ތިބާއަށް ﷲ ތަޢާލާއާ މިހާރުވެސް މުޢާމަލާތު ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތިބާއަށް ﷲ ތަޢާލާއާ މިހާރުވެސް މުޢާމަލާތު ކުރެވޭނެ! އިން ޝާ ﷲ

ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އާއި މިހާރުވެސް މުޢާމަލާތުކުރެވޭނެއެވެ. މާނައަކީ އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދި ދެންނެވޭނެއެވެ. އެއަޑު ﷲ ތައާލާ އައްސަވައިވޮޑިގެންވެއެވެ. އެދި ދަންނަވާ ކަންކަން ހިންމަވައިވެސް ދެއްވަވަތެވެ. ހަމަ އެކަނި ﷲ ތަޢާލާގެ ޖަވާބު އަހަރެމެންގެ ކަންފަތަށް އަޑުނުއިވެނީއެވެ. އެދުނު ކަންކަން ހިންމަވައިދެއްވަވާކަން އެއީ ދެއްވަވާ ޖަވާބެވެ. ޢިޖާބަ ކުރެއްވެވުން ވެސް މިކިޔަނީ ހަމަ އެމާނައިގައެވެ. 

އެފަދަ މިޘާލެއްވެސް ބުނެލާނަމެވެ. 

އޭނާއަށް ނިދިނައިސްގެން އުޅެނިކޮށް ދަންވަރު 2.30 ވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ޔާ ﷲ! އިނބަ ﷲ ދެއްވެވުމުން މެނުވީ މިއަޅާއަށް ނިންޖެއް ނުލިބޭނެއެވެ. އިނބަ ﷲ ހިންމަވައި ދެއްވެވުމުން މެނުވީ އެހެން ބޭނުމެއްވެސް ނުފުދޭނެއެވެ. ޔާ ﷲ! މިއަޅާއަށް ރަހްމް ކުރައްވަވައި ނިދިކޮޅެއް މިއަޅާއަށް ދެއްވަވާނދޭވެ! އަދި ފަތިސް ވަޤުތު ވުމުގެ ކުރިން ހޭލެވި އިނބަ ﷲ އަށް އަޅުކަންކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން  

އެނގޭ ހެއްޔެވެ؟ ނުނިދި އެހައި ގިނައިރުވުމުން އޭނާ ހުރީ ވަރަށް ވަރުބަލިކަންމަތީގައެވެ. އެހެންވެ ގަޑި ސޯނާކުރާކަށްވެސް ހަނދާނެއް ނެތެވެ. އެކަމަކުވެސް ފަތިސްވުމުގެ 45 މިނިޓް ކުރިން ހޭލެވި އޭނާ އެދުނުފަދައިން ކަންކަން ކުރަން މަގުފަހިކޮށްދެއްވެވިއެވެ. 

މިފަދަ ކިތަންމެ ޙާދިޘާތަކެއްގެ ވާހަކަ ކިޔައިދީފާނަމެވެ. އެކިއެކި މީހުންނަށް ކުރެވިފައިހުރި ތަފާތު ތަޖުރިބާތަކުގެ ވާހަކައެވެ. އެހެންކަމަށްވާއިރު ތިބާއަށް ﷲ ތަޢާލާ އާއި މުޢާމަލާތު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ނުކުރެވޭނަމަ ނުކުރެވޭނީ އެމީހެއްގެ ކިބައިގައި އެ ޘާބިތުކަން ނެތުމުންނެވެ. އެޘާބިތުކަން ލިބިގަންނަން ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އިތުރަށް ކުއްތަންވުމަށް މަސައްކަތް ކުރުމެވެ. 

ހިތްވަރުކޮށްލާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން