މީހަކަށް ހަދިޔާއެއް ދިނުމަށްފަހު ކަމަކަށް ނުއެދޭށެވެ! އެކަން ބަދަލުވާނީ ދިން ރިޝްވަތަކަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މީހަކަށް ހަދިޔާއެއް ދިނުމަށްފަހު ކަމަކަށް ނުއެދޭށެވެ! އެކަން ބަދަލުވާނީ ދިން ރިޝްވަތަކަށެވެ!: މުފްތީ މެންކް

 

ފުރަތަމަ ވިސްނައިލަންވީ ހަދިޔާގައި ހިފުމާއިމެދުގައެވެ. ކިތަންމެ ގާތް މީހަކުދިން ނަމަވެސް ހަދިޔާއެއްގައި ހިފުން މިއަދު މިވަނީ ވަރަށް ބުރަކަމަކަށްވެފައެވެ. ދޭ ހަދިޔާ އަތަށް ވަރަށް ލުއިވެދާނެއެވެ. ނަމަވެސް ފަހުން އުފުލަންޖެހޭ ބުރަ ބޮޑުވާތީއެވެ.

 

އެއްދުވަހު ހަދިޔާ ދީފައި އަނެއް ދުވަހު އޭނާގެ ގާތުން ޢޭނާއާއި ނުބައްދަލު ކަންކަމަށް އެދޭތީއެވެ. އެހާލަތުގައި އޮންނަނީ ހަދިޔާގައި ހިފުނުކަމަށްޓަކައި ހިތާމަކުރަންޖެހިފައެވެ. އެހެންކަމުން މީހުން ދޭ ހަދިޔާގައި ހިފުން މިހާރު މިވަނީ ވަރަށް ބުރަ އަދި ބޮޑު ބިރުވެރިކަމަކަށްވެފައެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މީހަކަށް ހަދިޔާއެއް ދިންނަމަވެސް އެކަންކުރަންވާނީ ﷲ ތަޢާލާއަށްޓަކައެވެ. އެއިގެ ބަދަލުގައި އެއްވެސް ކަމަކަށް އެދިގެންނުވާނެއެވެ. ބަދަލުގައިކަމަށް ނުބުނި ނަމަވެސް ހަދިޔާއެއް ދިނުމަށްފަހު އެމީހާގެ ކިބައިން ކަމަކަށް އެދިއްޖެނަމަ އެކަންވާނީ ބަދަލުގައި ކަމަކަށް އެދުނުކަމަށެވެ.

 

އެގޮތަށް ބަދަލުގައި ކަންކަމު އެދުމުން އެމީހަކު އެދުނު ކަންތައް ކޮށްދިނުން އޮންނަނީ މަޖުބޫރު ކަމަކަށްވެފައެވެ. ކޮށްނުދެވިއްޖެނަމަ ހިތަށް ނުތަނަވަސްކަންވެސް ލިބޭނެއެވެ. ވީމާ ހަދިޔާގެ ގޮތުގައި ދެވޭ ތަކެތި ބަދަލުވެގެން އެދަނީ ނުބައި ނިޔަތެއްގައި ދެވޭ އެއްޗަކަށެވެ. އޮޅުވައިލުމެއްގެ ތެރެއިން ދެވޭ ރިޝްވަތެއް ފަދަ ކަމަކަށެވެ. މިއީ ވަރަށް ނުބައި ކަމެކެވެ.

 

ހަމައެޢާއިއެކު މީހަކަށް އެއްޗެއްދޭނަމަ ނުވަތަ ކަމެއްކޮށްދޭނަމަ އެކަން އިޚްލާޞްތެރިކަމާއިއެކު ކޮށްދޭށެވެ. އަނެކާއަށް ތަކްލީފަކަށްނުވާނެ ގޮތަށް ކޮށްދޭށެވެ. ތަކްލީފަކަށްވާގޮތަށް ކަންކަންކުރުމުން އެކަމުގެ ބަރަކާތްވެސް ކެނޑިގެންދާނެއެވެ. ވީމާ އެކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކުރާ ކަމެއްނަމަ ވީހައި ބޮޑަށް ލުއިފަސޭހަވާނެ ގޮތަށް އެކަންކުރާށެވެ! ޘަވާބާއި ދަރުމް އިތުރުވާނީ އެއިރުންނެވެ!

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން