ކައިވެނިކުރުމުގެ ކުރިން ބެސްޓްފްރެންޑުންނަށްވުމުގެ ޝަރުޠުތަކާ ކައިވެންޏަށްފަހު ކޮންމެހެން ފުރިހަމަކުރަންޖެހޭ ބައެއް ޝަރުޠުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކުރުމުގެ ކުރިން ބެސްޓްފްރެންޑުންނަށްވުމުގެ ޝަރުޠުތަކާ ކައިވެންޏަށްފަހު ކޮންމެހެން ފުރިހަމަކުރަންޖެހޭ ބައެއް ޝަރުޠުތައް-

ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މުހިންމީ އެކަމެއް ކުރަން ފުރިހަމަކުރަން ޖެހޭ ޝަރުޠޫތައް ފުރިހަމަކޮށްގެން އެކަމެއް ކުރުމެވެ. ހަމައެއާއިއެކު އެކަމެއް ކުރެވުމުން ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއްވެސް ވެއެވެ. އެކަންކަމަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާތައް ކަމުގައިވެސް ބެލިދާނެއެވެ.

މިވާހަކަ ދައްކަން މިޖެހެނީ ކައިވެނިކުރަން ބޭނުންވާ އަންހެނުންނާއި ފިރިހެނުންނަށް އިސްލާމް ދީނުގައި "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތޯ ގިނަ ބައަކު ސުވާލުކުރާތީއެވެ. 

އަހަރެންގެ ޖަވާބަކީ ވެވޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. އެއީ 1. އެކަހެރިކޮށް ބައްދަލުކޮށްގެން ނުވާނެއެވެ. 2 ފޯނުންވެސް ވާހަކަދައްކަންވާނީ އެހެން މީހެއްގެ ޙާޒިރުގައެވެ. ސިއްރަކުންނޭނެވެ! 

ކައިވެނީގެ ކުރިން މިފަދަ ދުރުމިނެއް ބަހައްޓަން އިސްލާމްދީނުގައި އޮތީ ދެމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށެވެ. ކައިވެންޏަށްފަހު އަނބިމީހާގެ ހުރިހާ ކަމެއް ފުރޮޅިގެންދާނީ ފިރިމީހާގެ އަތްމައްޗަށެވެ. އެންމެ ކުޑަމިނުން ބެލެނިވެރިކަމާ ސެކޔުރިޓީ ބެލެހެއްޓުންވެސްމެއެވެ. އަނބިމީހާގެ ސެކިޔުރިޓީ ގާޑަކަށްވެސްވާނީ ފިރިމީހާއެވެ. 

އަނބިމީހާގެ ސެކިޔުރިޓީ ގާޑުކަމުގެ ވަޒީފާއަކީ ވަރަށް ޒިންމާދާރުކަމާއިއެކު އަދާކުރަންޖެހޭ ވަޒީފާއެކެވެ. ބައެއް ޝަރުޠުތަކަކަކީ: 

1 ކާންބޯން ދިނުމާ ނިދާނެ ތަނެއް ދެއްކުން

2 ބަލިވެއްޖެ ނަމަ ބޭސްފަރުވާކޮށްދިނުން

3 ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަށް ހިތްވަރުދީ އެކަންކުރާކަން ބެލެހެއްޓުން

4 ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކަށް އަބަދުވެސް ވިސްނައި އެކަމަށް މަސައްކަތްކުރުން

އިމާމް މާޒިން ވިދާޅުވެފައިވެއެވެ. 

"ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް () ބަޔާން ކުރައްވަވާފައިވާ ޙަދީޘް ބަސްފުޅަށެވެ. 

ރަސޫލް () ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ. 

ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ." 

މިބަސްފުޅުގައި "ދީންވެރި، ތަޤްވާވެރި" ގެންނަވާފައިއެވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ވާހަކައެވެ. އެންމެ ކާމިޔާބު ކައިވެނިތައްކަމުގައި މިހާރުވެސް ފާހަގަކުރެވެމުންދަނީ ކައިވެނިކުރެވޭ ދެމީހުންގެ ހިތުގައި ދީންވެރިކަމާއި ތަޤްވާވެރިކަން އޮތް މިންވަރެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން