ޢަލީ އިޙްޞާން ފިރާޤް
ދާއޫދުގެފާނުގެ އާލުވެރިންގެ އަޑުފުޅުން ބައެއް ލިބިވަޑައިގެންނެވި ޞަޙާބީ:
އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވެސް داود عليه السّلام ގެ ރިވެތި އަޑުފުޅަށް ތާރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފައިވެއެވެ. އެކަލޭގެފާނުގެ ނުހަނު އިޚްލާސްތެރި ޞަޙާބީ ބޭކަލެއްކަމުގައިވާ އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ އަޑުފުޅު އައްސަވާފައި ޙަދީޘް ކުރެއްވިއެވެ.
[ يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ ] { صحيح البخاري، كتاب فضائل القرآن، باب حُسْنِ الصَّوْتِ بِالْقِرَاءَةِ لِلْقُرْآنِ، ޙަދީޘް ނަންބަރު 5048}
މާނައީ: [އޭ أبو موسى އެވެ. ކަލޭގެފާނަށް ވަނީ داود عليه السّلام ގެ އާލުވެރިންގެ ރިވެތި އަޑުފުޅުން ބައެއް ލިބިވަޑައިގެންފައެވެ.]
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވަރަށް ގިނައިން އަބޫ މޫސަލްއަޝްޢަރީ ރަޟިޔަﷲ ޢަންހަށް ދަންނަވައެވެ. [އޭ އަބޫމޫސާއެވެ. ތިމަންމެންނަށް ތިމަންމެންގެ ރައްބުގެ މަތީން ހަނދާންކޮށްދެއްވާށެވެ.]
ޢުމަރުގެފާނު އެހެން ވިދާޅުވުމުން އަބޫމޫސާގެފާނު އެކަލޭގެފާނުގެ ރީތި އަޑުފުޅު ޤުރްއާން ކިޔަވާ ވިދާޅުވެއެވެ. ޢުމަރުގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ ބޭކަލުން ކަނުލައި އަޑުއައްސަވަން ތިއްބަވައެވެ.
{ شعيب الأرنؤوط (ت ١٤٣٨)، تخريج صحيح ابن حبان ٧١٩٦ • إسناده صحيح على شرط مسلم}
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ، وَلاَ يَأْكُلُ إِلاَّ مِنْ عَمَلِ يَدِهِ " {كتاب أحاديث الأنبياء، باب قَوْلِ اللَّهِ تَعَالَى (وَآتَيْنَا دَاوُدَ زَبُورًا)، ޙަދީޘް ނަންބަރު 3417}
މާނައީ: [ޒަބޫރު ކިޔަވާވިދާޅުވުން داود عليه السّلام އަށް ފަސޭހަކޮށްދެވުނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ސަވާރުގައި އަސްދާނުގޮނޑި ހަރުކުރުމަށް އަމަރުކުރައްވައެވެ. އެ އަސްދާނުގޮނޑި ހަރުކޮށް ނިމުމުގެ ކުރިން އެކަލޭގެފާނު ޒަބޫރު އެއްކޮޅުން އަނެއްކޮޅަށް ކިޔަވާ ވިދާޅުވެއެވެ. އަދި އެކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އެއްޗެއްމެނުވީ ފަރިއްނުކުޅުއްވައެވެ.]
- ޢަލީ އިޙްޞާން ފިރާޤް