ނަރަކަ އުފައްދަވައި ނަރަކައިގެ އަލިފާނުގެ ހޫނުކަން އެހައި ގަދަކުރައްވަވާފައިވާ ސަބަބާއިމެދު އިމާމް އިބްނު އަލްޤައްޔިމް ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަރަކަ އުފައްދަވައި ނަރަކައިގެ އަލިފާނުގެ ހޫނުކަން އެހައި ގަދަކުރައްވަވާފައިވާ ސަބަބާއިމެދު  އިމާމް އިބްނު އަލްޤައްޔިމް ރަޙިމަހުﷲ

އިމާމް އިބްނު އަލް-ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ނަރަކަ އުފައްދަވައި ނަރަކައިގެ އަލިފާނުގެ ހޫނުކަން އެހައި ގަދަކުރައްވަވާފައިވަނީ ހަރުވެހިލަވެފައިވާ ހިތްތައް މަޑުކޮށް ލެންބުވުމަށެވެ.  

މިމޭރުމުން ވިދާޅުވެފައި އެވަނީ ވަރަށް ބޮޑު ސަބަބެއް އެކަމުގައި އޮތުމުންނެވެ. ވީމާ އެސަބަބާއިމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! ފުރަތަމަ ސަބަބަކީ މީހާއަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ އެމީހަކުކުރި ފާފައެވެ. ފާފައެއް ކުރެވުމުން އެކަން ފޮރުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކަމުން ލިބޭ ނުތަނަވަސްކަން ކުޑަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ.  

އެކަމުގެ ހެއްކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މިޔުޒިކާއި ބަނގުރާ ބުއިމާއި ފާޙިޝް ޢަމަލުތައް ކުރުމާއި މިހެން ގޮސް ހުރިހާ ބޮޑެތި ފާފަތައް ކުރަމުން ގެންދާކަމެވެ. އެމީހުން އެފާފަތައް އެކުރަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ކުރަމުން އައި ފާތަކުގެ ސަބަބުން އެމީހުންގެ ހިތް ހިލަވީއެވެ. އެމީހުންނަށް ތިމާމެންނަށް މިކުރެވެނީ ކޮންކަމެއްކަން ނުއެނގުނު ނަމަވެސް އެމީހުންނަށް އެކުރެވޭ ކަމަކީ އެމީހުންގެ ހިތް ހިލަވުމުން އަޅަމުންދާ ވޭންތަކަށް ޝިފާއެއް ލިބޭތޯ މަސައްކަތްކުރެވެނީއެވެ.  

ފާފަކުރަން ފަށައިފިނަމަ މަދުމީހަކަށް މެނުވީ އެކަންކަމުން ސަލާމަތް ނުވެވެނީ އެހެންވެގެންނެވެ. އެމީހުންގެ ހިލަވީމާ ހިތަށް ޝިފާއެއް ލިބޭތޯ މަސައްކަތްކުރެވެނީއެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއްވެސް ނުވިސްނެއެވެ. ނުވިސްނެނީވެސް ހިތް ހިލަވެފައިވާތީއެވެ.  

މިޘާލަކަށް މީހަކު މަސްތުވީމާ އެކަންވެސް އެމީހަކަށް ނުވިސްނޭނެއެވެ. މަސްތުނުވާކަމަށް ހީކޮށް އަދިވެސް އިތުރަށް މަސްތުވެލަން އަނެއްކާވެސް ހަމަ ބޯނީއެވެ. ބޮމުން ބޮމުންގޮސް ހޮޑުލެވި ދެކަމު އެކީގައި ޙާޖަތަށް  ދެވޭއިރުގައިވެސް ހަމަ ބޯނީއެވެ.  

އެއީ ހަމަ މިބުނި މަގުން އެމީހުންގެ ހިތް ހިލަވެފައިވާތީއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ހިތަކާއިގެން މަޙްޝަރަށް ނުދިއުމަށެވެ. އެހެނީ ޤިޔާމަތް ދުވަހުގައި ސަލާމަތްކަންވަނީ ޠޯހިރު ހިތަކާއިގެން މަޙްޝަރަށް ދެވުނު މީހަކަށްކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން