ބާއްޖަވެރި ޙަޔާތަކަށްޓަކައި އެންމެ މުހިންމު ކަމަކީ ކޮންމެ ކަމެއްގައި އިންޞާފުވެރިވުމެވެ. އިންޞާފުވެރިވުމަކީ ކުރަން އެންމެ އުނދަގޫވެސް ކަންތަކެވެ. ސަބަބަކީ ތިމާއަށް ކުށެއް ކުރެވުމުން ޢަދުލުވެރި ޙުކުމެއް ކުރަން ފަސްޖެހެވޭ ކަމެވެ. ތިމާގެ ޢާއިލާއިން ކުށެއް ކުރުމުންވެސްމެއެވެ.
މުސްލިމުންނަކީ އަބަދުވެސް އެމީހަކަށް ކުރެވޭ ކުށް ޤަބޫލުކުރަންޖެހޭ ބައެކެވެ. ކުށް ޤަބޫލުކޮށް ތައުބާންވާން އޮތީ ހަމައެކަނި ބޮޑު ފާފައެއް ކުރުމުން ކަމަށް ޤަބޫލުކުރާ މީހުންނަށް ބުނެލަން އޮތީ އަނބިމީހާއަށް ނުވތަ ފިރިމީހާއަށް ނުވަތަ ޢާއިލާއަށް ކުށެއް ކުރުމަކީވެސް ހަމަ ފާފައެއް ކަމެވެ. އެހެނީ ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޢާއިލާއަށް ހެޔޮކޮށް ހިތުމަށެވެ. އެބަސްފުޅުގައި ވަކިމީހަކު ނުވަތަ ބައަކު އިސްތިސްނާއެއް ނުވެއެވެ.
ވީމާ އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ފުރަތަމަ ކަމަކަށް ޢަދުލުވެރިވާށެވެ. ކޮންމެ ކަމެއްގައިވެސް އިންބާފުވެރިކަން ކުރިއަށް ނެރޭށެވެ. ކުށް ކުރެވުނީ ތިމާއަށް ކަމުގައިވީނަމަ އަދަބުލިބިގަންނާށެވެ. ތިމާއަށް ކުށެއް ކުރެވިއްޖެނަމަ މާފަށް އެދެން ފަސްނުޖެހޭށެވެ. ހަމައެއާއިއެކު ތިމާގެ ޢާއިލާއިން ކުށެއްކުރިނަމަވެސް އެއީ ކުށެއްކަމަށް ޤަބޫލުކޮށް އިޞްލާޙްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ.
ހަމަ އެއާއިއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮންމެ ގެއެއްގައިވެސް އެތައް ބައަކު ދިރިއުޅޭނަމަ އެއެންމެންނަކީ އެއގޮތަކަށް ތަރުބިއްޔަތުކުރެވިފައިވާނެ ބައެއް ނޫނެވެ. ވީމާ މިކުރެވެނީ ކުށެއްކަމަށް ޤަބޫލު ނުކުރެވިތިބެވެސް ބައެއް ކަންކަން ކުރެވޭނެއެވެ. އެޙާލަތުގައި އެމީހަކު ދެކެ ރުޅި ނައިސް ވިސްނައިދޭން މަސައްކަތްކުރާށެވެ.
އަދިވެސް ފާހަގަކޮށްލާނަމެވެ. ގިނަ ބައަކު އެއްގެއެއްގައި އެކުގައި ދިރިއުޅޭއިރު، މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް، މައްސަލައެއް ކުރިމަތިވިނަމަވެސް ޙައްލުކޮށްގެން ދިރިއުޅޭނަމަ އެކުރެވެނީ ވަރަށް ހެޔޮ ޢަމަލެކެވެ. ދުނިޔޭގައި އަހަރެމެން ލައްވަވާފައި މިވަނީ ގުޅިގެން އެކުގައި ދިރިއުޅުމަށެވެ. ޖެހޭ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅުމަށެވެ.
އަހުރެން މިވާހަކަތައް މިދެއްކީ ފިރިހެނުންނަށް ނުވަތަ އަނހެނުންނަށް އަމާޒުކޮށްގެން ނޫނެވެ. ދެމީޙުންނަށެވެ. ދެމީހުންވެސް މިމަގުން ޢަމަލުކޮށްފިނަމަ އަބަދުވެސް ތިބެވޭނީ އުފަލުގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން