ދާވުދުގެފާނު 8 : ﷲ އެކަލޭގެފާނަށް ދަގަނޑު މަޑުކޮށްދެއްވުމާއި، އެއިން ދަގަނޑުދަހަނާ ހެއްދެވުން

ކިޔުމަށް ހޭދަވާނީ 4މ 4ސ
ދާވުދުގެފާނު 8 : ﷲ އެކަލޭގެފާނަށް ދަގަނޑު މަޑުކޮށްދެއްވުމާއި، އެއިން ދަގަނޑުދަހަނާ ހެއްދެވުން

ޢަލީ އިޙްޞާން ފިރާޤް

 

ދާއޫދުގެފާނަށް ދަގަނޑު މަޑުކޮށްދެއްވެވުން:

داود عليه السّلام  އެކަލޭގެފާނުގެ ހުރިހާ ބޭނުންފުޅުތަކެއް ފުރިހަމަ ކުރައްވަމުންގެންދެވީ އެކަލޭގެފާނުގެ އަތްޕުޅުން ކުރައްވަމުންގެ ގެންދެވި މަސައްކަތްޕުޅުން ލިބިވަޑައިގަންނަވަމުން ގެންދެވި އެއްޗަކުންނެވެ. އެކަލޭގެފާނު އާއްމުގޮތެއްގައި ކުރައްވަމުން ގެންދެވީ ހަނގުރާމައިގައި ބޭނުން ކުރާ ދަގަނޑު ދަހަނާ ހެއްދެވުމުގެ މަސައްކަތްޕުޅާއި ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުންވެސް ދަލީލު ލިބެނީ މިގޮތަށެވެ. ސަބާ ސޫރަތުގެ 10 ވަނަ އާޔަތުގަ އާއި 11 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ ﴿١٠﴾ أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖوَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ ﴿١١

މާނައީ: [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ. (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.]

ދާވުދުގެފާނު ދަގަނޑުދަހަނާ ހެއްދެވި ވާހަކަ އަންބިޔާއު ސޫރަތުގެ 80 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّن بَأْسِكُمْ ۖ فَهَلْ أَنتُمْ شَاكِرُونَ ﴿٨٠

މާނައީ: [އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟] 

އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޙަސަނުލް ބަޞަރީ އާއި ޤަތާދާ ވިދާޅުވެފައިވެއެވެ. [މާތްالله ދާވޫދުގެފާނުގެ އަތްޕުޅު މަތީގައި ދަގަނޑު މަޑު ކުރެއްވިއެވެ. އެކަލޭގެފާނަށް ދަގަނޑުން އެއްޗެހި ހައްދަވާއިރު، އަލިފާނަށްލައި ދޮންކޮށް މަޑުކުރާކަށް އަދި މަރުތޭލަކުން ތަޅައި ބޭނުންފުޅު ސިފައެއް ޖެއްސުމަކަށް ޖެހިވަޑައެއް ނުގަންނައެވެ. އެންމެ ފުރަތަމަ ދަގަނޑު ދަހަނާ ހެއްދެވި ބޭކަލަކީ ދާވޫދުގެފާނެވެ.] އިބްނު ޝައުޒަބު ވިދާޅުވެފައިވެއެވެ. [ދާވޫދުގެފާނު ކޮންމެ ދުވަހަކު ވެސް ދަގަނޑު ދަހަނާއެއް ހައްދަވައެވެ. އެކަލޭގެފާނު އެދަހަނާ ވިއްކަވަނީ ހަހާސް ދިރުހަމަށެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 302-303}

މިއަދު އޮންލައިން