ދެއްވަވާ ނިޢްމަތްތަކުގަ ބަރަކާތް ލައްވަވާނެ މަގު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދެއްވަވާ ނިޢްމަތްތަކުގަ ބަރަކާތް ލައްވަވާނެ މަގު- ޤުރްއާނުން

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. 

"ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާ ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ." (އަލް އައްރާފް: 96) 

މިއާޔަތުގައި އެވަނީ އަހަރެމެން މިބިންމަތީގައި ތިބިނަމަވެސް އީމާންވެ ތަޤްވާ ވެރިވީނަމަ، އުޑުންނާއި، ބިމުން، އަހަރެމެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވަވާނެ ކަމަށެވެ. ﷲ ތަޢާލާ އުޑުން އަހަރެމެންނަށް ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވަވައިދެއްވެވީމާ މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟ ބޭނުންވާ ހުރިހާ ކަންކަން ދާނީ ފުދެމުންނެވެ. 

އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ އެންމެ ފުރިހަމަ ގޮތުގައި އީމާންވުމެވެ. އެއީ ހުރިހާ ނިޢްމަތްތައް ދެއްވަވަނީ ﷲ ތައާލާކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެއިގެ ތެރޭގައި ރިޒުޤާއި ބަލިތަކަށް ޝިފާ އާއި މިހެން ގޮސް އަހަރެމެންނަށް ބޭނުންވާނެ ހުރިހާ ކަންކަން ހިމެނެއެވެ. 

ދެން ކުރަން މިޖެހޭ ކަމަކީ ތަޤްވާވެރިވުމެވެ. ތަޤްވާވެރިވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ. ހަމައެޢާއިއެކު ކުރަން އެންގެވި އެންމެހައި ކަންކަން ކުރަމުން ގެންދިއުމެވެ. ތަޤްވާވެރިކަމަކީ ފާފައިގެ ސަބަބުން ތިބާ ދެކެ ﷲ ތަޢާލާ ރުހިވޮޑިނުގަތުމާއި ދެމެދުގައި ލެވޭ އައްޑަނައެކެވެ. 

ބަރަކާތް ލިބިގަނެވޭނެ ދެވަނަ ކަމަކީ ބަރަކާތް ލެއްވެވިގެންވާ ފަތިސް ވަޤުތުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިފުމެވެ. ފަތިސްނަމާދުކޮށް ޛިކުރުކުރަން ވަޤުތުކޮޅެއް ހޭދަކުރުމެވެ. ފަތިސްނަމާދުނުކޮށް ނިދަން އޮތުމަކީ ފާފައެކެވެ. 

ފަތިސް ވުމުގެ ކުރިން ހޭލައި ފަތިސް ނަމާދުކޮށް ޛިކުރުކުރަން ވަޤުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދުވަހު ކުރަންހުރި ކަންކަން ކުރަންފެށުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ކަންނެތް ކުރުވައި ނިދަން ބާއްވުވަނީ ޝައިޠޯނާއެވެ. އެއީ އެދުވަހުގެ ބަރަކާތް ތިބާއަށް ލިބުނަ ނުދިނުމަށްޓަކައެވެ. 

 -ޝައިޚް މުޙައްމަދު އަލް ނަޤްވީގެ ދަރުސަކުން

 

މިއަދު އޮންލައިން