ފާފަކުރުމަށްފަހު އިބިލީހާ، ފާފަކުރަން ހިތްވަރުދިން އިންސާނުންގެ ތެރޭގައި ތިބި ޝައިޠޯނުން ކުށްވެރިކުރުމަކުން ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެކަން- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ފާފަކުރުމަށްފަހު އިބިލީހާ، ފާފަކުރަން ހިތްވަރުދިން އިންސާނުންގެ ތެރޭގައި ތިބި ޝައިޠޯނުން ކުށްވެރިކުރުމަކުން ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެކަން- ޤުރްއާނުން

ނަމާދުކުރުމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ނަމާދުކުރިނަމަވެސް ނަމާދުގައި ހުންނަނީ ޣާފިލުކަންމަތީގައެވެ. ނަމާދުކުރަނީ ނުހަނު ފަރުވާކުޑަކޮށެވެ. މަގުމައްޗަށް ނުކުމެއްޖެނަމަ ބެލުންތައް ތިރިއެއް ނުކުރެއެވެ. ފުރުޞަތު ހޯދައިގެން ނުބައި ޢަމަލުތައް ކުރެއެވެ. ބޮޑެތި ޢަމަލުތައްކޮށްގެން ފާޙިޝް ޢަމަލުތައްވެސް ކުރެއެވެ. ސޯޝަލް މީޑިއާއަށްވަދެއްޖެނަމަ ބަލަނީ ޙަރާމް ކަންކަމެވެ. ކުރަނީ ޙަރާމް ޢަމަލުތަކެވެ.

މިފަދަ ހުރިހާ ކަމެއް ކޮށްފައި މިބުނަނީ ޝައިޠޯނާ ތިމަންނާ ލައްވައި އެކަންކަން ކުރުވީކަމަށެވެ. ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑުދޮގެކެވެ. މީހަކު ލައްވައި އެއްވެސް ފާފައެއް ކުރުވުމުގެ ބާރު ﷲ ތަޢާލާ ޝައިޠޯނުންނަށް ދެއްވަވާފައެއް ނުވެއެވެ.

އެކަން އެނގެނީ މިއާޔަތުންނެވެ. ޤިޔާމަތް ދުވަހު އިބްލީސް ދައްކާނެ ވާހަކައިންނެވެ. 

"އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، ޝައިޠޯނާ ބުނާނެތެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުންނަށް ވަޢުދް ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދު އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދުކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ ވަޢުދާ ޚިލާފްވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބް ހުށްޓެވެ."

(އިބްރާހީމް: 22) 

ދެން މިއާޔަތަށްވެސް ބަލައިލާށެވެ! 

"--- ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (ޝުކުރު ނުކޮށް) ކާފިރުވިޔަސް، ފަހެ، ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ." (އިބްރާހީމް: 8) 

ބުނެލަން ބޭނުންވަނީ ފާފަކުރުމަށްފަހު އެހެން މީހަކު ކުށްވެރިކުރަން ނުހަދާށެވެ! އެކަންވާނީ މުޅިން ބޭކާރު ކަމަށެވެ. ދުނިޔޭގައި ބޮޑާވެ ﷲ ތަޢާލާއަށް އުރެދުނު މީހުން ނަމޫނާއަކަށް ބަލައި ފަހަތުން ދުވެ އުޅުނު މީހުން ދަންޏާށެވެ! އެމީހުންނަށް ޖެހޭނެ ޙާލުވެސް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

"އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، ﷲ ގެ ޙަޟްރަތަށް އަންނާނެތެވެ. އަދި (އޭގެތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެން މިތިބީ، ތިޔަބައިމީހުންނަށް ތަބަޢަވެގެންނެވެ. ފަހެ، ތިޔަބައިމީހުންނަށް ﷲ ގެ ޢަޛާބުން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ﷲ ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ." (އިބްރާހީމް: 21) 

މީސްތަކުންނޭވެ! އަހުރެމެން ކޮންމެ މީހަކަށްވެސް ޤިޔާމަތް ދުވަހުގައި ސަލާމަތްކަން ލިބުންވަނީ ހެޔޮ ޢަމަލުތައް ކުރެވުނުވަރަކުންނެވެ. ފާފަނުކޮށް ހުރެވިގެންނެވެ. އެކަމަށް މަސައްކަތްކުރަނިކޮށް ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަނެގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން