މަރުވުމުން ދެން ކުރަންވީ ކަންކަން ސިކުނޑިއަކަށް ނުވިސްނޭނެ! 3 ސުވާލަށް ޖަވާބުދޭނީ ދުލެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަރުވުމުން ދެން ކުރަންވީ ކަންކަން ސިކުނޑިއަކަށް ނުވިސްނޭނެ! 3 ސުވާލަށް ޖަވާބުދޭނީ ދުލެއް ނޫން!

މަރުވުމަށްފަހު ހިނގާ ބައެއް ކަންކަން އެމީހާއަށް އެނގޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ޖަނާޒާއަށްފަހު މީސްތަކުން އެނބުރިދާއިރު ފިޔަޅުގެ އަޑު އިވޭނެކަންވެސް އެނގެން އެބައޮތެވެ. އެހެނަސް ަމރުވުމަށްފަހު އެމީހަކު ދެން ކަންކަން ކުރަންވާ ގޮތް އެމީހަކަށް ނުވިސްނޭނެއެވެ. އަދި ކުރަން ބޭނުންވާ އެއްވެސް ކަމެއްވެސް ނުކުރެވޭނެއެވެ. އެހިސާބުން އެވަނީ އެމީހެއްގެ ހުރިހާ ބާރުތަކެއް ކެނޑިގެން ގޮސްފައެވެ. 

ދެން އޮތީ ކައްވަޅުގައި މަލާއިކަތުން ކުރައްވަވާނެ 3 ސުވާލަށް ޖަވާބުދޭން ޖެހުމެވެ. އަހުރެމެންނަށް ހީވަނީ އަހުރެމެންނަކީ މުސްލިމުން ކަމަށްވީތީ އެއްވެސް އުނދަގުލެއް ނެތި ޖަވާބު ދެވޭނެ ކަމަށެވެ. އަހުރެމެންގެ ދީނަކީ އިސްލާމްދީން ކަމާއި ރަސޫލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމާއި އަހުރެމެންގެ ރައްބަކީ ﷲ ތަޢާލާކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެތީއެވެ. 

ދުނިޔޭގައި އެކަންކަން އެނގުނަސް ކައްވަޅުގައި ޖަވާބު ނުދެވެނީ ޖަވާބުދޭނީ ދޫ ކަމަށްނުވާތީއެވެ. ކޮންމެ މީހަކާއި ކުރެވޭ 3 ސުވާލަށް ޖަވާބުދޭނީ އެމީހެއްގެ ހިތެވެ. ހިތަށް ޖަވާބުދެވޭނީ އެމިހާގެ ނިޔަތުގެ މައްޗަށެވެ. މުސްލިމަކަށްވީތީ ޤަބޫލުކުރަންޖެހޭ ކަންކަން ހިތުން ޤަބޫލުކޮށްފައިވާނަމައެވެ. 

ހިތުން އެކަންކަން ޤަބޫލުކުރުމަކީ މުސްލިމަކަށްވީތީ ކުރަންޖެހޭނެ ކަންކަން ޢަމަލުން ކޮށްފައިވުމެވެ. ކޮންމެ މީހަކުވެސް އެމީހަކު ޤަބޫލުކުރާކަންކަން ޢަމަލުން ކުރަން މަސައްކަތްކުރާނެއެވެ. އެގޮތުން ތިމާއަކީ މުސްލިމެއްކަމާއި ރައްބަކީ ﷲ ތަޢާލާ ކަމާއި ރަސޫލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމުގައި އެމީހެއްގެ ހިތުން ޤަބޫލުކުރާމީހާ ޤުރްއާނަށް ޢަމަލުކުރާނެއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭނެއެވެ. ނަހީކުރައްވަވާފައިވާ ކަންކަމުން ދުރުހެލިވާނެއެވެ. 

މިވާހަކަކޮޅު ދެއްކުމުގެ ބޭނުމަކީ ކައްވަޅުގައި ކުރެވޭނެ 3 ސުވާލަށް ޖަވާބުދޭން ތައްޔާރުވާން މަގުފަހިކޮށްދިނުމެވެ. އެ 3 ސުވާލަށް ޖަވާބު ދެވިއްޖެ މީހަކު ޤިޔާމަތާއި ހަމައަށް ކައްވަޅުގައި އޮންނާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ސުވަރުގޭގެ ނިޢްމަތްތައް ލިބި އެންމެ އަރާމުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން