މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އާއިމެދު މާޔޫސްވެގެންވާނެ ބައެއް ނޫނެވެ. އެހެނީ މުސްލިމުންނަކީ ތިމާއަށް ދެރަވާނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ތިބެނެޖެހޭ ބައެކެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ.
ވީމާ މުޞީބާތެއް ކުރިމަތިކުރެއްވެވުމުން މުއުމިނުން އުފާކުރަންވީއެވެ. އެހެނީ އެކަމަކަށް އެމީހަކު ކެތްތެރިވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ގިނަގުނަ ނިޢްމަތްތައް ދެއްވަވާނެތީއެވެ.
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ތަކްލީފްތަކަށް ކެތްތެރިވުމުން އެމީހަކު ދެކެ ލޯބިވެވޮޑިގެންވެއެވެ. އަދި ހަމައެފަދައިން ކެތްތެރިނުވެ ޝަކުވާކުރާނަމަ އެމީހަކު ދެކެ ކޯފާވެވޮޑިގަންނަވައެވެ. އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން ނުވެއެވެ.
އަހަރެމެން މުސްލިމުން ހިތްވަރު ލިބިގަންނަންވީ ކީރިތި ޤުރްއާނުގައި "ކެތްތެރިންނަށް އިމެއް ނެތި ޘަވާބު ދެއްވަވާނެ" ކަމަށް އޮތް ބަސްފުޅުންނެވެ.
ކެތްތެރިވުމަށް ބުނެވޭ ބަހުގެ މާނަ އޮޅުވާލައިގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި އެއީ ބަލިވުމުން ބޭސްނުކޮށް ހުރުމެއް ނޫނެވެ. ލިބެމުން އަންނަ އަނިޔާއަކުން ސަލާމަތްވާން މަސައްކަތް ނުކުރުމެއްވެސް ނޫނެވެ. ކުރަންހުރި މަސައްކަތް ކުރުމުން ލައްވަވާ ރަޙްމަތަށް ރުހި ޤަބޫލުވެގެން ހުރުމެވެ.
-ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން