަދަ ޢަމަލުތައް ކުރުމަކީ ފެޝަނަކަށް ވެއްޖެއެވެ. ކުދިން ނުލާހިކު ދަށް ގްރޭޑްތަކުގައި ވެސް އަންހެންކުދިންނާއި ފިރިހެންކުދިން ރައްޓެހިވެ ލޯބީގެވާހަކަ ދެއްކުންވަނީ ޢާއްމުވެފައެވެ. މިފަދަކަންތައް ކުރުމަކީ ބައެއް މީހުންވެސް އަދި ކުދިންވެސް ދެކޭގޮތުގައި މާ ބޮޑުކަމެއް ނޫނެވެ. އެހެންނަމަވެސް ގައުމުގައި ރަގަޅު ތަރުބިއްޔަތު ހުރި ޖީލެއް ބިނާ ކުރަން އެދޭ މައިން ބަފައިންނަށް މިފަދަ ކަންތައްތަކަކީ ބޮޑެތި ކަންތައްތަކެވެ. ގޭތެރެއިން ނުދައްކާ މަންޒަރު މުޖުތަމަޢުތެރެއިން ފެންނާތީ އެކަމުގެ ފިކުރު އިންތިހާއަށް ބޮޑުވެފައިވާ މައިންނާއި ބަފައިންގެ ޢަދަދު ރާއްޖޭގައި ގިނައެވެ. ޒިއްމާނަގާމީހުން މަދެވެ. ޖަވާބު ނުލިބޭ ސުވާލުތައް ގިނައެވެ.

--އަލް އުޚްތު ތަސްނީމް ޢަލީ

މިއަދު އޮންލައިން