ﷲ އަށް އަޅުކަންކުރާ މީހުންނާ ފައިސާއަށް އަޅުކަންކުރާ މީހުން އެނގޭނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ﷲ އަށް އަޅުކަންކުރާ މީހުންނާ ފައިސާއަށް އަޅުކަންކުރާ މީހުން އެނގޭނީ ކިހިނެއް؟

ފުރަތަމަ ބަލައިލަންވީ ފައިސާއަށް އަޅުކަންކުރުމަކީ ކޮބައިތޯއެވެ؟ 

ފައިސާއަށް އަޅުކަންކުރުމަކީ އެއްވެސް ޙާލެއްގައި ފައިސާއަކީ ކަލާނގެކަމަށް ޤަބޫލުކޮށް އެއަށް އަޅުކަންކުރުމެއް ނޫނެވެ. އެހެންވެ ފައިސާޢަށް އަޅުކަންކުރާ ބައަކު ނުއުޅޭ ކަމަށްވެސް ބުނެފާނެއެވެ. އެހެނަސް ރަނގަޅަށް ވިސްނައިފިނަމަ ފައިސާއަށް އަޅުކަންކުރާ މީހުން މިއަދު ވަރަށް ގިނަވެއްޖެއެވެ. 

އެހެންވީމާ މިކަންމިވާގޮތަކާއިމެދު ވިސްނަން އެބަޖެހެއެވެ.

ފުރަތަމަ ކަމަކަށް އެއްވެސް މީހަކީ ކަލާނގެ ޤަބޫލުކުރާ މީހަކު ނަމަ އެކަލާނގެއަށް ބިރުވެތިވާނެއެވެ. އެކަލާނގެ އަންގަވާފައިވާ ކަންކަން ކުރާނެއެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔައި ރަސޫލް ގެ ރަސޫލްލަމް ޤަބޫލުކުރުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭން މިޖެހެނީ ނަމާދުކުރުމަށެވެ. 

ނަމާދުކުރުމުގެ މުހިންމުކަން ބޮޑުކަމުން ހަމައެކަނި ނަމާދުކުރަން އަންގަވާފައި ނިންމަވައިލެއްވެވީއެއް ނޫނެވެ. ކޮންމެ ދުވަހަކު 5 އިރު ނަމާދުކުރަން އެބަ ގޮވައިލެވެއެވެ. މިދައްކަނީ ބަންގީގެ ވާހަކައެވެ. 

އެހެންކަމަށްވާއިރު، ބަންގީގެ އަޑު އިވުމުން ނުވަތަ ނަމާދު ވަޤުތު ޖެހުމުން ނަމާދުނުކޮށް ފައިސާ ހޯދަން މަސައްކަތްކުރާ މީހުން އެގޮތަށް ކަންތައްކުރަނީ ކީއްވެގެންހެއްޔެވެ؟ އަހުރެން ދެކޭ ގޮތުގައި އެމީހުންނަށް އެންމެ މުހިންމީ ފައިސާއެވެ. ފައިސާ އިތުރުކުރުމެވެ. އެމީހުންނަކީ ފައިސާއަށް އަޅުކަންކުރާ ބައަކު ކަމުގައި ބުނެވެނީ އެހެންވެގެންނެވެ. ފައިސާއަށް އަޅުކަންކުރާ މީހަކުކަން ދެނެގަނެވެނީ އެމީހެއްގެ ޢަމަލުތަކުންނެވެ. 

އެހެނީ ﷲ ތަޢާލާއަށް އަޅުކަންކުރާ މީހުން ބަންގިއަށް ޢިޖާބަދޭނެއެވެ. ފައިސާ އިތުރުކުރަން މަސައްކަތްކުރުން ހުއްޓާލާފައިވެސް ނަމާދުކުރަން އިސްކަންދޭނެއެވެ. އެހެނީ ފައިސާ އިތުރުކުރުން ކިތަންމެ މުހިންމުވިނަމަވެސް އެމީހުންނަށް އެންމެ މުހިންމުވާނީ ﷲ ތަޢާލާއަށް ކުރެވޭ އަޅުކަން އިތުރުކުރުމެވެ. 

ފައިސާއަށް އަޅުކަންކުރާ މީހުންގެ ކިބައިންގެ ކިބައިން ފެންނާނެ އެއް ސިފައަކީ ހޯދެން އޮތް ގޮތަކުން ފައިސާ ހޯދަން ފަސްނުޖެހުމެވެ. ޙަރާމް ޙަލާލަށް ބަލައިލުމެއް ނެތި ފައިސާ ހޯދުމެވެ. އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމެވެ. 

ކިތަންމެ ގިނަ ފައިސާ އަތުގައި ހުރި ނަމަވެސް ﷲ ތަޢާލާ ކުރިމަތި ކުރައްވަވައިފި އެއްވެސް މުޞީބާތަކުން ސަލާމަތެއް ނުވެވޭނެއެވެ. އެއީ ކިތަންމެ ކުޑަތަންކޮޅެއްގައި ރިހުންކަމުގައިވީނަމަވެސްމެއެވެ.

ފައިސާ ހޯދަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. ފައިސާހޯދާށެވެ! ހޯދައިގެން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހޭދަކުރާށެވެ. އަދި ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ޘާބިތުވާށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދިރިއުޅެން ކޮންމެ މަސައްކަތެއްކުރާ މީހަކު ކަމުގައިވީނަމަވެސް ނަމާދުވަޤުތު ޖެހުމުން ފުރަތަމަ ކުރާ ކަމަކީ ނަމާދުކުރުން ކަމުގައިހަދާށެވެ. ﷲ ތަޢާލާއަށް އަޅުކަންކުރާ މީހަކަށް ވެވޭނީ އެއިރުންނެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅަކު ކަމުގައި ވެވޭނީވެސް އެއިރުންނެވެ. ސުވަރުގެ ވަދެވޭ އަޅަކުކަމުގައި ވެވެންއޮތީވެސް ނަމާދުކުރުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން