އަންހެނުންނަށް ގޭގަ ނަމާދުކުރަން އަންގަވާފައިވަނީ ދަރަޖަ ދަށްވެގެނެއް ނޫން! އަންހެނުންނަށް ފަސޭހައަކަށް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަންހެނުންނަށް ގޭގަ ނަމާދުކުރަން އަންގަވާފައިވަނީ ދަރަޖަ ދަށްވެގެނެއް ނޫން! އަންހެނުންނަށް ފަސޭހައަކަށް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ލޮބުވެތި އުޚުތުންނޭވެ! ބައަކު ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ! އަނހެނަކަށްވުމަކުން ﷲ ތައާލާގެ ޙަޟްރަތުން އުނިވާ ހަމަ އެންމެ ކަމެއްވެސް ނެތެވެ. އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް އެމީހެއްގެ ދަރަޖަ އުފުލިގެންދަނީ އެމީހަކު ކުރާ ޢަމަލުތަކުންނެވެ. ހެޔޮ ޢަމަލުތައްކޮށް ނުބައި ޢަމަލުތައް ނުކުރުމުންނެވެ. 

ވީމާ އެންމެ ޒުވާން ޢުމުރުގައިވެސް ވީހާގިންއިން ހެޔޮ ޢަމަލުތައް ކުރަމުންގެންދާށެވެ! ހެޔޮ ލަފާ ތަޤްވާވެރި ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ބައިވެރިއަކު ދެއްވެވުމުން ކާމިޔާބު އުފާވެރި ޙަޔާތެއް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ހެޔޮލަފާ ދަރިން ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. 

ﷲ ތައާލާ ކުރެއްވެވި ކޮންމެ އަމުރުފުޅެއްވެސް ކުރައްވަވާފައިވަނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ފަރުޟުކުރެއްވެވި ކޮންމެ ކަމެއްވެސް ކުރައްވަވާފައިވަނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ނަމާދު، ޙައްޛު، ޒަކާތްދިނުން ޞަދަޤާތްކުރުން މިހެން ގޮސް ކޮންމެ ކަމަކަށް ބެލިނަމަވެސް މިކަން އޮތީ މިގޮތަށެވެ. 

ދެން އޮތީ ނަމާދެވެ. ނަމާދަށް މިސްކިތަށް ދިއުން ފިރިހެނުންނަށް ވާޖިބުކުރައްވަވާފައި އަނހެނުންނަށް ގޭގައި ނަމާދުކުރަން އަންގަވާފައި އޮތް އޮތުމަކީވެސް ހަމަ އަންހެނުންނަށްޓަކައި އެންމެ ފައިދާހުރި ގޮތެވެ. އަދި އަންހެނުންނަށް ޢާންމުގޮތެއްގައި ނަމާދުކުރަން ފަސޭހަވާނީވެސް ގޭގައެވެ. އެއީ މިސްކިތަށް ދާންޖެހޭނަމަ ތައްޔާރުވާން ގިން ވަޤުތުތަކެއް ނަގާނެތީއެވެ. 

ނަމާދުކުރުމުން ޘަވާބު ދެއްވެވުމުގައި އަންހެނުން ގޭގައި ތިބެގެން ނަމާދުކުރާތީ މަދެއް ނުކުރައްވަވަތެވެ. މީގެ އިތުރުން އަންހެނަކު މިސްކިތަށް ދާން ބޭނުންވެއްޖެނަމަ އެކަން މަނައެއްވެސް ނުކުރައްވަވަތެވެ. އެމިސްކިތެއްގައި އަންހެނުންނަށް ނަމާދުކުރެވެން ހުރިނަމަ މިސްކިތަށް ދާންވީއެވެ. 

ވީމާ އަންހެނުންނަކީ މާނިކަމެތިކޮށް ހިތިފައިވާ ބައެއް ކަމަށާއި ޙައްޤުތަކެއް ގެއްލިފައިވާ ބައެއް ކަމަށް ދެކެވޭ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އެއަޑުތައް ނުވެސް އަހާށެވެ. އެއީ ފިތުނަ އުފައްދުވަން ދައްކާ ވާހަކަތަކެކެވެ.

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން