އަޅުގަނޑުގެ ބޭބެއާއި އޭނާގެ އަނބިމީހާ އުޅެނީ މައްސަލަ ޖެހިގެންނެވެ. އެހެންވެ އެދެމީހުންގެ ގުޅުން ރަނގަޅުކުރެވޭތޯ ކަމަށްބުނެ ޢާއިލާގެ ބައަކު އެބަ ސިޙުރު ހައްދުވައެވެ. އެއީ ހުއްދަކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ދެމަފިރިންގެ މައްސަލަތައް ޖެހިގެން އުޅޭނަމަ އެކަންކަން ރަނގަޅުކުރަން ސިހުރުހެދުމަކީ ހުއްދަކަމެއްކަމަށް ދެކޭ ބައަކުވެސް އުޅެއެވެ. އެމީހުން އެގޮތަށް ޤަބޫލުކުރަނީ ދެމަފިރިން ގުޅުވުމަކީ ރަނގަޅުކަމެއްކަމަށްވާތީއެވެ. ނަމަވެސް ކަމުގެ އަޞްލަކީ ރަނގަޅުކަމެއްކުރަންވެސް ޙަރާމްކަމެއް ކޮށްގެން ނުވާނެކަމެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه اللهގެ މިފަތުވާ ބައްލަވާށެވެ!
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދެމަފިރިން ގުޅުވުމަށްޓަކައި ސިޙުރުހެދުމަކީ ޙަރާމްވެގެންވާކަމެކެވެ. އަދި [މިފަދައިން ކަންކުރުމަށް]ހުއްދަވެގެން ނުވެއެވެ. މިއަށް ކިޔަނީ عَطْف އެވެ. [ދިވެހިބަހުންނަމަ: އިސްތިރިއެވެ.]
އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާ އެއްޗަށް ކިޔަނީ صَرْف އެވެ. [ދިވެހިބަހުންނަމަ: ވަރިތޮޅިއެވެ.] އެއީވެސް ޙަރާމްކަމެކެވެ. އަދި ކުފުރަކަށާއި އަދި ޝިރުކަކަށް އެކަންވެދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿…وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ… ﴾ [ سورة البقرة ١٠٢]
މާނައީ:
"… ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. الله ގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބައަކު ކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީޙުންނަށް ގެއްލުންދޭ، އަދި އެބައިމީޙުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ބަލައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ…"