ޢިބްރަތްތެރި ވާހަކަ: ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިން ލިބުމުން ބަނޑަށް ޖައްސައި އެއްލައިލާފަ އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާ ބައްޕައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ޢިބްރަތްތެރި ވާހަކަ: ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިން ލިބުމުން ބަނޑަށް ޖައްސައި އެއްލައިލާފަ އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާ ބައްޕައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަޅުގަނޑުމެންނަށް ފުރަތަމަ ލިބުނީ ނުކުޅެދުންތެރިކަންހުރި ދަރިއެކެވެ. އެއީ ކައިވެންޏަށް ދެވަނަ އަހަރުގައެވެ. ދަރިފުޅު ލިބުމާއިއެކު ފިރިމީހާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިކަން ފާހަގަކުރެވުނެވެ. މަސައްކަތުން ނިމިގެން ގެއަށް އައުން ލަސްވާން ފެށިއެވެ. ހީކުރެވުނީ ދަރިފުޅަށް ފަރުވާކުރާނެ ފައިސާ ހޯދަން ގިންއިރު މަސައްކަތްކުރަނީ ކަމަށެވެ. އެހެންވެ ސުވާލެއްވެސް ނުކުރަމެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ކައިވެންޏަށް 4 ވަނަ އަހަރު ދެވަނަ ދަރިފުޅު ލިބުނެވެ. އެއީ އަންހެން ކުއްޖެކެވެ. 

ފިރިމީހާ ލަހުން ގެއަށް އައިސްފައިވެސް ދެ ދަރިންކުރެ ދަރިއަކަށް އަޅައިނުލާތީ ވަރަށް ދެރަވެއެވެ. އެކަމަކުވެސް ބަހެއް ނުބުނަމެވެ. ވީހައި ރަނގަޅަކަސް ފިރިމީހާއަށް ކަންކަން ކޮސްދެވޭތޯ ބަލަމެވެ.

ކައިވެންޏަށް 5 ވަނަ އަހަރު ފިރިމީހާ އޮފީހަށް ދިއަ ގޮތަކަށް ޚަބަރެއް ނުވިއެވެ. ފޯނު އޮތީ ނިއްވާލައިފައެވެ. އެހެންވެ ވީގޮތެއް ނުއެނގިގެން ކަންބޮޑުވެގެން އޮފީހަށް ގުޅުމުން ފޯނެއް ނުނަގައެވެ. 

އެރޭ 12 ޖެހިއިރުވެސް ނުނިދެއެވެ. ފިރިމީހާއަށް ވީގޮތެއް ނުއެނގޭތީއެވެ. ފަތިހު ހޭލީންސުރެ މަސައްކަތްކުރަމުން ގޮސް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ވަރުބަލިކަމާއިއެކުގައިވެސް ނިދުނީ 2 ޖަހައި ދިއަ ފަހުންނެވެ. 

ހެނދުނު ފިރިމީހާގެ ފޯނަށް ގުޅުމުންވެސް ނުގުޅެއެވެ. އޮތީ ނިއްވާލައިފައެވެ. އޮފީހަށް ގުޅުމުން ބުނީ ވަޒީފާއިން އިއްޔެ ވަކިވެއްޖެ ކަމަށެވެ. ދިއަވަކިތަނެއް ނުއެނގޭކަމަށެވެ. އެހިސާބުން ކންބޮޑުވުން އިތުރުވިއެވެ. އަހަރެމެން 3 މައިން އެކަނި ދޫކޮށްލާފައި ދިއައީކަމަށް ޤަބޫލުކުރެވުމުންނެވެ. 

ގޭގައި ކާނެ އެއްޗެއްވެސް ނެތެވެ. ގަނެފައި ހުރި ކާޑުކޮޅުންވެސް ކައްކައިލެވުނީ 2 ދުވަހުއެވެ. 3 ވަނަ ދުވަހު ކއްކާނެ އެއްވެސް އެއްޗެއް ނެތެވެ. ހަދާނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެރޭ ނުވެސް ނިދެއެވެ. ނިދަން މަސައްކަތްކުރުމުން ނިންޖެއް ނައެވެ. އެހެންވެ މުޅި ރޭގަނޑު ހޭދަކުރީ އަޅުކަންކޮށް ދުޢާކުރުމުގައެވެ. 

ހަނދުނު ދެކުދިން ގޮވައިގެން ނުކުމެ ފެންޑާމަތީގައި ހުއްޓައި ފެނުނީ ބޮޑުދައިތަ އައިތަނެވެ. ބުނީ ވަަރަށް ދަތިޙާލުގައި އުޅޭތަން ހުވަފެނުން ޖެހިޖެހިގެން 2 ރޭ ހުވަފެނުން ފެނުމުން ޙާލު ބަލައިލަން އައީ ކަމަށެވެ. އެހެން ބުނުމުން ރޮވުނެވެ. ދެރަވެގެނެއް ނޫނެވެ. އުފަލުންނެވެ. ވަޤުތުން ޤަބޫލުކުރެވުނީ ﷲ ތަޢާލާ މަގެއް ދެކެވީކަމަށެވެ. އުފާވީ އެހެންވެގެންނެވެ. 

ބޮޑުދައިތައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުނީ ފިރިމީހާ 2 ވަނަ އަންތބަކު ގެންގުޅޭތާ އެތައް ދުވަހެއް ވެއްޖެކަން އެނގޭކަމަށެވެ. ނަމަވެސް ދެމެފިރިންގެ ދެމެދަށް ނުވަންނަންވެގެން އަޅާނުލައި ހުރީ ކަމަށެވެ. 

ބޮޑުދައިތަގެ ފިރިމީހާއަކީ މެދުމިނުގެ ތަނަވަސް މީހެކެވެ. ބޮޑުދައިތަ ބުނީ އަވަހަށް ކޯތަށް ގޮސް ވަރިވުމަށެވެ. މާޒީއާއިމެދު ނުވިސްނައި ދެވަނަ ޙަޔާތަކަށް ވިސްނުމަށެވެ. ދިރިއުޅުމެއް ފެށެންދެން 3 މައިންގެ ކަންކަން ބަލަހައްޓައިދޭނެ ކަމަށެވެ. "ދަރިފުޅާއެވެ! އެހުވަފެން ބޮޑުދައިތައަށް އެފެނުނީ ސަބަބެއް އޮތުމުންނެވެ. އެއިގެ މާނައަކީ ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމެވެ. އެނޫން ގޮތަކަށް މާނައެއް ނުކުރެވެއެވެ. ވީމާ އެގޮތަށް އެކަން ކުރާނަމެވެ. ގޭގައި އިނދެގެން 2 ދަރިން ބަލައި ތަޤްވާވެރި އުޅުމެއް އުޅެމުން ގެންދާށެވެ." 

ބޮޑުދައިތަގެ ބަސް ޤަބޫލުކޮށްގެން ގޭގައި އިނީއެވެ. ދިން އެއްޗަކުން ފުއްދާލައިގެން ކެތްތެރިވީއެވެ. އެއްވެސް އެއްޗެއް ދޭކަށްވެސް ނުބުނަމެވެ. ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރީމެވެ. ހޭލައި އިނދެ ދުޢާކުރުން ގިނަކުރީމެވެ. 

އަހަރުވީތަނާ އެއްދުވަހަކު ބޮޑުދައިތަ އައީ ފިރިހެނަކާއި އެކުގައެވެ. އެމީހާ ތަޢާރަފްކޮށްދީފައި ބުނީ އޭނާއަކީ އަނބިމީހާ ނިޔާވެފައިވާ މީހަކު ކަމަށެވެ. ދަރިއަކުވެސް އެބައޮތް ކަމަށެވެ. ދެމީހުން ރީތި ގޮތުގައި ކުރިއަށް ދިއުމަށެވެ. އޭނާއަކީ ބޮޑުދައިތަ ވަރަށް ކުރިންސުރެ ދަންނަ ހެޔޮލަފާ އަދި ތަނަވަސް މީހަކު ކަމަށެވެ. 

އެމީހާ އަޅުގަނޑާއި ކައިވެނިކުރިއެވެ. އޭނާގެ ގެއަށް އަހަރެމެންގެ ދިރިއުޅުން ބަދަލުކުރިއެވެ. އޭނާއަކީ ގޭގައި ބޮޑު ފިހާރައެއް ހިންގާ މީހެކެވެ. އެހެންވެ ކިރިޔާ ވަޤުތެއް ލިބުނަސް ފިހާރައަށް ގޮސް ފިރިމީހާއަށް އެހީތެރިވަމެވެ. 

ދެމީހުން އެކުގައި އުޅޭތާ 3 ވަނަ އަހަރު ކުރީގެ ފިރިމީހާ އޭނާގެ އަނބިމީހާ އާއިއެކު ފިހާރައަށް އައެވެ. އެއިރު އަޅުގަނޑު ހުރީ ބިއްލޫރިތައް ފުހޭށެވެ. އަޅުގަނޑު ފެނުމާއިއެކު މަލާމާތުގެ ހިނގިނޑެއް ދެމީހުން ޖަހައިލިއެވެ. އެމީހުންނަށް ހީވީ އަޅުގަނޑަކީ އެފިހާރައިގެ މަސައްކަތު އަންހެނަކު ކަމަށެވެ. 

އެނގުނު ކަމަކަށް ނުހަދަމެވެ. މަސައްކަތުގައި ހުރީއެވެ. އެހެން ހުއްޓައި ގޭގައި ގެންގުޅޭ ބޭރު މީހާއާއިއެކު 3 ދަރިން ފިހާރައަށް އައެވެ. 2 ދަރިން ފެނުމުން ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން ގޮސް ދެކުދިންގެ ބޮލުގައި ފިރުމާލާފައި ދަރިފުޅާއެވެ ބުނުމުން ބުނީމެވެ. "މިއީ ކޮންތަނަކުން އައި ބޮޑު މޮޔައެއް ހެއްޔެވެ؟ ތިއަ ދެބެއިންގެ ބައްޕަ މަރުވިތާ އެތައް ދުވަހެއް ވެއްޖެއެވެ." 

އޭނާ އަޅުގަނޑުގެ ގާތަށް ޖެހިލާފައި ހުއްޓުމުން ދުރަށް ޖެހިލީމެވެ. އޭނާ ފުރަތަމަވެސް ސުވާލުކުރީ ކަރު ހަރުނުލާ ދަރިފުޅުގެ ކަރު ރަނގަޅުވީ ކޮން އިރަކު ކޮން ފަރުވާއެއް ކޮށްގެންތޯއެވެ؟" 

އަޅުގަނޑު ބުނީމެވެ. "އެއީ ކަލެއާއި ކޮން ބެހޭކަމެއް ހެއްޔެވެ؟ އެކުދިންގެ ބައްޕަ މަރުވީމާ ނުކައި ނުބޮއި 3 މައިން ތިއްބައި ހުރިހާ ކަންކަމަށް މނަގުފަހިވަމުން އައިސް އެކުދިންނަށް ބައްޕައަކު ލިބުނީއެވެ. ލިބުނީވެސް މާރަނގަޅު ބައްޕައެކެވެ. އެބައްޕަގެ މަސައްކަތުންނާއި ކުރިހޭދައިގައި ރަހްމަތް ލެއްވެވީއެވެ. ކައުންޓަރުގައި އެއިނީ އެބައްޕައެވެ. މިހިސާބުން ފުދިއްޖެ ނޫން ހެއްޔެވެ؟ ދެންވެސް ތިއަކުރާކަމެއް ކޮށްގެން އަވަހަށް މިތަނުން ދާން އުޅޭށެވެ. ދެމަފިރިންނަށް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ" 

އޭނާއަށް ބުނާނެ އެއްޗެއްވެސް ނުއެނގި އިރުކޮޅަކު މަޑުންހުރެފައި ނުކުމެގެން ދިއައީއެވެ. 

އެއިގެ 2 އަހަރުވަރު ފަހުން އަނެއްކާވެސް ފިހާރައަށް އައެވެ. އެއިރު ކައުންޓަރުގައި އިނީ އަޅުގަނޑެވެ. އޭނާ ބުނީ އަޅުގަނޑުމެން ދޫކޮށްލާފައި ތަނަވަސް އަނހެނެއްގެ ފަހަތުން ދެވުނުކަން އެއީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށް ކަމަށެވެ. މިހައިތަނަށްވެސް އުޅެންޖެހުނީ އޭނާގެ އަޅަކަށްވެގެން ކަމަށެވެ. އަޅަކަށްވެގެން އުޅެނިކޮށްވެސް ގަދަކަމުން ވަރިވެސް ވެއްޖެކަމަށެވެ. މިހާރު ހުރީ ވަޒީފާއެއްވެސް ނެތި މަގުމަތިވެފައި ކަމަށެވެ. 

އަޅުގަނޑު ބުނީ ތިއަފަދަ ނިކަމެތި ޙާލެއް ޖެހުމުން ހިތާމަކުރާކަމަށެވެ. ނަމަވެސް އެހީތެރިވެދޭން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ފިރިމީހާގެ ގާތުގައި އެދެނިކޮށް ފަހަރެއްގައި އެހީތެރިވެދީފާނެ ކަމަށެވެ. 

އެވާހަކައިގައި ތިއްބައި ފިރިމީހާ އައުމުން އޭނާ ފިރިމީހާގެ ގާތުގައި ހަމަ އެވާހަކަތައް ތަކުރާރުކުރުމުން ފިރިމިހާ ބުނީ އޭނާ އަމިއްލަ ދަރިންގެ ގޮތުގައި ބަލަމުން އަންނަ 2 ދަރިންގެ ބައްޕަވީމާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ފިރިމީހާ ހިންގާ ހޮޓަލުން ވެއިޓަރެއްގެ ވަޒިފާ އާއި ހޮޓަލުގެ މީހުން ނިދާތަނުގައި ނިދޭނެ ގޮތް ހަމަޖައްސައިދީފާނެ ކަމަށެވެ. އެގޮތް އޭނާ ޤަބޫލުކުރުމުން ފިރިމިހާ އޭނާއަށް ވަޒިފާ ހަމަޖައްސައިދިނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާތަކަކީ ވަރަށް ބޮޑު ޢިބްރަތެއްކަމަށް ޤަބޫލުކުރުމަށެވެ. ކިތަންމެ ބޮޑު ދަތިޙާލެއްގައި ޖެހުނަސް ތަޤްވާވެރި ދިރިއުޅުމެއް އުޅެމުން ދަމުނަމާދުކޮށް ދުޢާކުރާނަމަ ރަނގަޅު ގޮތްތައް އިރާދަކުރައްވަވާނެ ކަމަށެވެ. 

މީގެ އިތުރުން ދަރިން، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ދަރިން ލިބުމުން އެއްލާލާފައި އުފަލުގައި ދިރިއުޅެންދާ ބައްޕައިންނަށްވެސް ރަނގަޅު ފިލާވަޅަކަށްވާނެ ކަމަށްވެސް އުންމީދުކުރަމެވެ. 

- ޝަކީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން