ޢަލީ އިޙްޞާން ފިރާޤް
ރަސްކަލަކަށް ހުންނެވިއިރުވެސް ފަރީއްކުޅުއްވީ އަމިއްލަ މަސައްކަތްޕުޅުން އާމްދަނީ ހޯއްދަވައިގެން
އިބްނު އަޝާކިރު ރިވާކުރައްވާފައިވެއެވެ. داود عليه السّلام އަށް ރަސްކަން ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު ސިފަފުޅު ބަދަލުކުރައްވައިގެން މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ރައްޔިތުންނާއި ރަށައްއަރާ ބިދޭސީންކުރެ داود عليه السّلام އަކީ ކޮންފަދަ ރަސްކަލެއްތޯ އައްސަވައި އުޅުއްވައެވެ. އެގޮތުން އެކަލޭގެފާނު އައްސަވައި ކޮންމެ ބޭކަލެއްގެ ފަރާތްޕުޅުންވެސް ޖަވާބުގައި އިވިވަޑައިގަންނަވަނީ ތާރީފުގެ ބަސްފުޅުތަކެވެ. އެކަލޭގެފާނު ރަސްކަންކުރައްވާލެއް ޢަދުލުވެރިކަމާއި ހެޔޮފުޅުކަމުގެ ވާހަކަތަކެވެ. އެއްވެސް ފަރާތަކުން އެކަލޭގެފާނު އިޞްލާޙު ކުރަންޖެހޭ ފަދަކަމެއްގެ ވާހައެއް ނުދަންނަވައެވެ.
އެއްފަހަރަކު داود عليه السّلام ގެ އަރިހަށް މަލާއިކަތްބޭކަލަކު އިންސާނެއްގެ ސިފައިގައި ވަޑައިގެންނެވިއެވެ. މި މަލާއިކަތާއާ ބައްދަލުވެވަޑައިގެންނެވުމުން داود عليه السّلام އެހެން މީސްތަކުންގެ އަރިހުގައި ކުރައްވާ ސުވާލުކުރެއްވިއެވެ. އެމަލާއިކަތާ ޖަވާބުދެއްވިއެވެ. [ދާއޫދުގެފާނަކީ ވަރަށް ރަނގަޅު ބޭކަލެކެވެ. އެކަލޭގެފާނުގެ ގައިކޮޅުގައި އެއް އުނިސިފަނެތްނަމަ އެކަލޭގެފާނު ވެޑައިގަންނަވާނީ ފުރިހަމަ އިންސާނަކަށެވެ.] داود عليه السّلام ވިދާޅުވިއެވެ. [އެއީ އަނެއްކާ ކޮންސިފައެއް ހެއްޔެވެ؟] މަލާއިކަތާ ޖަވާބުދެއްވިއެވެ. [އެއީ ދާއޫދުގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިދަރީންގެ ޚަރަދުތައް ބައިތުލް މާލުންނަންގަވާތީއެވެ.]
މިއަޑުއައްސަވައި داود عليه السّلام އަށް އެ މަލައިކަތާ އެ ވިދާޅުވީ ތެދުފުޅެއްކަން އެނގިވަޑައިގެންނެވިއެވެ. އެ ވަގުތު އެކަލޭގެފާނު މާތްﷲ ގެ ޙަޟްތަރުގައި ކީރިތި ކުރައްވަމުން ދެންނެވިއެވެ. [އޭ ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް މިއަޅާއާއި މިއަޅާގެ އަނބިދަރީން ބަނޑުފުރައި މުއްތިކުރެވޭނެފަދަ މަސައްކަތެއް އުނގައްނަވައިދެއްވާފާނދޭވެ.] ދެން މާތްﷲ އެކަލޭގެފާނަށް ދަގަނޑުދަހަނާ ހެދުމުގެ މަސައްކަތް އުގައްނަވައިދެއްވެވިއެވެ. މިއީ ތާރީޚީ ވާހަކައެކެވެ. ކިހާ ޞައްޙަ ވާހަކައެއްކަމެއް އެނގިފައެއްނުވެއެވެ.
ކުރިންވެސް ދެންނެވުނު ފަދައިން داود عليه السّلام ފަރީއްކުޅުއްވަނީ އެކަލޭގެފާނު އަމިއްލަ ދެ އަތްޕުޅުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުންނެވެ. އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم ވެސް އެކަލޭގެފާނު އުއްމަތަށް އިރުޝާދު ދެއްވަމުން ގެންދެވީވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށެވެ. މިޤުދާމު ބިން މައުދިކަރިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللَّهِ دَاوُدَ ـ عَلَيْهِ السَّلاَمُ ـ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ " { صحيح البخاري، كتاب البيوع، باب كَسْبِ الرَّجُلِ وَعَمَلِهِ بِيَدِهِ، ޙަދީޘް ނަންބަރު، 2072}
މާނައީ: [އެއްވެސް މީހަކު ތިމާގެ އަތުން މަސައްކަތްކޮށްގެން ހޯދާ އާއްމު ދަނީއިން ހޯދާ ކާތަކެއްޗަށްވުރެ ރަނގަޅު އެއްޗެއް ނުކައެވެ. މާތްﷲ ގެ ނަބިއްޔާ داود عليه السّلام ފަރީއްކުޅުއްވާ އުޅުއްވީ އެކަލޭގެފާނުގެ އަތްޕުޅުން ކުރައްވާ މަސައްކަތުން ލިބިވަޑައިގަންނަވާ އެއްޗަކުންނެވެ.]