ބައެއް ގޭގޭގައި މުސާރަދީގެން ނޯކަރުން ގެންގުޅޭއިރުވެސް އެމީހުން ގެންގުޅެނީ ވަރަށް ބޮޑަށް ހެޔޮކޮށް ހިތައިގެންނެވެ. ޢާއިލާގެ މީހެއްގެ ގޮތުގައި ދެކެގެންނެވެ. އެހެންކަމާއިއެކުގައިވެސް ވިސްނައިލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ.
އެއީ ނޯކަރުންގެ ގޮތުގައި މަޙްރަމުން ނޫން މީހުން ގެންގުޅޭނަމަ އެމީހުންގެ ކުރިމަތީގައި އަޢުރަ ނިވާކުރުމެވެ. އެކަމުގައި ސަމާލުކަންދޭންޖެހޭނީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނެވެ.
އެހެނީ ނޯކަރުންގެ ގޮތުގައި ގެންގުޅޭ މަޙްރަމުން ނޫން އަންހެނުންގެ ކުރިމަތީގައި އުޅޭއިރު ފިރިހެނުންނަށްވެސް އަޢުރަ ނިވާކުރަންޖެހޭނެއެވެ. މާނައަކީ ފޫޅާއި ކަކުލާއިދެމެދު ނިވާކުރަންޖެހޭނެއެވެ.
"ގޭގަ މަސައްކަތްކުރާ ނޯކަރަކީ މަޙްރަމަކަށް (ތިމާ ކައިވެނި ޙަލާލުނުވާފަދަ މީހަކަށް) ނުވާނަމަ، އެއްވެސް ޙާލެއްގައި އޭނާގެ ކުރިމަތީގައި ބުރުގާނާޅާ އުޅުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި އެކަމުގެ ސަބަބުން ތިމާ ފާފަވެރިވާނެއެވެ!" އަޙްމަދު ނިޡާމް
މިބަސްފުޅު ވިދާޅުވެފައިވަނީ އަންހެނުންނަށެވެ. އެއީ ފިރިހެނުން އެކަމުން ބަރީޢަވާތީއެއް ނޫނެވެ. ޤުރްއާނުގައިވެސް ޙަދީޘްފުޅުތަކުގައިވެސް ހުންނަ ޙުކުމްތަކަކީ އަންހެނުންނާއި ފިރިހެނުންނާއި ދެބައިމީހުންވެސް ޢަމަލުކުރަން ޖެހޭނެ ޙުކުމްތައް ކަމުގައިވާތީއެވެ.
- މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ބަސްފުޅަކުން