އެދޭ ހުރިހާ ކަންކަން ކާމިޔާބުވާނެކަން ޔަޤީން އެޕޮއިންޓްމަންޓަށް އިންތިޒާރުކުރާކަށް ނުޖެހޭނެ! އޮތީ ޙާޒިރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އެދޭ ހުރިހާ ކަންކަން ކާމިޔާބުވާނެކަން ޔަޤީން އެޕޮއިންޓްމަންޓަށް އިންތިޒާރުކުރާކަށް ނުޖެހޭނެ! އޮތީ ޙާޒިރުވުން!

ދުނިޔޭގައި އުޅެމުން މިދާއިރު އެކިއެކި ބޭނުންތަކުގައި ބައްދަލުކުރަންޖެހޭ މީހުންނާއި ބައްދަލުކުރެވެނީ އެމީހުން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭ ދުވަހަކު އެމީހަކު ކަނޑައަޅާ ވަޤުތެއްގައެވެ. ބައްދަލުކުރަން ބޭނުންވާ މީހުންގެ ކިޔޫ ދިގުވެގެންދަނީ ފަހަރަކު މީހަކާއި ބައްދަލުކުރަންޖެހޭތީއެވެ. ކިޔޫ ދިގުވެ މަސްތަކަށް ދެމިގެން އެދަނީ އެއްފަހަރާއި އެންމެންނާއި ބައްދަލުކޮށް އެމީހުންގެ އަޑުއެހުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެން ނުވާތީއެވެ. އަދި އެއްފަހަރާ ގިނަބައަކާއި ބަބައްދަލުކޮށްފިނަމަ ކުރެވޭ މުޢާމަލާތު އެންމެންނަށް އެނގިގެންދާނެތީއެވެ. 

އެހެނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި މިކަން މުޅިން ތަފާތެވެ. ރޭގަނޑުގެ ތިންބައިން ފަހުބައަށް އެޅުމުން ބިމުގެ އުޑަށް ފައިބައި ވަޑައިގެން ދުނިޔޭގެ އެންމެންނަށް ދަޢުވަތު ދެއްވަވައެވެ. އެމީހަކު ބޭނުން ކަމަކަށް އެދި ދެންނެވުމަށެވެ. އެއީ ރިޒުޤަށް ދަތިވެގެންނަމަވެސް، ފާފަތައް ފުއްސަވައިދެއްވެވުމަށްނަމަވެސް، ބައްޔަކުން ޝިފާއަށް އެދިގެން ނަމަވެސް، ވަޒީފާއެއް ނުލިބިގެން ނަމަވެސް، ވަޒީފާގެ ކުރިއެރުމަކަށް އެދިގެންނަމަވެސް، ޙަޔާތަށް ބައިވެރިއަކު ބޭނުންވެގެން ނަމަވެސް، ދެމަފިރިންގެ މެދުގައި ލޯބިއިތުރުކުރަން ނަމަވެސް، މިހެން ގޮސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދި ދެންނެވުމަށް އެބަ ފުރުޞަތު ދެއްވަވައެވެ،

ދުނިޔޭގައި ތިބި އެންމެން އެއްފަހަރާ އެއް ވަޤުތެއްގައި އެމީހަކު ބޭނުންވާކަމަކަށް އެދި ދެންނެވި ނަމަވެސް އަޑުއައްސަވައި ވޮޑިގަތުމަށް ﷲ ތަޢާލާ ކުލަދުންވަނަތައެވެ. އަދި އެކަން އޮންނާނީވެސް ސިއްރެއްގެ ގޮތުގައެވެ. ވީމާ އެޕޮއިންޓްމަންޓް ނުލިބިގެން މަޑުކުރާކަށް ނުޖެހެއެވެ. މީސްތަކުންނަށް ދެއްވަވަނީ ޢާންމުކޮށް އެންމެންނަށް ހުޅުވައިލެވިފައިވާ ދަޢުވަތެކެވެ. 

އެހެންވެ އެ ދަޢުވަތު ޤަބޫލުނުކޮށް ނިދަން ތިބުން ޢިލްމުވެރިން ކުށްވެރިކުރައްވަވައެވެ. އެވަޤުތު ހޭލައި ރޭއަޅުކަންކޮށް ދުޢާކުރަން ފަސްޖެހޭ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން ނިޢްމަތްތައް ލިބިގަންނަން ބޭނުންނުވާ މީހުންކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އެއީ ހަމަ އެކަން އޮތްގޮތްވެސްމެއެވެ. 

ހަމައެއާއިއެކު ރޭއަޅުކަންކުރުމަކީ ﷲ ތަޢާލާ އާއި އެންމެ ފަސޭހައިން ކުއްތަންވެވެން އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދެން އޮތް މަގު ކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވީމާ އަހުރެންގެ އާދޭހަކީވެސް އަދި އިލްތިމާސަކީވެސް ކޮންމެ ރެއަކު ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ޤަބޫލުކުރާ މީހަކަށްވުމެވެ. ފުރުޞަތުގެ ބޭނުންހިފައި ތިމާއަށް ބޭނުންވެފައިވާ ކަންކަމަށް އެދި ދުޢާކުރާ މީހަކު ކަމުގައިވުމެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުވުން އޮތީ އެކަމަށް ޢިޖާބަދީގެންނެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން