ދާވުދުގެފާނު- 7: ދާއޫދުގެފާނުގެ އާލުންގެ ޝުކުރުވެރިވުމާއި، ޙިކުމަތްތެރި ބައެއް ބަސްފުޅުތައް-

ކިޔުމަށް ހޭދަވާނީ 3މ 52ސ
ދާވުދުގެފާނު- 7: ދާއޫދުގެފާނުގެ އާލުންގެ ޝުކުރުވެރިވުމާއި، ޙިކުމަތްތެރި ބައެއް ބަސްފުޅުތައް-

- ޢަލީ އިޙްޞާން ފިރާޤް

 

ދާއޫދުގެފާނުގެ އާލުވެރިންގެ ޝުކުރުވެރިވުން: 

އަރަހުށި މާތް، داود عليه السّلام  ގެ އާލުވެރިންނަށް އަންގަވައިފައިވާ ގޮތަކީވެސް އެކަލާނގެއަށް ގިނައިން ހެޔޮ އަމަލުތައް ކުރުމަށެވެ. އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި އެބޭކަލުން ވެވަޑައިގަތުމަށެވެ. ކީރިތި ޤުރްއާނުގެ ސަބާ ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣

މާނައީ: [އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ]. 

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ވަހަބު ބިން މުނައްބިހު ވިދާޅުވެފައިވެއެވެ. ދާވޫދުގެފާނުގެ އާއިލާގެބޭފުޅުންގެ ޙިކުމަތުގެ ތެރޭގައި މިދަންނަވާ ކަންތައްތައް ހިމެނެއެވެ. [ބުއްދިވެރިން ހަތަރު ވަގުތެއް އަބަދުވެސް ހަނދާނުގައި ބަހައްޓާނެއެވެ. އެއީ އޭނާގެ ވެރި ރަސްކަލާނގެއަށް މުނާޖާ ދަންނަވާ ވަގުތާއި، ތިމާގެ އަޚުން ތިމާގެ ނަފްސުގައިވާ ޢައިބުތައް ބުނެދޭ ވަގުތާއި، ތިމާގެ ނަފުސުން ޞަދަޤަތް ކުރާ ވަގުތާއި، ތިމާގެ ނަފުސަށްޓަކައި ހޭދަ ކުރާ ވަގުތެވެ. އެވަގުތު އޭނާ ހޭދަ ކުރަނީ އެކަންތައްތަކަށް އެހީތެރިވުމަށާއި، އޭނާގެ ހިތް ސާފު ކުރުމުގައެވެ. ބުއްދިވެރިޔާއަށް އޭނާގެ ދޫ ރައްކާތެރި ކުރާނެ ގޮތް އެނގޭނެއެވެ. ބުއްދިވެރިޔާ ތިން ކަމަކުން ރައްކާތެރި ވާނެއެވެ. އެއީ ކާބޯތަކެތި އިތުރުކުރުމާއި، ދިރިއުޅުން ތަނަވަސް ކުރުމާއި، ޙަރާމް ކުރައްވާފައިވާ ކަންކަމަށް ބަލައި ލައްޒަތު ހޯދުމެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 315} 

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔެވިގެންވެއެވެ. ދާވޫދުގެފާނު ވިދާޅުވެފައިވެއެވެ. [މުއްސަނދި ކަމަށް ފަހު ފަޤީރުކަމަށް ވުރެ ހުތުރުކަމެއް ނުވެއެވެ. ހިދާޔަތަށް ފަހު މަގު ފުރެދުމަށްވުރެ ހުތުރު ކަމެއް ނުވެއެވެ. ތިބާގެ ޤައުމުގެ މީހުން ތިބާއި ބެހޭގޮތުން، ދައްކާ ނުރުހޭ ވާހަކަ ތަކަށް ބަލާށެވެ. އެއަށްފަހު އެކަންތައްތަކުން ދުރުހެލިވެގަންނާށެވެ.] 

އެހެން ފަހަރަކު ދާވޫދުގެފާނު ވިދާޅުވެފައިވެއެވެ. [ނުކޮށްދެވޭ ވަރުގެ ކަމެއްކޮށްދިނުމަށް ތިބާގެ އަޚާއަށް ވަޢުދު ނުވާށެވެ. އެހެނީ ހަމަކަށަވަރު އެގޮތަށް ކަންތައްކުރުމުން ދެމީހުންގެ ދެމެދުގައި އެކޮޅުވެރިކަމާއި، ރުޅިވެރިކަން އުފެދިގެންދާނެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 316} 

މާލިކު ބުން ދީނާރު ވިދާޅުވިކަމަށް، އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. [ޤިޔާމަތް ދުވަހުގައި މާތް ޢަރުޝުގެ ކައިރީގައި ދާވުދުގެފާނު ހުއްޓިވަޑައިގެން ހުންނަވާނެއެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރައްވާނެއެވެ. [އޭ ދާވުދުގެފާނެވެ. ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދެއްވާއިވާ ފުރިހަމަ އަޑުފުޅުން ދުނިޔެމަތީގައި ތިމަން ރަސްކަލާނގެ މަތިވެރި ކުރެއްވި ފަދައިން މިއަދު ތިމަން ރަސްކަލާނގެ މަތިވެރި ކުރައްވާށެވެ.] ދާވުދުގެފާނު ދަންނަވާނެއެވެ. [އެއީ ކިހިކަނުންތޯއެވެ. މިހާރު އިބަރަސްކަލާނގެވަނީ އެ ނިޢުމަތް ގެންދަވާފައެވެ.] މާތް ވަޙީ ކުރައްވާނެއެވެ. [މިއަދު ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ރީތި އަޑުފުޅު ރައްދު ކޮށްދެއްވާނަމެވެ.] ދެން ދާވުދުގެފާނު އެކަލޭގެފާނުގެ އަޑުފުޅު އުފުއްލަވައި ސުވަރުގޭގެ އަހުލުވެރިންގެ ނިޢުމަތެއް ކަމުގައި ހައްދަވާނެއެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 313} 

މިއަދު އޮންލައިން