އަންހެނަކާ ކައިވެނިކުރުމަކުން، ދަރިން ހޯދުމަކުން އެމީހަކީ ޙަޤީޤީ ފިރިއަކަށްވެސް، ބައްޕައަކަށްވެސް އަދި ފިރިހެނެކަށްވެސް ނުވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަންހެނަކާ ކައިވެނިކުރުމަކުން، ދަރިން ހޯދުމަކުން އެމީހަކީ ޙަޤީޤީ ފިރިއަކަށްވެސް، ބައްޕައަކަށްވެސް އަދި ފިރިހެނެކަށްވެސް ނުވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަހަރެން ސިފަކުރާނެ ގޮތުގައި ބޮޑެތި ގިނަ ފިރިހެނުންގެ ގޮތުގައި މިފެންނަ މީހުންނަކީ ބޮޑެތި ހަށިތަކެއްގައިވާ ކުޑަކުދިންނެވެ. އެހެން މިބުނަނީ ކުޑަކުދިން އުޅެން ބޭނުންވާ ގޮތަށް އުޅެން ބޭނުންވާ ބައަކަށްވާތީއެވެ.  

މިޘާލަކަށް ބުނާނަމަ އަހަރެމެން ހުރިހާ ފިރިހެނުންވެސް އަންހެނުންދެކެ ލޯބިވަމުއެވެ. އަނހެނަކާއިއެކުގައި ދިރިއުޅެން ބޭނުންވެއެވެ. އެކަމަކު ކައިވެނިކުރަން ބޭނުން ނުވާ ފިރިހެނުން މަދެއް ނޫނެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ކައިވެނީގެ ޒިންމާ ނަގަން ބޭނުން ނުވާތީއެވެ. ފިރިހެނަކު ނަގަންޖެހޭނެ ކައިވެނީގެ ޒިންމާއަކީ އަނބިމީހާއަށް ޚަރަދުކޮށް، ހެޔޮކޮށް ހިތައިގެން ބެލެހެއްޓުމެވެ. ނަގަން ބޭނުން ނުވަނީ އެ ޒިންމާއެވެ.  

ދެން ތިބީ ޒިންމާ ނަގާނެކަމަށް ބުނެ ކައިވެނިކުރާ މީހުންނެވެ. ތެދަށް ނިކަން ބުނެބަލާށެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާގެ ޒިންމާތައް ނަގަނީ ކިތައް ފިރިހެނުންހެއްޔެވެ؟ ކައިވެނީގެ ޒިންމާތައް ނަގަންޖެހުމުން ބުރަބޮޑުވެގެން ވަރިކޮށްލާފައި ދަނީ ކިތައް ފިރިހެނުން ހެއްޔެވެ؟  

ދަރިން ހޯދަނީ ދަރިންގެ ޒިންމާ ނަގަން ޖެހޭނެކަން އެނގިތިބެއެވެ. އެކަމަކު ދަރިން ލިބި ޒިންމާ ނަގަންޖެހުމުން އެ ޒިންމާ ނުނަގަންވެގެން ދަރިންކޮޅު އުކާލާފައި ދަނީ ކިތައް ފިރިހެނުން ހެއްޔެވެ؟  

ގިނަ ބައަކު ޢާއިލާއަށް ސިއްރުން ކައިވެނިކުރަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއް މަޤްޞަދެއްގައި ނޫންހެއްޔެވެ؟ ކައިވެނީގެ ޒިންމާ އުފުލަން ފަސްޖެހޭތީ ޒިންމާތަކަށް ފިލަން ނޫންހެއްޔެވެ؟ އެހެން ނޫންނަމަ ސިއްރުން ކައިވެނިކުރަން ބޭނުންވާންވީ ކީއްވެގެން ހެއްޔެވެ؟  

ހަމައެއާއިއެކު ކުޑަކުދިން ދެކެ ލޯބިވާކަމަށް ބުނަމުއެވެ. ދަރިންދެކެ މާބޮޑަށް ލޯބިވާކަމަށްވެސް ބުނަމުއެވެ. ލޯބިވާކަން ދަރިންނަށް ދައްކަންވެސް ކަންކަން ކުރަމުއެވެ. ހަދިޔާވެސް ދެމުއެވެ. އުނގަށްވެސް ލަމުއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ. އަހަރެމެންގެ ތެރެއިން ބައްޕައެއްގެ ޒިންމާ ނަގަން ބޭނުންވަނީ ނުވަތަ ބައްޕައެއްގެ ޒިންމާ ނަގަނީ ކިތައް މީހުން ހެއްޔެވެ؟  

މިދައްކާ ވާހަކައިގެ ހެކިތައް އެންމެ ފަސޭހައިން ފެންނާނީ ރޭގަނޑު ކެފޭތަކުންނެވެ. ފިރިން، ބައްޕައިން ކަމަށް ބުނާ ފިރިހެނުން އަނބިދަރިން ދޫކޮށްލާފައި ގޮސް ތިބެނީ ކެފޭ ތަކުގައެވެ. އެތަނުގައި އެތިބެނީ އަނބިދަރިންގެ ޒިންމާ ނަގަން ހެއްޔެވެ؟ ނުވަތަ ޒިންމާތަކަށް ރެކެން ބޭނުންވެގެން ހެއްޔެވެ؟  

ގޭގައި އިން އަނބިމީހާ ފިރިމީހާއަށް އިންތިޒާރުކުރަނީއެވެ. ނިދިއައުމުން ނިދިފިލުވަން މޫނުދޮންނަމުންވެސް އިންތިޒާރުކުރަނީއެވެ. ފިރިމީހާ ކެފޭއެއްގައި އިނދެގެން އެތަނަށް ވަދެ ނުކުމެވާ އަނހެނުންނަށް ބަލައި ހިތްހަމަޖެހުން ހޯދަނީއެވެ؟ ޒިންމާދާރު ފިރިންގެ ގޮތަކީ މިއީކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ؟

ވަރަށް ކެރިހުރެގެން ބުނަމެވެ. އަންހެނަކާއި ކައިވެނިކުރުމަކުން އަދި ކައިވެނީގައި ދަރިން ޙޯދުމަކުން ޔިމާއަކީ ފިރިހެނަކަށް ނުވެއެވެ. ފުރިހަމަ ފިރިހެނަކަށް ވެވޭނީ އަނބިމީހާ އާއި ދަރިން ބަލަހައްޓާނަމައެވެ.  

މިގޮތަށް މިވާހަކަދައްކާތީ މިތަނުގައި ތިބި ހުރިހާ ފިރިހެނުން ރުޅިއައި ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. މިއީ ކަމުގެ ޙަޤީޤަތް އޮތް ގޮތެވެ. އެކަން އެންމެންނަށްވެސް އެނގޭނެއެވެ. އެވަރުން އަހަރެންނަށް އެނިމުނީއެވެ!

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން