އެކުވެރިންނާއެކު ކޮފީއަށް ދިއުމުގެ ތެރެއިން ރޫޅެމުންދާ ކައިވެނިތަކާ ނިކަމެތިކޮށްލެވެމުން އަންނަ ދަރިންގެ ޢަދަދާއިމެދު ވިސްނާލަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އެކުވެރިންނާއެކު ކޮފީއަށް ދިއުމުގެ ތެރެއިން ރޫޅެމުންދާ ކައިވެނިތަކާ ނިކަމެތިކޮށްލެވެމުން އަންނަ ދަރިންގެ ޢަދަދާއިމެދު ވިސްނާލަމުހެއްޔެވެ؟

މީސްތަކުންގެ ތެރެއިން ގިނަ ބައަކު މަގުފުރެދިގެންދަނީ މިދެވެނީ މަގުފުރެދިގެންކަން ނުވެސް އެނގިތިބެއެވެ. އެކުވެރިން ބުނާ ކަންކަން ކޮށްލެވެނީއެވެ. އެކުވެރިން އުޅޭ ގޮތަށް އުޅެވެނީއެވެ. އެކުވެރިން ކުރާ ކަންކަމުގައި ބައިވެރިވެވެނީއެވެ. 

މިޘާލަކަށް އެކުވެރިންދޭ ދަޢުވަތަށް ކޮފީއަކަށް ދެވެނީއެވެ. ކެއުމަކަށް ދެވެނީއެވެ. ކޮފީއަކަށް ދިއުމާއި ކެއުމަކަށް ދިއުމަކީ ޙަރާމްކަމަކަށް ނުވާނެއެވެ. އެކަން ޙަރާމްވާނީ ހިލޭ އަންހެނަކާއި ފިރިހެނަކު އެކަނި ދިއަ ނަމައެވެ. ތިމާ އާއި އެއްޖިންސުގެ އެކުވެރިއަކާއިއެކު ދިއުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. 

ދެން ބަލަންވީ ދެ އަންހެނަކު ކޮފީއަކަށް ދިއުމުން ކޮފީގައި ވަނީ ކިހިނެއްތޯއެވެ؟ ގިނަ ފަހަރު އެކުވެރިޔާގެ އެހެން ރައްޓެހިންވެސް ބައިވެރިވާނެއެވެ. އެއިގެ ތެރޭގައި ހިލޭ ފިރިހެނުންވެސް ހިމެނޭނެއެވެ. އެޙިސާބުން ދެކެވޭ ވާހަކަތައް ބަދަލުވެގެންދެއެވެ. ކޮފީއަށް ދިއައިރު ކުރިމަތިވެދާނެކަމަށް ނުވެސް ވިސްނާ ކަންކަން ކުރިމަތިވެއެވެ. 

ދެކެވޭ ވާހަކަތަކުގެ ތެރެއިން ނުބައި ގުޅުންތައް އުފެދެއެވެ. ފާޙިޝް ޢަމަލުތައް ކުރަން މަގުފަހިވެއެވެ. މިހެން ބުނުމުން އިންކާރުކުރާ މީހުންނަށް ބުނެލަން އޮތީ އެކުވެރިންނާއިއެކު ގޮސްއުޅޭ ކޮފީގެ ތެރެއިން ރޫޅެމުންދަނީ ކިތައް ކައިވެނިކަން ނިކަން ބަލައިލަބަލާށެވެ. 

ދެކެވޭ ވާހަކައިގެތެރެއިން ފިރިމީހާގެ ކިބައިގައި ހުންނަ އުނިކަމެއްގެ ވާހަކަ ނުވަތަ ފިރިމީހާގެ ކިބައިން ޙާޞިލްނުވާ ކަމެއްގެ ވާހަކަ ބުނެވިއްޖެނަމަ އެކަން 200 އިންސައްތަ މާފުރިހަމައަށް ކޮށްދޭނެ ކަމުގެ ވަޢުދުތައްވެއެވެ. އެގޮތަށް ދައްކާ ވާހަކަތަކަށް ހެއްލެވި މަގުފުރެދިގެންދަނީއެވެ. 

މިގޮތަށް ދިމާވަނީ ހަމައެކަނި އަންހެނުންނަކަށްވެސް ނޫނެވެ. ފިރިހެނުންނަށްވެސްމެއެވެ. ކޮފީތަކުންނާއި އެހެންވެސް އެފަދަ ބައްދަލުވުންތަކުގެ ތެރެއިން ހިލޭ އަނހެނުންނާއި އުފެދޭ ގުޅުމުގެ ތެރެއިން އަނބިން ވަރިކޮށްލައި ދަރިންކޮޅު ނިކަމެތިކޮށްލުމަކީ މިހާރު އެންމެ ޢާންމު އެއްކަންތައް ކަމުގައި ޤަބޫލުކުރަން ނުޖެހޭތޯއެވެ؟ 

މިފަދަ ގޮތްތައް ދިމާވަނީ އެކުގައި އުޅޭ އެކުވެރިންގެ ސަބަބުންނެވެ. އަވާ މެންދުރަށް ހެއްލެވޭތީއެވެ. ކައިވެންޏަށްފަހު ހުރިހާ ސަމާލުކަމެއް ޢާއިލާއަށް ދޭން ދީނުގައި ބާރުއަޅަނީ މިފަދަ ކަންކަމުން ޢާއިލާތައް ސަލާމަތްކުރުމަށެވެ. 

ކުރިން ބުނިފަދައިން ކޮފީއަށްދަނީ އެއްވެސް ނުބައިކަމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް ނިމިގެންދަނީ މަގުފުރެދި ޢާއިލާ ރޫޅިގެންދިއުމުގެ ތެރެއިންނެވެ. ވީމާ މިކަންކަމަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހިފައިވާ ކަންކަމެވެ. 

ކިތަންމެ ގާތް އެކުވެރިކަމެއް އޮތަސް ކިތަންމެ އެކުގައި އުޅުނު ނަމަވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ބާރުއަޅާ، ހިތްވަރުދޭ މީހަކީ އެކުވެރިއެއްކަމުގައި ނުދެކޭށެވެ. އޭނާއަކީ ކަނޑައެޅިގެން ހުރި ބޮޑު ޢަދާވާތްތެރިއެކެވެ. އޭނާއަކީ އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނެކެވެ. އޭނާ އެ މަސައްކަތްކުރަނީ ތިބާ ނަރަކައަށް ގެންދާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން