ޤުރްއާނާއި ޙަދީޘްފުޅުތަކާއިމެދު މިމަގުން ނުވިސްނައި ސަލާމަތްކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޤުރްއާނާއި ޙަދީޘްފުޅުތަކާއިމެދު މިމަގުން ނުވިސްނައި ސަލާމަތްކަމެއް ނެތް!

އަހުރެންނަށް ކީރިތި ޤުރްއާނުގެ އަޑު އިވުމުން ނުވަތަ ކިޔަވަމުންދާއިރު އެއީ މީގެ 1400 އަހަރުކުރިން ބާވައިލެއްވެވި އާޔަތެއްކަމަކަށް ނުވިސްނަމެވެ. ޤަބޫލުކުރަނީ އެއީ މިއަދު ނުވަތަ މިހާރު ބާވައިލެއްވެވި އެއްޗެއް ކަމަށެވެ. ޙަދީޘްފުޅެއް ފެނުނަސް ބަލައިގަންނަނީ ހަމަ އެފޮތަށެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް އަދި ޙަދީޘްފުޅަކީވެސް ދުނިޔެ ނިމެންދެން ހަމަ އެގޮތުގައި ދެމިއޮންނާނެ އެއްޗަކަށްވާތީއެވެ. އެއިގައިވާ ކަމަކަށް ނުވަތަ ޙުކުމްފުޅަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމެވެ.  

ނަމަވެސް މިއަދު މީސްތަކުންނަށް ވިސްނިގެން މިއުޅެނީ އެގޮތަކަށް ނޫނެވެ. އެއީ މާކުރީގެ ޒަމާނުގެ ވާހަކަތަކެއް ކަމަށެވެ. އެއަސް ބަދަލު އަންނަން އެބްޖެހޭ ކަމަށެވެ. ޒަމާން ފަސްވީމާ ޢަމަލުނުކޮށް ދޫކޮށްލައިގެން ފުދޭނެ ކަމަށެވެ.  

ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެވެ. ކީރިތި ޤުރްއާނުގެ އެންމެ އަކުރަކަށްވެސް އަދި ޙަދީޘްފުޅަކަށްވެސް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ނުވެސް ގެނެވޭނެއެވެ. ހުރިހާ ގެއްލުމެއް ލިބޭނީ އެކަން ކުރަން އުޅޭ މީހަކަށެވެ. އެހެނީ ޤުރްއާނާއި ސުންނަތަށް އެއިގެ އަޞްލާއި އެއްގޮތަށް ޢަމަލުނުކުރިނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހަކު ކަމުގައިވާނެތީއެވެ. އެމީހަކަށް އާޚިރަތް ކާމިޔާބު ނުކުރެވޭނެތީއެވެ. ނަރަކައަށް ވަންނަން ޖެހޭ ސަބަބުކަމުގައި ވެގެންހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.  

ވީމާ މިކަންކަމަށް ވިސްނާށެވެ! ކޮންމެ އާޔަތަކީވެސް ޚުދު ތިމާއަށް ބާވައިލެއްވެވި އާޔަތެއް ކަމަށާއި ކޮންމެ ޙަދީޘްފުޅަކީވެސް ޚުދު ތިމާއަށް ކުރައްވަވާފައިވާ ޙަދީޘްފުޅެއް ކަމުގައި ދެކެގެން މެނުވީ އެމީހަކަށް އެއްވެސް ސަލާމަތްކަމެއް ނެތަކަމަށް ވިސްނައި ވަޤުތު އޮއްވައި އަވަހަށް ބިރުވެތިޗާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން