އެންމެ ގިނައިން ފުރައްސާރަކުރެވޭ ދީނަކީ އިސްލާމްދީންކަމަށްވެފައި އެންމެ ބާރަށް ކުރިއަރާ ދީނަކީވެސް އިސްލާމް ދީނަކަމަށްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އެންމެ ގިނައިން ފުރައްސާރަކުރެވޭ ދީނަކީ އިސްލާމްދީންކަމަށްވެފައި އެންމެ ބާރަށް ކުރިއަރާ ދީނަކީވެސް އިސްލާމް ދީނަކަމަށްވަނީ ކީއްވެ؟

"ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނައިން ފުރއްސާރަކުރެވޭ ދީނަކީ އިސްލާމް ދީންކަމުގައި ބުނެވެއެވެ. އެހެންބުނާމީހުންވެސް ވިއްދައިގެން ބުނަނީ ދުނިޔޭގައި އެންމެ ބާރަށް ފެތުރި، ކުރިއަރަމުން އަންނަނީ އިސްލާމް ދީން ކަމަށެވެ. އެގޮތަށް އެކަން އެވެނީ ކީއްވެގެންތޯއެވެ؟"

ކިޔުންތެރިޔާގެ ތިއަ ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. އެކަމުގެ ޙަޤީޤަތް، އެކަންވުމަށް މެދުވެރިވާ ސަބަބު ތިރީގައިވާ ލިޔުމުން ސާފުވެލައްވާނެކަމަށް އުންމީދުކުރަމެވެ.

ކޮންމެ ޙާލަތެއްގައިވެސް އިސްލާމް ދީނަށް ފުރައްސާރަކުރާނެ ދެބައަކު ވެއެވެ. އެއިގެ ތެރެއިން އެއްބައަކީ އެބައިމީހުންނަށް ކިތަންމެ ފުރިހަމައަށް އިސްލާމް ދީން އެނގިފައިވީނަމަވެސް ފުރައްސާރަކުރާނެ މީހުންނެވެ. އެމީހުން ދިރިއުޅޭ ގެއާއި އިންވެގެން ރަސޫލް ﷺ ދިރިއުޅުއްވެވިނަމަވެސް އެމީހުންގެ އެ ޢަމަލު ނުހުއްޓުވޭނެއެވެ. އެއީ އަބޫލަހަބުގެ ދަރިކޮޅުގެ މީހުންނެވެ.

އަނެއްބައަކީ އިސްލާމް ދީނުގެ ޙަޤީޤަތް ނުއެނގިތިބެ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނެވެ. އެމީހުން ފުރައްސާރަކުރަނީ އިސްލާމުންގެ ތެރޭގައި ތިބޭ މޮޔަ ޢަމަލުކުރާ މީހުން ކުރާ އަމަލުތައް ފެނުމުން އެމީހުން އެ އަމަލު އެކުރަނީ އިސްލާމް ދީނުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވިގެންނެވެ.

މިފަދަ މީހުންނަކީ ޙަޤީޤަތުގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ބައެއް ނޫނެވެ. އެމީހުންނަކީ މިބުނި ފަދަ މޮޔައަމަލުކުރާ މީހުންނަށް ފުރައްސާރަކުރާ ބައެކެވެ.

ރަސޫލް ﷺ ގެ ޒަމާނުގައި ބައަކު އިސްލާމް ދީނަށް ހަސަދަވެރިވެ ފުރައްސާރަކުރީ އެއިރު ހުރި ނުބައި ޢާދަތައް އިސްލާމް ދީނުގައި މަނާކުރައްވަވާތީއެވެ. ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ހައްދަވާތީއެވެ. ބަނގުރަލާއި ފާހިޝް ޢަމަލުތައް މަނާކުރެއްވެވުމުންނެވެ. އަދުލު އިންޞާފް ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރެއްވެވީތީއެވެ. އެއްވެސް މީހަކީ މަތިވެރި މީހެއް ނޫންކަމާއި އަޅުންނާއި ޞާޙިބުންވެސް އިސްލާމް ދީނުގައި ހަމަހަމަވެގެންވުމުންނެވެ.

މިކަންކަމަކީ ޤުރައިޝުންގެ މެދުގައި އެއިރު ޢާންމެވެފައިހުރި ކަންކަމެވެ. ރަސޫލް ﷺ އާއި ޞަހާބީން ގެންދެވީ އެކަންކަމާއި ދެކޮޅަށް ވަކާލާތުކުރައްވަވަމުންނެވެ. އެއިގެ އިތުރުން އެއީ ބާޠިލު ކަންކަންކަމުގައި އެބޭކަލުންގެ ޢަމަލުފުޅުތަކުން ދައްކަވަމުންނެވެ. ޤުރައިޝުން ރުޅިގަދަވަމުން ދިއައީ މިކަންކަމުގެ ސަބަބުންނެވެ.

މިއަދުވެސް މުސްލިމުންނާއި ދެކޮޅަށް އެތައް ބައަކު އެބަތިއްބެވެ. ހަމަ އެއް ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައި ހުރި ރަނގަޅު ސިފަތަކާއި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. މީސްތަކުންނަށް ފައިދާއެއް ނުކުރާނެ ގެއްލުން ދެނިވި ކަންކަން މަނާކުރާތީއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުސްލިމުން ކަމުގައި ނުވިނަމަވެސް އިސްލާމް ދީނުގައިވާ ފުރިހަމަ ސިފަތައް އެނގޭ އެންމެންވެސް އިސްލާމް ދީނަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި "ޗެމްޕިއަނުން"ކަން ޤަބޫލުކުރެއެވެ. އެންމެ ފުރިހަމަ ނިޒާމް އޮތީ އިސްލާމް ދީނުގައިކަންވެސް ޤަބޫލުކުރެއެވެ.

- ނޫމާން ޢަލީ ޚާން ގެ ދަރުސަކުން

މިއަދު އޮންލައިން