ޖިންނި އަވަލުމުން ދަރިންނަށާ އަމިއްލައަށް ސަލާމަތްވާން ބޭނުންކުރަންހުރި އައްޑަނަތައް--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޖިންނި އަވަލުމުން ދަރިންނަށާ އަމިއްލައަށް ސަލާމަތްވާން ބޭނުންކުރަންހުރި އައްޑަނަތައް--

 

ޖިންނި ޝައިޠޯނުންނަކީ ﷲ ތައާލާ ލައްވަވާފައިވާ ބައެއްކަން އެބައެނގެއެވެ. އެއެއްޗެތީގެ ގޯނާ ފޯރާނެކަންވެސް އެބައެނގެއެވެ. ހަމައެއާއިއެކު ހަރުފަ އާއި ނިގުލަންދާއްޓާއި ބިޝޫފަދަ ތަކެތިވެސް އުޅޭކަމާއި ދައިހަދައި ވިހަލާކަންވެސް އެބައެނގެއެވެ.

 

އަދި އެކަންކަމުން ރައްކައުތެރިވާން މަސައްކަތްކުރަންޖެހޭކަންވެސް އެބަ އެނގެއެވެ. ހަމައެއާއިއެކު އެއެއްޗެތީގެ ނުބައިކަމުންނާއި ސިހުރާއި އެސްފީނާއިން ސަލާމަތްވެތިބުމަށް ކުރަންޖެހޭ ކަންތައްތަކެއް އިސްލާމް ދީނުގައި އެބަހުރިކަންވެސް އެބައެނގެއެވެ.

 

އެހެނަސް ރައްކައތެރިވާން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ފަތިހު ތެދުވެ ފަތިސްނަމާދުކޮށް ދުވަހުގެ ރައްކައުތެރިކަން ހޯދޭހެއްޔެވެ؟ ހެނދުނުގެ ޛިކުރުތައް ކިޔޭހެއްޔެވެ؟ އިރުއޮއްސުމުން ކުރިސިއާއި 3 ސޫރަތް ކިޔެވޭހެއްޔެވެ؟ ޚާއްޞަކޮށް ދަރިން ގޮވައިގެން ބޭރުގައި އުޅޭއިރު މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.

 

މިދައްކަނީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ރައްކައުތެރިކަން ހޯދުމުގެ ވާހަކައެވެ. ފަތިސްނަމާދުން ދުވަސްފަށައި ރައްކައުތެރިކަންހޯދާށެވެ! ގެއިން ބޭރަށް ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔާށެވެ! އަޢުރަ ނިވާކޮށްގެން ނޫނީ ގެއިން ބޭރަށް ނުނުކުންނާށެވެ! މުންކަރާތްތަކާއި ދުރުހެލިވެ ތިބޭށެވެ!

 

މިކަންކަމަކީ ޖިންނި ޝައިޠޯނުން އަވަލުމުންނާއި ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް އަދި ގެއްލުންދޭ ސޫފިތަކުގެ ކިބައިން ސަލާމަތްވާން ބޭނުންކުރަންހުރި އައްޑަނަތަކެވެ. ނިކަން ބުނެބަލާށެވެ! މިކަންކަމަށް ސަމާލުކަންދެވޭހެއްޔެވެ؟ ސަމާލުކަން ދެވެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

 

މީސްތަކުންނޭވެ! މިބުނި ކަންކަމަށް ސަމާލުކަން ކުޑަކުރުމަކީ ޖިންނި ޝައިޠޯނުން ތިމާގެ ގައިގައި އަވަލުމަށް ދައުވަތުދިނުން ފަދަ ކަމެކެވެ. އެއެއްޗެތި އަބަދުވެސް ތިބޭނީ މީސްތަކުންގެ މައްޗަށްވެރިވެގަންނަން ތައްޔާރަށެވެ. ކިރިޔާ ފުރުޞަތެއް ލިބޭއިރަށްވެސް އަވަލަން މަސައްކަތްކުރާނެއެވެ. މީސްތަކުންގެ މައްޗަށް ގަދަވެގެންނަން މަސައްކަތްކުރާނެއެވެ!

 

މީސްތަކުންނޭވެ! ބަޔާންމިކުރި ކަންކަމުން ރައްކައުތެރިވުމަށް ދީނުގައި ވަނީ ބާރުއަޅުއްވަވައިފައެވެ. އެއީ ހަމަ އަހަރެމެންގެ ސަލާމަތާއި ރައްކައުތެރިކަމަށެވެ. ދަރިންގެ ހިމާޔަތަށެވެ. ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ދީނުގައި ބަޔާންވެގެންވާ މަގުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ޖިންނި ޝައިޠޯނުން އަވަލުމުގެ ފުރުޞަތު ނުދިނުމަށް އަމިއްލައަށް ކުރަންޖެހޭ ކަންކަން ކުރުމެވެ.

 

ކަންކަން ކުރިމަތިވުމުން ޙައްލުހޯދަން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަހރެންގެ ނަޞޭޙަތަކީ ތިމާ އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ގެންދިއުމެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަބަދުވެސް ތިބުމެވެ. ރުޤްޔާކުރަން ނަމަވެސް އެހެންކަމެއްކުރަން ނަމަވެސް މ=އެހެން މީހެއްގެ އެހީތެރިކަން ހޯދަން ނުޖެހިވޭތޯ ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން ގެންދިއުމެވެ. އެފަދައިން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން