ދާވުދުގެފާނު 11 : މާތްކަމާއި މަތިވެރިކަން، އަދި ބާވައިލެއްވި ފޮތް

ކިޔުމަށް ހޭދަވާނީ 8މ 43ސ
ދާވުދުގެފާނު 11 : މާތްކަމާއި މަތިވެރިކަން، އަދި ބާވައިލެއްވި ފޮތް

ޢަލީ އިޙްޞާން ފިރާޤް

 

މާތްކަމާއި މަތިވެރިން:

داود عليه السّلام ގެ އަޅުކަން ކުރެއްވުމުގެ ގިނަކަމާއި ރޯދަ ހިއްޕެވުމުގެ ގިނަކަމާއި އުޅުއްވި ތަޤްވާވެރިކަމުގެ ސަބަބުން އަރަހުށި މާތް ގެ ޙަޟްރަތުގައި އެކަލޭގެފާނަށް ވަނީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައެވެ. ހަތް އުޑުމަތިން އެކަލޭގެފާނުގެ މާތްކަންވަނީ ބަޔާން ކުރައްވާ އިއުލާން ކުރައްވައިފައެވެ. އިސްރާ ސޫރަތުގެ 55 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ﴿٥٥ 

މާނައީ: [އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.] 

ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ މާތްކަން ބަޔާން ކުރައްވައި، ނަމްލު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّـهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ ﴿١٥

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނާއި، سليمان ގެފާނަށް علم ވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެއަށް إيمان ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި ރަސްކަލާނގެއެވެ]. 

ބާވައިލެއްވި ފޮތް:

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން داود عليه السّلام  އަށް ބާވައިލައްވައިފައިވަނީ ޒަބޫރެވެ. އެކަލޭގެފާނު އެފޮތުގައިވާ ހިދާޔަތާއި ޙުކުމްތަށް މީސްތަކުންނަށް އުނގައްނަވައިދެއްވިއެވެ. داود عليه السّلام  އަށް ޒަބޫރު ބާވައިލެއްވި ވާހަކަ ބަޔާން ކުރައްވާ ނިސާ ސޫރަތުގެ ގެ 163 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

 إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚوَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا﴿١٦٣

މާނައީ: [نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.] 

މިދެންނެވި ވާހަކަ އިސްރާ ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ﴿٥٥

މާނައީ: [އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.]

ޒަބޫރުގައިވާ ބައެއް ކަންތައްތައް ކީރިތި ޤުރްއާނުގައިވެސް އަރަހުށި މާތް ބަޔާން ކުރައްވައިފައިވެއެވެ. ސޫރަތުލް އަންބިޔާއުގެ 105 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ ﴿١٠٥

މާނައީ: [ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ صالح އަޅުންނަށެވެ]. 

އަނބިއަނބި ކަނބަލުންނާއި ބޭފުޅުން: 

އަލްޙާފިޡު އިބްނު ކަޘީރު، އޭނާ ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަރަހުށި މާތް الله، سليمان عليه السّلام އަށް އެއްހާސް އަނބިން ދެއްވިއެވެ. އެކަލޭގެފާނުގެ ހަތްސަތޭކަ މަހުރިއްޔާއިންނާއި، ތިންސަތޭކަ ސުއްރިއްޔާއިން ތިއްބެވިއެވެ. އަދި داود عليه السّلام  ގެ ސަތޭކަ އަނބިކަނބަލުން ތިއްބެވިއެވެ. އެއަނބިކަނބަލުންގެ ތެރޭގައި ސުލައިމާނުގެފާނުގެ މައިކަނބަލުންނެވެ. ދާވުދުގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަތީ ފިތުނައިގެ ފަހުންނެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317} 

داود عليه السّلام ގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރުބޭކަލަކީ سليمان عليه السّلام އެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ. ދުވަހަކު އެއްވެސް އިންސާނަކަށް ނުދެއްވާވަރުގެ ބާރުގަދަ ރަސްކަމެއްދެއްވި ބޭކަލެއްމެއެވެ.

މިއަދު އޮންލައިން