ފިރިހެން ދަރިފުޅު ކައިވެނިކުރުމުން އަނބިމީހާ ފިރިމީހާގެ ގެއަށް ގެންދާއިރު ފިރިމީހާގެ ޢާއިލާއިން ބުނަނީ އަމިއްލަ ދަރިއަކު ފަދައިން ބަލަހައްޓާނެ ކަމަށެވެ. އަޅާލައި އެހީތެރިވާނެ ކަމަށެވެ. ގޭގެ އަންހެން ދަރިންނާއި އެއްވެސް ތަފާތެއް ނުކުރާނެ ކަމަށެވެ.
މިފަދަ ވަޢުދުތައްވުމުން ގެއަށްދަނީ ވަރަށް އުންމީދާއިއެކުގައެވެ. އެކަމަކު ހަފްތާއެއް ދެ ހަފްތާވާއިރު ކަންކަން މުޅިން ބަދަލުވާން ފަށައެވެ. ގޭގެ ފަރިންނަށް ކުރަން ނުޖެހޭ މަސައްކަތްތައް ކުރަންޖެހި އެންމެންގެ ނޯކަރަކަށް ބަދަލުވެގެންދެއެވެ. އެހިސާބަކުންވެސް އަދި ނުނިމެއެވެ. ކުރެވޭ މަސައްކަތް ކަމުނުގޮސްގެން އެއްޗެތި ގޮވަންވެސް ފަށައެވެ.
ފިރިހެނުން ކިތަންމެ ނުރުހުނަސް ބުނަން އޮތީ ކަލޭމެންގެ ޢާއިލާއަށް ޚިދުމަތް ކުރުމަކީ ކަލޭމެންގެ އަނބިންގެ މައްޗަށް އޮތް ވާޖިބެއް ނޫންކަމަށެވެ. ދެފަރާތުގެ ގުޅުމުގެ ތެރެއިން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަނބިންނަށް ލިބިގެންވާ ކަމަށެވެ. އަދި ފިރިންގެ ޢާއިލާއަށް ޚިދުމަތްކުރަން އަނބިންނަށް މަޖުބޫރުކުރާނަމަ އެކަން ވާނީ އިންޞާފުން ބޭރުން ކުރާ އަމުރެއް ކަމަށެވެ.
އެހެނަސް ތަކުރާރުކޮށްލާނަމެވެ. އެއްފަރާތުން ހެޔޮކޮށް ހިތާނަމަ އަނެއް ފަރާތުންވެސް ހެޔޮކޮށް ހިތަންވާނެއެވެ. އަދި ހެޔޮކޮށް ހިތުމުގައި ވާދަވެސް ކުރަންވާނެއެވެ. އެއިރުން އެކަންކަން ވެގެންދާނީ އަޅުކަމަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން